ގިނަ ފިލްމުތަކެއް އިއުލާން ކުރޭ، އެކަމަކު ސިނަމާއަށް މަދު ފިލްމެއް!

21 ޑިސެމްބަރ 2016: ދަރުބާރުގޭގައި މިރޭ ބޭއްވި ހަތް ވަނަ ގައުމީ ފިލްމު އެވޯޑްސް ހަފްލާގެ ތެރެއިން---ސަން ފޮޓޯ/ އަފްރާހް

ކޮންމެ އަހަރަކުވެސް ދިވެހި ސިނަމާއަށް ބިޒީ ދުވަސްކޮޅެއް އާދެއެވެ. ކުޅަދާނަ އެތައް ވާހަކަ ލިޔުންތެރިންތަކެއްގެ ތަފާތު ވާހަކަތަކެއްގެ މައްޗަށް ކާމިޔާބު ޑައިރެކްޓަރުންގެ ގިނަ ފިލްމުތަކަކުން އޮލިމްޕަސް ސްކްރީން ފަޅުފިލުވައިދެއެވެ. ކޮންމެ އަހަރަކުވެސް މަދުވެގެން ހައެއްކަ ފިލްމު ރިލީޒްކުރެއެވެ. ނަމަވެސް އެއީ އެ އަހަރަކަށް އިއުލާނުކުރާ ފިލްމުތަކުގެ ތެރެއިން ބައެއް ފިލްމެވެ.

ދިވެހި ސިނަމާ އާންމުކޮށް ފަޅުވާނީ ރޯދައިގެ ފަހުންނެވެ. އަހަރު ފެށިގެން ފިލްމުތައް ސްކްރީންކުރަމުން އަންނަނީ ފޯރީގައެވެ. ނަމަވެސް ރޯދައިގެ ފަހުން ގިނަ ފިލްމުތައް ލަސްވެގެންދަނީ ޖެހިގެން އަންނަ އަހަރަށެވެ. އަހަރުގެ ކުރީކޮޅު އިއުލާން ކުރާ ފިލްމުތައް ސްކްރީންނުން ބަލާލަން އިންތިޒާރުގައި ތިބޭ އެތަކެއް ބަޔަކަށް ލިބެނީ ހިތްދަތި ހަބަރެކެވެ. ޖެހެނީ ކުރަމުން އައި އިންތިޒާރު އަނެއްކާވެސް ދިގުކުރާށެވެ.

ކޮންމެ އަކަސް މިއަހަރުގެ މިހާތަނަށް ރޯދައިގެ ކުރިން ދިވެހި ސިނަމާއަށް ވަނީ ހަތަރު ފިލްމެއް ގެނެސްދީފައެވެ. އެއީ ފެބުރުއަރީގައި އެޅުވި "ދެވަންސޫރަ"އާއި މާޗުގައި އެޅުވި "ވަކިން ލޯބިން" އާއި ހަމަ އެ މަހު އެޅުވި "ރޭވުމުން"ގެ އިތުރުން އެޕްރީލްގައި އެޅުވި "ތިޔަ ލޯތްބާ ދުރަށް"އެވެ. ތަފާތު ޑައިރެކްޓަރުންގެ ތަފާތު ޑައިރެކްޝަން ތަކެވެ.

ލީނާގެ ޕޯސްޓަރެއް---

އެހެން އަހަރުތަކެކޭ ވެސް އެއްފަދައިން މި އަހަރުވެސް ފެށިގެން އައީ ގިނަ ފިލްމު ތަކެއް އިއުލާން ކުރަމުންނެވެ. ނަމަވެސް ރޯދައިގެ ފަހުން އަދި ފިލްމެއް އޮލިމްފަސް ސްކްރީނަކަށް ނާދެއެވެ. ދެން ކުރިޔަށް ހުރީ ކޮން ފިލްމު ތަކެއްބާއެވެ؟ އަނެއްކާވެސް އަންނަ އަހަރަށް ކިތައް ފިލްމު ލަސްވިބާވައެވެ؟

އެންވިޝަން އެންޓަޓެއިންމެންޓުން މިދިޔަ އަހަރު ގެނެސްދިން ކޮމެޑީ ރޮމޭންޓިކް ފިލްމު ނޯޓީ 40 އަށް ފަހު އެމީހުން މަަސައްކަތް ކުރީ 40 ޕްލަސް ގެ ނަމުގައި ފިލްމެއް ރިލީޒްކުރާށެވެ. އައު ތަރިން ހޯދައި ފިލްމުގެ ޝޫޓިން ތ ބުރުނީގައި ނިންމާލީ މި ހިނގާ އޯގަސްޓު މަހުގެ ފުރަތަމަ ދުވަހު ރިލީޒްކުރަން ތާވަލުކޮށްފައެވެ. ނަމަވެސް ފިލްމު ސްކްރީނަކަށް ނައެވެ. އެ ފިލްމުގެ ޕްރޮޑިއުސަރ އިސްމާއިލް ޝަފީގު ބުނީ، ފިލްމު ރިލީޒްކުރާނެ ތާރީހެއް ފައިނަލް ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް އެ ފިލްމު ވެސް މިއަހަރު ފެންނާނެކަމުގެ އުންމީދެއް ނެތެވެ.

