ކެނެޑާއިން ސައުދީއަށް: އަދިވެސް ހައްގުތަަކުގެ ވާހަކަ ދައްކާނަން، ސުލްހަވާންވެސް ބޭނުން

ސައުދީ ވަލީއަހުދު އަދި ކެނެޑާގެ ބޯޑުވަޒީރު ޓްރޯޑޯ

ކެނެޑާ އާއި ސައުދީއަރަބިއްޔާއާ ގުޅުންތައް ގޯސްވެ، ޑިޕްލޮމެޓިކް ހުރިހާ ގުޅުންތަކެއް ކަނޑާލިނަމަވެސް، ހައްގުތަކުގެ ވާހަކަ ދެއްކުން ހުއްޓާނުލާނެ ކަމަށާއި އަދި ސުލްވަރިކަން އިސްކޮށް މައްސަލަ ހައްލުކުރުމަށް ބޭނުންވާ ކަމަށް ކެނެޑާއިން ބުނެފިއެވެ.

ކެނެޑާގެ ބޮޑު ވަޒީރު ޖަސްޓިން ޓްރޯޑާ ވިދާޅުވީ އެގައުމާ ސައުދީ އަރަބިއްޔާއާ ދެމެދު ޖެހިގެން އުޅެނީ ޑިޕްލޮމެޓިކް ހިޔާލުތަފާތުވުމެއް ކަމަށެވެ.

"އަޅުގަނޑުމެން ބޭނުމެއް ނޫން ސައުދީއާ ގުޅުންތައް ގޯސްވާކަށް. ސައުދީއަކީ ދުނިޔެއަށް ވަރަށް މުހިންމު ގައުމެއް. ސައުދީން ދަނީ އިންސާނީ ހައްގުތަކުގެ ރެކޯޑްވެސް ރަނގަޅު ކުރަމުން. ސައުދީއާ ޑިޕްލޮމެޓިކް ވާހަކަތައް ކުރިއަށްގެންދާނަން،" ޓްރޫޑޯ ވިދާޅުވިއެވެ.

ދުނިޔޭގެ ހުރިހާ ތަނެއްގައިވެސް އިންސާނީ ހައްގުތަަކަށް ދިމާވެފައިވާ ކަންތައްތައް ހައްލުކުރުމަށް ކެނެޑާއިން މަަސައްކަތް ކުރައްވާނެ ކަމަށް ޓްރޯޑޯ ވިދާޅުވިއެވެ.

ސައުދީން ކެނެޑާއާ ހުރިހާ ޑިޕްލޮމެޓިކް ގުޅުންތަކެއް ކަނޑާލިއިރު، އެގައުމާ ހުރިހާ ވިޔަފާރީގެ ގުޅުންތައް ކަނޑާލައި އަދި އެގައުމުގެ ހުންނަ ކެނެޑާގެ ސަފީރުވެސް ވަނީ ބޭރުކޮށްލައިފައެވެ.

https://sun.mv/109015

ކެނެޑާއާ ދެކޮޅަށް ސައުދީން މިހާ ހަރުކަށި ފިޔަވަޅުތަކެއް އެޅީ، ސައުދީން ހައްޔަރު ކުރި އެކްޓިވިސްޓުންތަކެއް ދޫކޮށްލުމަށް ކެނެޑާގެ ފޮރިން މިނިސްޓްރީން މިދިޔަ ހަފްތާގައި ގޮވާލުމުންނެވެ. ކެނެޑާއިން ވަނީ އެ މީހުން ދޫކޮށްލުމަށާއި، އިންސާނީ ހައްގުތަކަށް އަރައިނުގަތުމަށް ސައުދީއަށް ގޮވާލާފައެވެ.

ސައުދީން ބުނަނީ ކެނެޑާއިން އެ މައްސަލައިގައި ވާހަކަދެއްކީ ވަކި ކޮޅަކަށް ބުރަވެގެން ކަމަށެވެ. އަދި އެ މައްސަލައިގެ ހަގީގަތަށް ވެސް އެ ގައުމުން ނުބަލާކަމަށް ސައުދީގެ ފޮރިން މިނިސްޓްރީން ވަނީ ބުނެފައެވެ. ނަމަވެސް ކެނެޑާއިން އެވާހަކަ ވަނީ ދޮގުކޮށްފައެވެ.

comment ކޮމެންޓް