Sun Online
މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރެޓިކް ޕާޓީގެ ނަމުގައި އާ ސިޔާސީ ޕާޓީއެއް ހެދުމުގެ ހުއްދަ އީސީ އިން ދިނީ މި މަހުގެ ފަސް ވަނަ ދުވަހު---ފޮޓޯ/ އިލެކްސަންސް ކޮމިސަން
މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރެޓިކް ޕާޓީގެ ނަމުގައި އާ ސިޔާސީ ޕާޓީއެއް ހެދުމުގެ ހުއްދަ އީސީ އިން ދިނީ މި މަހުގެ ފަސް ވަނަ ދުވަހު---ފޮޓޯ/ އިލެކްސަންސް ކޮމިސަން

އާ ޕާޓީ އުފެއްދުމަށް ސޮއި ހަމަ ކުރުމުގެ މަސައްކަތް ކުރަނީ

  • 3000 މީހުންގެ ސޮއި ހޯދުމުގެ މަސައްކަތް ދަނީ ކުރަމުން
  • ޕާޓީ ވެގެންދާނީ މެދު ވާތް (ސެންޓްރަލް ލެފްޓް) ފިކުރުގެ ޕާޓީއަކަށް
  • ވަގުތީ ކައުންސިލަކާއި، ސިޔާސަތުތަކާއި، އަސާސި ގަވާއިދު މިހާރު އެކުލަވާލަނީ
ނަޖާހު މަސްއޫދު
ލިޔުނީނަޖާހު މަސްއޫދު

މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރެޓިކް ޕާޓީ (އެމްއެލްއެސްޑީޕީ)ގެ ނަމުގައި އާ ސިޔާސީ ޕާޓީއެއް ހެދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން ދިނުމާއެކު އެ ޕާޓީ ރެޖިސްޓާ ކުރުމަށް ބޭނުންވާ ސޮއި ހޯދުމުގެ މަސައްކަތް ކުރަން ފަށައިފިއެވެ.

އެމްއެލްއެސްޑީޕީއިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މިހާރު އެ ޕާޓީއިން ކުރަމުން ދަނީ ޕާޓީ ރެޖިސްޓާ ކުރުމަށް ބޭނުންވާ 3000 މީހުންގެ ސޮއި ހޯދުމުގެ މަސައްކަތް ކަމަށެވެ. އެގޮތުން މަސައްކަތްތެރިންގެ ޖަމިއްޔާތަކާއި މަދަނީ ޖަމިއްޔާތަކާއި ޕާޓީގެ އަސާސްތަކަށް ޝައުގުވެރިކަން ހުރި މީހުންގެ ތާއީދު ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެ ބަޔާނުގައިވެއެވެ.

އެ ބަޔާނުގައި ބުނެފައި ވަނީ، ތާއީދު ހޯދުމުގެ ގޮތުން ޓޫރިޒަމް އެމްޕްލޯއިމެންޓް އެސޯސިއޭޝަންއާ މި މަހުގެ އަށް ވަނަ ދުވަހު ބައްދަލުކޮށް ޕާޓީގެ މަގުސަދު ހާސިލުކުރުމަށް އެ ޖަމިއްޔާގެ އެއްބާރުލުމަށް އެދިފައިވާނެ ކަމަށެވެ. އަދި މަސައްކަތްތެރިންގެ ހައްގުގައި ކުރާ މަސައްކަތްތަކަށް އެއްބާރުލުން ދޭނެ ކަމަށް އެ ޖަމިއްޔާއިން ބުނެފައިވާ ކަމަށް އެމްއެލްއެސްޑީޕީ އިން ބުންޏެވެ.

މީގެ އިތުރުން ޕާޓީގެ ވަގުތީ ކައުންސިލަކާއި، އަސާސީ ގަވާއިދާއި ސިޔާސަތުތައް އެކުލަވާލައި، ޕާޓީގެ ހަރަކާތްތައް ރޭވުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރަމުންދާ ކަމަށް އެ ބަޔާނުގައި ބުނެފައި ވެއެވެ.

އެމްއެލްއެސްޑީޕީ އިން ބުނެފައި ވަނީ އެ ޕާޓީ ވެގެންދާނީ މެދު ވާތް (ސެންޓްރަލް ލެފްޓް) ފިކުރުގެ ޕާޓީއަކަށް ކަމަށެވެ. އަދި އެ ޕާޓީގެ ފިކުރު ބިނާވެގެން ވަނީ ބައިނަލްއަގްވާމީ މަސައްކަތްތެރިންގެ ހަރަކާތްތަކާއި ސޯޝަލް ޑިމޮކްރްސީގެ އުސޫލުތަކަށް ކަމުގައިވާ އިރު އެ އުސޫލުތައް ކުރިއަރުވާނީ ރާއްޖޭގެ މުޖްތަމައުއާއި އިސްލާމީ އުސޫލުތަކާ ގުޅޭ ގޮތަށް ކަމަށް ބަޔާނުގައިވެއެވެ.

"ރާއްޖެއަށް މަސައްކަތްތެރިންގެ ހައްގުގައި މަސައްކަތް ކުރާނެ ޕާޓީއެއްގެ ބޭނުން އިންތިހާއަށް ބޮޑުވެފައިވާ ހިނދު، ޕާޓީގެ ސިޔާސަތުގެ އެންމެ މުހިންމު ބިންގަލެއް ކަމުގައި ވާނީ މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރު ކުރުމާއެކު ވާތުވިޔައިގެ މެދުމިނުގެ ސިޔާސީ ފިކުރެއް ކުރިއެރުވުމެވެ. މީގެ އިތުރުން އަދުލު އިންސާފާއި އިޖްތިމާއީ އަދާލަތު، ލާމަރުކަޒީ ހިންގުން، އަދި ތިމާވެއްޓާއި ދެމެހެއްޓެނިވި ތަރައްގީ އަކީ މި ޕާޓީގެ މައިގަނޑު އަސާސްތަކެވެ. ރާއްޖޭގައި މިހާރު ހިންގާ ސިޔަސީ ޕާޓީތަކާ ހިލާފަށް މި ޕާޓީގައި މަސައްކަތްތެރިންގެ ޖަމިއްޔާތަކާއި ޕްރޮފެޝަނަލް އެސޯސިއޭޝަަންތަކަށް ހާއްސަ ދައުރެއް ލިބިގެންވާނެ އެވެ. މިގޮތުން ޕާޓީގެ ކައުންސިލުގައި މިފަދަ ޖަމިއްޔާތައް ތަމްސީލުކޮށް ސިޔާސަތުތައް އެކަށައެޅުމުގައި ބަސްކިޔުމުގެ ފުރުސަތު ލިބިދެވޭނެއެވެ." އެމްއެލްއެސްޑީޕީގެ ބަޔާނުގައިވެ އެވެ.

އެމްއެލްއެސްޑީޕީ އުފެއްދުމަށް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައިވަނީ ގާނޫނީ ވަކީލް އަބްދުﷲ ހަސީނެވެ. މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރެޓިކް ޕާޓީގެ ނަމުގައި އާ ސިޔާސީ ޕާޓީއެއް ހެދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން ދީފައި ވަނީ މި މަހުގެ ފަސް ވަނަ ދުވަހުއެވެ.

infinity loading...
×
DB released 01.