ދެން މިއޮތީ ފިލްމީދާއިރާގައި 21 އަހަރަށް ވުރެ ގިނަ އަހަރު މަސައްކަތްކޮށްދީފައިވާ ނިއުމާ މުހައްމަދު ސްކްރީނުން ފެންނާނެ އެންމެ ފަހު ފިލްމު "ނިވައިރޯޅި"އެވެ. ފިލްމުގެ ޝޫޓިންގެ ބޮޑު ބައި ރ. އިނގުރައިދޫގައި ޝޫޓުކޮށްފައިވާއިރު މާލޭގެ ޝޫޓިންގައި "ނިވައިރޯޅި" ޓީމު ބިޒީއެވެ. މޫމިން ފުއާދު ލިޔެ، ޑައިރެކްޓް ކުރާ "ނިވައިރޯޅި" ސިނަމާއަށް ގެންނަ ގޮތަށް މިހާރު ހަމަޖައްސާފައިވަނީ އޮކްޓޫބަރ މަހުގެ 15ގައެވެ. ފިލްމުގެ ފުރަތަމަ ޓްރެއިލާ ވަރަށް އަވަހަށް ރިލީޒް ކުރާނެއެވެ. މިއީ ހަމަ ޔަގީންނުން ވެސް މިއަހަރު ފެންނާނެ ފިލްމެކެވެ.

"ނިވައިރޯޅި" ގެ މަންޒަރެއް: ފޮޓޯ ފޭސްބުކް

މީގެ އަހަރުތަކެއް ކުރިން މަރާލާފައިވާ އަޒްލީނާ ނަފީސްގެ މަރުގެ ހާދިސާ އަސްލަކަށް ބަލައިގެން ފިލްމީ ތަރި އަބްދުﷲ މުއާޒު (މުއާ) "ލީނާ" ގެ ނަމުގައި ފިލްމެއް ވުޖޫދު ކުރަން ނިންމީ މިހާރު ފިލްމީ ދާޢިރާގައި ހުރި އެންމެ ޑިމާންޑް ބޮޑު ތަރި މިރިޔަމް އައްޒަ ލީޑު ރޯލަށް ލައިގެންނެވެ. ފިލްމުގެ ޝޫޓިން އއ. އުކުޅަހުގައި ކޮށް ނިންމާލާފައިވާއިރު ފިލްމު ރިލީޒްކުރާނެ ތާރީހެއް އަދި ކަނޑައަޅާފައެއް ނުވެއެވެ. މުއާ ހުރީ މި އަހަރު ފިލްމު ބޮޑު ސްކްރީނަށް ގެންނަން އަތުކުރި އޮޅާލައިގެންނެވެ. އަންނަ ޢީދުގެ ފަހުން ފިލްމުގެ ޕްރޮމޯޝަން ފަށައި ފިލްމު އަޅުވާނެ ތާރީހެއް ކަނޑައަޅާނެ ކަމުގެ އަޑުތަކެއް މިހާރު ވަނީ ފެތުރިފައެވެ.

"ގޮށްރާޅު" ގެ ފުރަތަމަ ޓްރެއިލާ ބެލުންތެރިންނަށް ދޫކޮށްލާފައިވާއިރު އެ ފިލްމު ރިލީޒްކުރުމަށް ތައްޔާރުވަމުން އަންނަނީ އަންނަ ނޮވެމްބަރ މަހުގެ ފަސް ވަނަ ދުވަހުގައެވެ. ޖުމައްޔިލް ނިމާލް ލީޑު ރޯލުން ފެނިގެންދާ އެ ފިލްމު ފިލްމީ ދާއިރާއަށް މުޅިން އައު މޫނުތަކެއް ތައާރަފުވެގެން ދާނެއެވެ. އޭގެ އިތުރުން ފިލްމީ ދާއިރާގެ ތަޖުރިބާކާރު ތަރިންގެ އެކްޓިން ފެނިގެންދާނެ އެ ފިލްމަކީ އަހުމަދު ޝިނާން ޑައިރެކްޓްކުރާ ކްރައިމް ތްރިލާއެކެވެ.

"ގޮށްރާޅު" ގެ ބައެއް ތަރިން ފެންނަ ޕޯސްޓަރެއް: ފޮޓޯ ގޮށްރާޅު ފޭސްބުކް ޕޭޖް...

