ބައިޕާސް ސާޖަރީ: އެންމެ ފަހުން ދިވެހިންގެ އަމިއްލަ ގައުމުގައި، އަތް ފޯރާ ފަށަށް!

ރާއްޖޭގައި ކުރި ފުރަތަމަ ކާޑިއެކް ބައިޕާސް ސާޖަރީ ހެދި ޑޮކްޓަރުންގެ ޓީމް-- ފޮޓޯ: އޭޑީކޭ

ކޮންމެ ކަމެއްވެސް ފެށޭނީ މިފަދަ ގޮތަަކަށެވެ. ރާއްޖޭގައި ފުރަތަމަ ލޮލޮގެ އޮޕަރޭޝަނެއް ކުރަން އުޅުނު ހާލު އެނގޭ ހެއްޔެެވެ؟ ލޮލޮގެ ސާޖަރީ ކާމިޔާބު ވާނެތޯ ނޫނީ ނުވާނެތޯ އޭރު ވެސް މީހުން ސުވާލު އުފެއްދި އެވެ. ސުވާލުތަައް ކޮޅުންލައިގެން ދިޔައީ ދިވެހި ލޮލޮގެ ޑޮކްޓަރަކު ހިތްވަރުއެލުވާނުލައި އިސްނެގި ނެގުމުގެ ސަބަބުންނެވެ. އޭރު އެ ސުވާލުތައް އުފެއްދި މީހުންނަށް ޖަވާބު ވެސް ލިބުނެެވެ. ލޮލޮގެ އޮޕަރޭޝަންތައް ރާއްޖެއަށް އަލިވިލީ އެ ހިސާބުންނެވެެ.

ބަވަނަ ވަމުންދާ މި ދުނިޔޭގައި ރާއްޖެއިން ވެސް ދަނީ ތަރައްގީގެ ފޮނިވޭމާގެ ރަހަ އެކި ގޮތްގޮތަށް ދެކެމުންނެވެ. ރާއްޖޭގެ އެންމެ ބޮޑު ޕްރައިވެޓް އެއް ހޮސްޕިޓަލް އޭޑީކޭ އިން މިއަދު ވަނީ ސިއްހީ ދާއިރާ އިން މުޅިން އާ ހަރުފަތެއް ގިރާކޮށް އޭގެ ފޮނިމޭވާ ދިވެހިންނަށް ލިބޭނެގޮތް މަގުފަހިކޮށްދީފަ އެވެ. ހިތުގެ މައްސަލަތައް އިންތިހާއަށް ގިނަ މިގައުމުގައި، ބައިޕާސް ފަދަ އުނދަގޫ "ކޮމްޕްލިކޭޓެޑް" ސާޖަރީއެއް އޭޑީކޭ އިން ކުރެވޭތަން ފެންނަމުންދިއުމަކީ ކޮންމެ ދިވެއްސަކަށް ވެސް ދެން ވަރަށް ހިތް ހަމަޖެހުން ލިބިގެންދާނެ ކަމެކެެވެ.

ބައިޕާސް އޮޕަރޭޝަނަކީ ހިތް ހުއްޓުމުގެ ނުރައްކާ ކުރިމަތިވާ މިހުންނަށް ކުރާ އޮޕަރޭޝަނެކެވެ. އެ އޮޕަރޭޝަނަކީ ހަށިގަނޑުގެ އެހެން ގުނަވަންތަކުން ނާރުތައް ނަގައި ހިތުގެ ނާރުތައް ބަދަލުކޮށް ކުރެވޭ ވަރަށް "ރިސްކީ" އޮޕަރޭޝަނެކެވެ.

ގިނަ މީހުން ސުވާލު ކުރާނެއެވެ. މިހާ ދުވަސް ވީއިރު ވެސް މިކަން ނުފެށުނީ ކީއްވެގެން ހެއްޔެވެ؟ ބައިޕާސް ފަދަ ސާޖަރީ ރާއްޖެ އިން ކުރަން މީހުން ޖެހިލުންވަނީ ހެއްޔެވެ؟

