ވޯޓުލާ ދުވަސް ބަންދު ދުވަހަކަށް ހަދަން ހުށަހެޅި މައްސަލަ ބޭރުކޮށްލައިފި

ކުރީގެ ބަންޑާރަ ނައިބު ހުސްނުއް ސުއޫދު --- ސަން ފޮޓޯ

ރިޔާސީ އިންތިހާބު އޮންނަ ދުވަސް ކަމަށްވާ އަންނަ ސެޕްޓޭމްބަރު 23 ވަނަ ދުވަހަކީ ރަސްމީ ބަންދު ދުވަހަކަށް ހެދުމަށް، ކުރީގެ ބަންޑާރަ ނައިބު ހުސްނުއް ސުއޫދު ސުޕްރީމް ކޯޓަށް ހުށަހެޅުއްވި ދުސްތޫރީ މައްސަލަ އެ ކޯޓުން ބޭރުކޮށްލައިފި އެވެ.

މިއަދު ހުސްނުއް ސުއޫދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އޭނާ ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ބަލައިނުގަނެ ބޭރުކޮށްލާފައިވާ ކަމަށެވެ.

މިދިޔަ އަންގާރަ ދުވަހު ހުސްނުއް ސުއޫދު ހުށަހެޅުއްވި މައްސަލައިގައި ބުނެފައި ވަނީ ފަސޭހަކަމާއެކު ވޯޓުލުމުގެ ހައްގު ހުރިހާ ރައްޔިތުންނަށް ފޯރުކޮށްދިނުމަކީ ދައުލަތުގެ އެންމެހާ ފަރާތްތަކުގެ ވާޖިބެއް ކަމަށެވެ. އަދި ފެށުނީއްސުރެ ރާއްޖޭގައި އިންތިހާބުތައް ބަންދު ދުވަސްތަކުގައި ބާއްވަމުން ގެންގޮސްފައިވަނީ ވީހާވެސް ގިނަ ރައްޔިތުންނަކަށް ފަސޭހައިން ވޯޓުލުމުގެ ފުރުސަތު ފަހިކޮށް ދިނުމަށް ކަމަށް އެ މައްސަލައިގައި ބުނެފައިވެ އެވެ.

އަދި އެ ދުވަސް ސަރުކާރު ބަންދު ނޫން ދުވަހަކަށް ވެއްޖެނަމަ ވިލިމާލޭގައި ނުވަތަ ހުޅުމާލޭގައި ދިރިއުޅޭ، އެހެން ނަމަވެސް މާލޭގައި ވަޒީފާ އަދާކުރާ މީހުންނަށް ވޯޓުލުމުގެ ހައްގުން މަހުރޫމުވެދާނެ ކަމަށްވެސް މައްސަލަ ހުށަހެޅި ސަބަބުތަކުގެ ތެރޭގައި ވަނީ ހިމަނާފައެވެ.

ނަމަވެސް ސުޕްރީމް ކޯޓުން ނިންމާފައި ވަނީ އެ މައްސަލައަކީ ކޯޓުގެ ގަވާއިދުގެ ދަށުން ބަލައިގަންނަން ޖެހޭ ފަދަ ދުސްތޫރީ މައްސަލައެއް ކަމަށް ނުފެންނާތީ އެ މައްސަލަ ބަލައިނުގަތުމަށެވެ.

ރިޔާސީ އިންތިހާބު ބާއްވަން ހަމަޖެހިފައިވާ 23 ސެޕްޓަމްބަރު ދުވަހަކީ އާދިއްތަ ދުވަހެކެވެ. އެ ދުވަސް ބަންދުކުރާނެ ކަމުގެ ޔަގީންކަން ސަރުކާރުން ދީފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ކުރިން ބުނެފައެވެ.

comment ކޮމެންޓް