އިދިކޮޅު ކޯލިޝަނުން އިލެކްޝަން ކޮމިޝަންގެ އިސްވެރިންނާ ބައްދަލުކޮށްފި

އިލެކްޝަންސް ކޮމިޝަންގެ އިސްވެރިންނާ ބައްދަލުކުރެއްވުމަށްފަހު ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ނޫސްވެރިންނަށް މައުލޫމާތު ދެނީ --- ފޮޓޯ/ ރާއްޖެ އެމްވީ

އިދިކޮޅު ކޯލިޝަނުން އިލެކްޝަންސް ކޮމިޝަންސްގެ އިސްވެރިންނާ ބައްދަލުކުރައްވައިފިއެވެ.

އެ ބައްދަލުކުރެއްވުމަކީ އަންނަ މަހު އޮންނަ ރިޔާސީ އިންތިޚާބާ ގުޅޭގޮތުން ބައެއް ކަންބޮޑުވުންތައް ހިއްސާކުރުމަށް ބޭއްވި ބައްދަލުވުމެކެވެ.

ރީ ރަޖިސްޓްރޭޝަންގެ ފޯމުތައް އިލެކްޝަން ކޮމިޝަން ނޫން އެހެން ދިމާތަކަށް ދާކަމަށް ތުހުމަތުކޮށް، އެކަން މިއަދު ވަނީ އެ ކޮމިޝަންގެ ސަމާލުމަކަށް ގެނެސްފައެވެ.

މައުމޫން ރިފޯމް މޫވްމަންޓް (އެމްއާރްއެމް) ގެ ފަރާތުން ވާހަކަ ދައްކަވަމުން އާމިނަތު ނާދިރާ ވިދާޅުވީ އިންތިޚާބު އޮންނަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްކަން އަދިވެސް ކަށަވަރުވެފައިނުވާތީ އެކަމުގެ ކަންބޮޑުވުންތައް ހިއްސާކޮށްފައިވާނެ ކަމަށް ނާދިރާ ވިދާޅުވިއެވެ.

ވޯޓުލާ ދުވަހަކީ ސަރުކާރު ބަންދު ނޫން ދުވަހެއް ކަމުގައިވާނަމަ އެތައް ބައެއްގެ ވޯޓުލުމުގެ ހައްގު ގެއްލޭނެ ކަމަށް ނާދިރާ ވިދާޅުވިއެވެ.

ޖުމްހޫރީ ޕާޓީގެ ފަރާތުން ވާހަކަދައްކަވަމުން ގާނޫނީ ވަކީލު މުހައްމަދު ފަރީދު ވިދާޅުވީ ރީ ރަޖިސްޓްރޭޝަންގެ ފޯމުތައް އިލެކްޝަންސް ކޮމިޝަން ނޫން އެހެން ދިމާލަތަކަށްދާ މައްސަލަ ފުލުހުން ބަލަމުންދާ ކަމަށް އެ ކޮމިޝަނުން މިއަދު ބުނެފައިވާ ކަމަށެވެ.

ރިރަޖިސްޓާ ކުރެވުންތޯ ޔަގީންކުރުމަކީ ރައްޔިތުންގެ ޒިންމާއެކަމަށާއި ރީރަޖިސްޓަރ ވެފައިވޭތޯ ބަލައި ކަށަވަރުކުރުމަށް ފަރީދު ވަނީ އިލްތިމާސް ކުރައްވާފައެވެ.

މީގެއިތުރުން ބަންދުގައި ޖަލުގައި ތިބި ގައިދީންނާއި ގޭ ބަންދުގައި ތިބި މީހުންގެ ރީ ރަޖިސްޓްރޭޝަންގެ ފޯމްތައް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ނެގި ނަމަވެސް އެ ފޯމުތައް އިލެކްޝަންސް ކޮމިޝަނަށް ހުށަނާޅާ ކަމުގެ ޝަކުވާ ލިބެމުންދާ ކަމަށް މައުމޫން އެމްއާރްއެމްގެ ފަރާތުން ވާހަކަ ދެއްކެވި ނާދިރާ ވިދާޅުވިއެވެ.

އެ މައްސަލަ ވެސް އިދިކޮޅު ކޯލިޝަނުން މިއަދު ވަނީ އިލެކްޝަންސް ކޮމިޝަންގެ ސަމާލުކަމަށް ގެނެސްފައެވެ.

ހަމައެހެންމެ ރިސޯޓު ތަކުގެ މުވައްޒިފުންނަށް ވޯޓުލުމަށް ފަސޭހަކޮށްދީފައިނުވާ ކަމަށް ބުނެ، އެކަން ވެސް ވަނީ އެ ކޮމިޝަންގެ ސަމާލުކަމަށް މިއަދު ގެނެސްފައެވެ.

comment ކޮމެންޓް