ބްރިޖާ ގުޅޭ މަގުތަކުގައި ތާރުއަޅަން ފަށައިފި

މާލޭ ވަށައިގެން ވާ ބޭރު މަގު ތަރައްގީ ކުރުމުގެ ތެރެއިން ތާރު އަޅާފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ސިނަމާލެ ބްރިޖާ ގުޅޭ މަގުތަކުގައި ތާރު އަޅަން ފަށައިފި އެވެ.

ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ބްރިޖު ނިމެންވާއިރަށް ބޮޑުތަކުރުފާނު މަގު ތާރު އަޅަން ނިންމާފައިވާ ސަރަހައްދުގައި ތާރުއެޅުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.

ތާރު އެޅުމުގެ ކުރިން އަޅަން ޖެހޭ ސިމެންތި ލޭޔަރު އަޅައި މިހާރު ވަނީ ނިންމާލައިފަ އެވެ.

މިނިސްޓަރު ވަނީ އެ މަސައްކަތް ކުރިއަށްދާއިރު ރައްޔިތުންގެ ފަރާތުން ލިބޭ އެއްބާރުލުމަށް ޝުކުރު އަދާކުރައްވައިފަ އެވެ.

މާލޭ އިންޑަސްޓްރިއަލް ވިލެޖުން ފެށިގެން ހުޅުމާލެ ފެރީ ޓާމިނަލާ ހަމައަށް މަގު ފުޅާކޮށް ތާރު އަޅައިގެން އަލުން އެ މަގު ހެދުމުގެ މަސައްކަތް ހައުސިން މިނިސްޓްރީން ކުރަމުންދާ އިރު، ބްރިޖް ނިމެންވާއިރަށް މަގު ހެދުމުގެ މަސައްކަތް ނިމޭނެ ކަމަށް އެ މިނިސްޓްރީން ކުރިން ވަނީ ބުނެފަ އެވެ.

ބްރިޖާ ގުުޅޭ މަގު ތަރައްގީކުރަނީ 16 މީޓަރަށް ފުޅާކޮށް ހަތަރު ލޭނަށެވެ.

ހުޅުލެލެ-ހުޅުމާލެ ކޮޅުން ބްރިޖާ ގުޅޭ މަގުގައި ތާރުއެޅުމުގެ މަސައްކަތް ވެސް މިހާރު ދަނީ ކުރިއަށެވެ.

ބްރިޖުގެ މަސައްކަތް ނިމޭއިރު ބްރިޖާ ގުޅޭ މަގުތައް ވެސް ނިމޭނެ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.

comment ކޮމެންޓް