https://sun.mv/109204

އޭޑީކޭ އިން ފުރަތަމަ ބައިޕާސް ހަދާފައި ވަނީ މަސްތުވާތަކެތީގެ މައްސަލައެއްގައި މާފުށީ ޖަލުގައި ހުކުމް ތަންފީޒުކުރަމުން އަންނަ ގައިދީއެއްގެ އެވެ. ނަމަވެސް ބައިފާސް ފަދަ ސާޖަރީއަކަށް އޭޑީކޭ ހޮސްޕިޓަލް "ފައްކާ" ވެފައި އޮންނަތާ ކުޑަދުވަސްކޮޅެއް ފާއިތުވެގެން ހިނގައްޖެ އެވެ. އެ ހޮސްޕިޓަލުން ދާދިފަހުން ކާޑިއެކް ސެންޓަރު ހުޅުވި އިރު ކެތުލެބާ އެކު ބައިޕާސް ސާޖަރީއަށް ވެސް އޮތީ ތައްޔާރުވެގެންނެެވެ. އެކަމަށް ޓީމް ބިލްޑްކޮށް ބޭނުންވާ ހުރިހާ ވަސީލަތްތަކެއް ހޯދައިގެން ވަރަށް ކުޑަވަގުތުކޮޅެއް ހޯދައިގެން އެކަހަލަ ކޭސްއެއް ކުރިއަށް ގެންދެވޭ ހިސާބަކަށް އޭޑީކޭ އޮތީ ގެންގޮސްފަ އެވެ.

"ދެން ކޭސްއެއް ލިބުން ދަތިވެދާނެކަމެއް. އެއީ ދިވެހިރާއްޖޭގައި އަލަށް މިފަދަ ބޮޑު ސާޖަރީއެއް، އާންމުންނަށް ވެސް އެނގިފައިވާ ސާޖަރީއެއް، ދިވެހި ސިއްހީ ހިދުމަތްދޭ ތަނަކަށް އިތުބާރުކޮށް އެބޭފުޅުންގެ އިތުބާރުގެ މައްޗަށް އެފަދަ ސާޖަރީއަކަށް ހުށަހެޅެން އެއްބަސްވުން އެއީ ހަގީގަތުގައި ވަރަށް ބޮޑު ކަމެއް." އޭޑީކޭއިން ކުރި ބައިޕާސް ސާޖަރީއާ ބެހޭ ގޮތުން މިއަދު ހަވީރު މީޑިއާއަށް މައުލޫމާތު ދެއްވަމުން އެ ސާޖަރީގައި އިސްކޮށް އުޅުއްވި ދިވެހި ޑޮކްޓަރު މުހައްމަދު ޝާފިއު ވިދާޅުވި އެވެ.

ޝާފިއު ވިދާޅުވި ބައިޕާސް ސާޖަރީއަށް އާންމުކޮށް ހަ ގަޑި އިރު ހޭދަވިޔަސް އެ ސާޖަރީއަށް ނުވަ ގަޑިއިރު ނެގި ކަމަށެވެ.

ރާއްޖޭގައި ކުރި ފުރަތަމަ ކާޑިއެކް ބައިޕާސް ސާޖަރީއާ ބެހޭގޮތުން މައުލޫމާތު ދިނުމަށް ބޭއްވި ޕްރެސް ކޮންފަރެންސްގެ ތެރެއިން-- ފޮޓޯ: އޭޑިކޭ

ޝާފިއު ވިދާޅުވީ އެފަދަ ސާޖަރީތަކުން މީހުންނާއި އާއިލާތަކުގެ އިރުބާރު ލިބުމަކީ ހަމައެކަނި އޭޑީކޭ ހޮސްޕިޓަލް ކުރިއަރައިގެން ދިޔުން ނޫން ކަމަށާއި އަދި މިއީ ރާއްޖޭގެ ސިއްހީ ނިޒާމް ކުރިއަރައިގެން ދިއުމަށް ވަރަށް މުހިންމުކަމެއް ކަމަށެވެ.