ނަވާރަ އަހަރަށްފަހު މުހައްމަދު ނިޔާޒު (ޓެޑްރީ) "ލަސްވިޔަސް" ގެ ނަމުގައި ފިލްމެއްގެ މަސައްކަތް ކުރަން ފަށަން ތައްޔާރުވަމުން އަންނަ ވާހަކަ އިއުލާން ކުރީ މިދިޔަ އަހަރު އޭނާގެ ކާމިޔާބު ފިލްމު "އަމާނާތް" ނަވާރަ އަހަަރަށް ފަހު އޮލިމްޕަހުގައި އަޅުވަމުންނެވެ. މިއަހަރު ފިލްމު ރިލީޒް ކުރަން ނިންމައި ފިލްމީ ތަރި ނިއުމާގެ ދަރިފުޅު ޒޯޔާ ލައިގެން ފިލްމުގެ ޓީޒާ ވެސް ވަނީ ދައްކާލާފައެވެ. ނަމަަވެސް އަހަރު ދެބައި ވެގެން ދިޔަ އިރުވެސް ފިލްމުގެ ޝޫޓިން ވެސް ފެށިފައެއް ނުވެއެވެ. ފިލްމުގެ އަޑު މަޑުވެފައި ވުމުން އިނގެނީ "ލަސްވިޔަސް" މިއަހަރުވެސް ނުފެނި ލަސްވާނެ ކަމެވެ. ކިހާ ދުވަހަކަށް އިންތިޒާރުކުރާނެ ބާވައެވެ؟

ގިނަ ފިލްމުތަކެއް ބެލުންތެރިންނާ ހަމަޔަށް ގެނެސްދީފައިވާ އަމްޖަދު އިބްރާހީމް (އަމްޖޭ) ގެ 50 ވަނަ ފިލްމު "ގިލަން" އެއީ މީގެ ދެތިން އަހަރު ކުރިން ރިލީޒް ކުރަން ބުނި ފިލްމެކެވެ. ކޮންމެ އަހަރަކުވެސް އަމްޖޭ ބުނަނީ ޖެހިގެން އޮންނަ އަހަރު ފިލްމު ރިލީޒްކުރާނެ ކަމަށެވެ. އެ ފިލްމަށް ޖެހެނީ ދިގު އިންތިޒާރެއް ކުރާށެވެ. މިއަހަރުވެސް ފިލްމު ސްކްރީނަކުން ނުފެންނާނެއެވެ. އޭގެ އިތުރުން އޭނާ ވަނީ އައިމިނަތު ރިޝްފާ ލީޑު ރޯލަށް ލައިގެން "ދޭތީ އަނިޔާ" ގެ މަސައްކަތް ވެސް ފަށާފައެވެ. އެ ފިލްމުގެ މަސައްކަތް އަދިވެސް ނުނިމެއެވެ. މިހާރު ދެ އަހަރު ވަނީއެވެ.

އަމްޖޭގެ ދެ ފިލްމު ކަމަށްވާ "ގިލަން" އާއި "ދޭތީ އަނިޔާ"...

ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާއި އަނބިކަނބަލުން ދަތުރު ކުރެއްވި ފިނިފެންމާ ލޯންޗްގައި އެއްޗެއް ގޮއްވައިލި ހާދިސާއަށް އަލީ ސީޒަން ފިލްމެއް ހަދައި މިއަހަރު ފަހުކޮޅު ސިނަމާއަށް ގެންނަން ނިންމިއެވެ. ނަމަވެސް އޭނާ ފަހުން ބުނެފައިވަނީ "ފިނިފެންމާ: ޣައްދާރުވީ ކާކު؟" ގެ ނަމުގައި ހަދަން ނިންމާފައިވާ އެ ފިލްމުގެ މިއަހަރު ރިލީޒް ނުކުރެވޭނެ ކަމަށެވެ. އަދި އެ ފިލްމުގެ މަސައްކަތް ނުވެސް ފަށައެވެ.

އޭގެ އިތުރުން މިދިޔަ އަހަރު ރިލީޒްކުރަން ނިންމައި، މިއަހަރަށް ލަސްކުރި މުހައްމަދު ޝަރީފް ޑައިރެކްޓްކޮށްފައިވާ "ބާކީވެފައި" ގެ މަސައްކަތް ވެސް އޮތް ހިސާބެއް ވެސް ނޭންގެއެވެ. ފިލްމުގެ އަޑު މަޑުވެ "ބާކީވެފައި" އަނެއްކާވެސް އަންނަ އަހަރަށް ލަސްވީބާއެވެ؟

ދެން އެންމެ އަވަހަށް ސިނަމާ އަށް އަންނާނެ ކަމަށް މި ބަލަނީ ނިއުމާގެ "ނިވައިރޯޅި" އެވެ. ލަފާކުރެވޭ ގޮތުގައި ދެން މިއަހަރު އަޅުވާނީ ދެތިން ފިލްމެކެވެ. މިއަހަރަށް ތާވަލް ކުރި ފިލްމުތަކުގެ މަޝްހޫރު ޕްރޮޑިއުސަރ ފާތިމަތު ނަހުލާގެ ފިލްމެއް ނެތެވެ.

comment ކޮމެންޓް