ގައިދީން ބޭނުންކޮށްގެން ކެމްޕެއިން ނުކުރުމަށް އިސީން އިލްތިމާސްކޮށްފި

އިދިކޮޅު ފަރާތްތަކުން މާލޭގައި ޕޯސްޓަރު ހިއްޕަނީ ---

ކުށް ސާބިތުވެ ހުކުމް ތަންފީޒުކުރަމުންދާ ގައިދީން ބޭނުންކޮށްގެން ސެޕްޓެމްބަރ 23 ގައި ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ބޭފުޅުން ތާއީދު ހޯދުމުގެ ހަރަކާތްތައް ކުރިއަށް ނުގެންދިއުމަށް އިލެކްޝަން ކޮމިޝަން (އީސީ) އިން އިލްތިމާސްކޮށްފިއެވެ.

އީސީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ހުކުމް ތަންފީޒުކުރަމުންދާ ގައިދީންނަށް ސިޔާސީ ޕާޓީއެއްގެ އާންމު މެންބަރެއްގެ ގޮތުގައި ހުރުން ފިޔަވައި އިތުރު އެއްވެސް ހަރަކާތެއްގައި ބައިވެރިވުމަކީ ގާނޫނީ ގޮތުން މަނާ ކަމެއް ކަމަށެވެ.

"ހުކުމެއް ތަންފީޒު ކުރަމުންދާ ފަރާތްތައް ބައިވެރިކޮށްގެން ސިޔާސީ ޕާޓީތަކުން ހިންގާ ތާއީދު ހޯދުމުގެ ހަރަކާތްތައް ކުރިއަށް ނުގެންދިޔުމަށް އިލްތިމާސްކުރަމެވެ،" އީސީން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.

ސިޔާސީ ޕާޓީތަކުން ކުރިއަށް ގެންދާ ހަރަކާތްތަކުގައި، ސިޔާސީ ޕާޓީއެއްގެ ގޮތުގައި ރަޖީސްޓްރީކޮށްފައިނުވާ ނަންތައް ބޭނުންކުރާ ކަމުގެ ޝަކުވާ އިސީއަށް ލިބިފައިވާތީ އެކަން ނުކުރުމަށް ވެސް ބަޔާނުގައި ވަނީ އެދިފައެވެ. އަދި އެނޫން ހައިސިއްޔަތަކުން ރަޖިސްޓްރީ ކުރެވިފައިނުވާ ނަމެއް ބޭނުންކޮށްގެން ކެންޑިޑޭޓުނަށް ތާއީދު ހޯދުމުގެ ހަރަކާތްތައް ނުބޭއްވުމަށް ވެސް އީސީން ވަނީ އިލްތިމާސްކޮށްފައެވެ.

އިދިކޮޅު ރިޔާސީ ކެންޑިޑޭޓުގެ ފޯމް ކޮމިޝަނަށް ހުށަހެޅުމަށް ދިޔަ މަގުމަތީ މެންބަރު ހުސައިން އަރީފް 'އެމްއާރުއެމް' ޖަހާފައިވާ ފިޔާތޮށި ދިދައެއް ހިފައިގެން --- ސަން ފައިލް ފޮޓޯ/ މުހައްމަދު އަފްރާހް

ސިޔާސީ ޕާޓީއަކަށް ނިސްބަތްވާ ނިޝާން، ކުލަ އަދި ޕާޓީއެއް ރަމްޒުކޮށްދޭ ތަކެތި އެ ޕާޓީއެއްގެ ހުއްދަ ނެތި ބޭނުން ނުކުރުމަށް އީސީގެ ބަޔާނުގައި ވަނީ އެދިފައެވެ.

"ސިޔާސީ ޕާޓީއަކުން ޖަލްސާތަކުގައާއި ތާއީދު ހޯދުމަށް ބާއްވާ ހަރަކާތްތަކުގައި ބޭނުންކުރާ ކުލަ އެހެން ސިޔާސީ ޕާޓީއަކުން އެ ޕާޓީގެ ހުއްދައާ އެކު ނޫންގޮތަކަށް ބޭނުން ނުކުރުން،" އީސީގެ ބަޔާނުގައި ވެއެވެ.

އީސީން ބުނީ، ގާނޫނާއި ގަވާއިދުގެ ތެރެއިން ތާއީދު ހޯދުމަށް ބާއްވާ ހަރަކާތްތަކަށް އަބަދުވެސް އެ ކޮމިޝަނުން ފުރިހަމަ އެއްބާރުލުން ދެމުން ގެންދާނެ ކަމަށެވެ.

ސިޔާސީ ޕާޓީއަކަށް ނިސްބަތްވާ ކުލަ އާއި ރަޖިސްޓްރީ ކޮށްފައިނުވާ ނަންތައް ސިޔާސީ ހަރަކާތްތަކުގައި ބޭނުން ނުކުރުމަށް އީސީން އިލްތިމާސްކޮށްފައި މިވަނީ ޕީޕީއެމްގެ ކުރީގެ ރައީސް، މައުމޫނަށް ތާއީދު ކުރާ ފަރާތްތަކުން 'މައުމޫން ރިފޯމް މޫމެންޓް'ގެ ނަމުގައި ހަރާކްތެރިވެ، ފިޔާތޮށި ކުލަ ބޭނުންކުރަން ފަށާފައި ވަނިކޮށެވެ.

comment ކޮމެންޓް