ބަލިމީހާގެ އިތުބާރު ލިބި ބައިޕާސް ފަދަ ބޮޑު އޮޕަރޭޝަނެއް ކުރާ އިރު، އޮޕަރޭޝަނުން ނެެރެން ބޭނުންވި ނަތީޖާ ނެރެވުނުބާ އެވެ؟ މިއީ ހިތުގެ ބަލިތައް ރާއްޖޭގައި ތަހައްމަލް ކުރަމުންދާ ދެންތިބި މީހުން އެ އޮޕަރޭޝަނަށް ހުށަހެޅުމުގެ ކުރިން ކޮންމެހެން ވެސް އޮޅުންފިލުވަން ބޭނުންވާ ސުވާލެވެެ. އެއް ހަރުފަތް ކާމިޔާބުކޮށް އަނެއް ހަރުފަތަށް ދުއްވައިގަތުމަށް އެ މިސާލުން މިސާލު ނަގާނެ ކިތަންމެ ބަޔަކު އުޅޭނެ އެވެ.

އޭޑީކޭ ހޮސްޕިޓަލުން ބުނީ އެ އޮޕަރޭޝަން ކުރި މީހާއަކީ ކުރިން ވެސް ހާޓް އެޓޭކެއް ޖެހިފައިވާ މީހެއް ކަމަށެވެ. އަދި އޭނާ މެއަށް ތަދުވާވަރުން ހޮސްޕިޓަލަށް ގެނެސް ބެލިބެލުމުން އޭނާގެ ހިތުގެ އެންމެ މައިގަނޑު "އާޓަރީ"ގެ 90 ޕަސެންޓް ބެދިފައިވާ ކަން އެނގިގެން ދިޔަ ކަމަށާއި އަދި އެ ސާޖަރީ ނުކުރި ނަމަ އޭނާއަށް ދެވަނަ ފަހަރަށް ހާޓް އެޓޭކެއް ޖެހުމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށް އޭޑީކޭ އިން ބުންޏެވެ.

"ސާޖަރީއަށް ފަހު ވެސް ވަކިން ހާއްސަ ކުރެވިފައިވާ ކާޑިއެކް ކެއާ ޔުނިޓެއްގައި ޕޭޝަންޓް ބޭއްވިގެން ވަރަށް ގާތުން ޕޭޝަންޓްގެ ވަރަށް ބައިވަރު ކަންތައްތައް ބަލަމުން ގޮސް ފުރަތަމަ ސާޖަރީއަށް ފަހު މިހާރު މެޝިނުން ނެގޭ ވަރަށް ރަނގަޅު ވެއްޖޭ. އަދި މެޝިނުން ނެގުމަށް ފަހު ވެސް ވަރަށް ބައިވަރު ހަރުފަތްތަކެއް ގާއިމުކުރުމަށް ފަހު ވެސް ޕޭޝަންޓް މުޅިން ރަނގަޅުވީ ކަމަށް ނިންމޭނީ." ޝާފިއު ވިދާޅުވި އެވެ.

ބައިޕާސް ސާޖަރީފަދަ ހިދުމަތްތައް ދެވޭގޮތަށް އޭޑީކޭއިން ތައްޔާރުކޮށްފައިވާ ކެތުލެބް---ފޮޓޯ: މިއަދު

ޝާފިއު ވިދާޅުވީ މިހާހިސާބަށް އެ ސާޖަރީ ދިޔައީ ވަރަށް ރަނގަޅަށް ކަމަށާއި އަދި އަދި ކުރިއަށް އޮތް ތަނުގައި އެ ހޮސްޕިޓަލަށް އަންނަ ޕޭޝަންޓުން ވެސް ވަރަށް ރަނގަޅު ނަތީޖާއެއް ނެރެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.

ބައިޕާސް ސާޖަރީ ކާމިޔާބުތޯ ނޫނީ ނޫންތޯ އެނގޭނީ އަދި ދުވަސްތަކެއް ފަހުންނެވެ. އެ އޮޕަރޭޝަން ކާމިޔާބު ވެއްޖެ ނަމަ ދެން އެ މަގުން ހިނގަން ބޭނުންވާ ފަރާތްތައް ވެސް އޭޑީކޭއަށް މިސްރާބު ޖަހާނެ އެވެ. އޭޑީކޭ ފަދަ ޕްރައިވެޓް ހޮސްޕިޓަލަކުން އެފަދަ ބޮޑު ހިދުމަތްތައް "އަތް ފޯރާނެތޯ" ނުވަތަ ނޫންތޯ މިއީ ހަމަ ކޮށްލަން އަނެއްކާ ވެސް ރަނގަޅު ސުވާލެކެެވެ.

"މިސާޖަރީއާ ހިދުމަތްތަކަށް ވެސް އަޅުގަނޑުމެން ހުންނާނީ އަގު ޕެކޭޖް ހަދާފައި. އެ ޕެކޭޖްއޭ މިބުނަނީ އެކަމަށް ހޮސްޕިޓަލަށް މީހާ އެޑްމިޓްވުމާ ނިމިގެންދާ ހިސާބަށް އަގުތައް ހެދިފައި މި ހުންނަނީ. ދެން އެންޖިއޮގްރަފީ އަދި އެންޖިއޮޕްލާސްޓާ ފަދަ ކަންކަމުގައި 75 ޕަސެންޓް އާސަންދައިން ކަވަރުކުރޭ. އަޅުގަނޑުމެންނަށް އާސަންދަޔާ ކުރެވުނު މަސައްކަތްތަކުގެ ދަށުން ރައްޔިތުންނަށް ހިދުމަތް ހޯދުމަށް މިއީ ފަސޭހައެއް. ދެން ސާޖަރީ ޕެކޭޖްތައް 65 ޕަސެންޓް އާސަންދައިން ކަވަރުކުރޭ." ޝާފިއު ވިދާޅުވި އެވެ.

ދިވެހިންގެ އަމިއްލަ ގައުމުގައި ބައިޕާސް ފަދަ ބޮޑު ސާޖަރީ ހެދޭތަން ފެނިގެން ދިއުމަކީ އަޅުގަނޑުމެންނަށް ލިބުނު ވަރަށް ބޮޑު ފަހުރެކެވެ. އަދި އެއަށް އިތުރުކޮށްލަން އާ ވާހަކައެއް ވެސް އެބައޮތެވެ. އެ ބޮޑު ސާޖަރީ ހެދުމުގައި އިސްކޮށް އުޅުނީ ވެސް ހަަމަ ދިވެހިންނެވެ.

އެ ސާޖަރީގައި އެންމެ އިސްކޮށް އުޅުއްވައިފައި ވަނީ ރާއްޖޭގެ ފުރަތަމަ ކާޑިއޯތޮރޭސިކް އެންޑް ވެސްކިއުލާ ސާޖަންގެ ގޮތުގައި 2013ގައި މަސައްކަތް ކުރައްވަން ފެއްޓެވި ޑރ. މުހައްމަދު ޝާފިއު އެވެ. ޝާފިއު ވަނީ މީގެ ކުރިން ވެސް ރާއްޖެއިން ބޭރުގެ ހޮސްޕިޓަލްތަކުގައި އެފަދަ ސާޖަރީތައް ހެއްދުވުމުގައި މަސައްކަތްކުރައްވައިފަ އެވެ.

"ސާޖަރީގައި އެނެސްތީސިއާ ސައިޑުން ޑރ. ދުސޫމާ އަދި ޑރ. އާމާލް ބައިވެރިވެލެއްވި. އަދި ނާސިން ސައިޑުން ވެސް ވަރަށް ސީނިއާ ދިވެހި ދެ ބޭފުޅުން ބައިވެރިވެލެއްވި." ޝާފިއު ވިދާޅުވި އެވެ.

ބައިޕާސް ސާޖަރީއަކީ ރާއްޖޭގެ ސިއްހީ ދާއިރާއެއް އެންމެ ފަހުން އިތުރުވި ބޮޅެވެކެވެ. ހާއްސަކޮށް ހިތުގެ ބަލިތަކަކީ ރާއްޖޭގައި ވަރަށް އާންމު ބަލިތަކަަކަށް ވެފައި އަމިއްލަ ފަސްގަނޑުގައިތިބެ ބަލިތަކަށް ފަރުވާ ލިބޭތަން ފެނުމުން ގިނަ ބަޔަކަށް އޭގެން ލުއި ފަސޭހަވެ ރާއްޖޭގެ އިގްތިސާދަށް ވެސް ދުވަސްތަކެއް ނުވެ އެކަން އެނގޭނެ އެވެ. ޓްރީޓޮޕް އާއި ދަރުމަވަންތަ އަދި އޭޑީކޭ އިން އެންމެ ޒަމާނީ ހިދުމަތްތައް ރާއްޖެއިން ލިބެންފެށުމަކީ ދިވެހިންނަށް ލިބުނު ނަސީބެކެވެ.

comment ކޮމެންޓް