އިތުރުކުރި ހައްޖު ކޯޓާ އަދި ގްރޫޕްތަކުގެ މެދުގައި ނުބަހަން: އިސްލާމިކް މިނިސްޓްރީ

8 އޯގަސްޓް، 2017: ބަރަކާތްތެރި ހައްޖުގެ އަޅުކަން ފުރިހަމަ ކުރުމަށް ރާއްޖޭން ހައްޖަށްދާ ހައްޖުވެރިން ފުރަންފެށުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ސައުދީން ސަރުކާރުން މި އަހަރު ރާއްޖެ އަށް އިތުރު ކޮށްދިން 1000 ހައްޖުކޯޓާ އަދި ރާއްޖެ އިން ހައްޖަށް މީހުން ގެންދާ ގްރޫޕްތަކުގެ މެދުގައި ނުބަހާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.

އިސްލާމިކް މިނިސްޓްރީގެ މީޑިއާ އޮފިޝަލް މިއަދު ސަން އަށް ވިދާޅުވީ ކޯޓާތައް އަދި ނުބެހިޔަސް، 1000 ކޯޓާއަށް ވާވަރަށް ހައްޖާޖީން ހައްޖަށް ފުރުމަށް ހަމަޖެހިފައިވާ ކަަމަށެވެ.

ކޯޓާތައް ގްރޫޕްތަކަށް އަދި ނުބެހި ނަމަވެސް، ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ކުރިއަށް އޮތް ދެ އަހަރު ހައްޖަށް ދިއުމަށް ޖާގަ ކަށަވަރު ވެފައިވާ ފަރާތްތަކުގެ ތެރެއިން މިއަހަރު ހައްޖަށް ދާން ބޭނުންވާ ފަރާތްތަކުން ނަން ނޯޓްކުރުމަށް މިހާރު ވަނީ ހުޅުވާލައިފަ އެވެ. ނަމަވެސް ހައްޖު ކޯޕަރޭޝަން މެދުވެރިކޮށް މި އަހަރު ހައްޖަށް ގެންދާނީ ކިތަން މީހުން ކަަމެއް އެ ކޯޕަރޭޝަނުން ނުބުނެ އެވެެ.

ހައްޖު ކޯޕަރޭޝަނުން ބުނީ ނަން ނޯޓް ކުރާ ފަރާތްތަކުގެ ތެރެއިން މި އަހަރު ހައްޖަށް ދިއުމުގެ ފުރުސަތު ދޭނީ ނަންނޯޓް ކުރާ ތަރުތީބުން ކަމަށެވެ. އަދި ބުނީ އެޖާގަތައް ހަމަޖެހޭ ހައްޖާޖީން ހައްޖަށް ދިއުމަށް ފުރާނީ އަންނަ ބުރާސްފަތި ދުވަހު ކަމަށެވެ.

މި އަހަރު ރާއްޖެ އިން ހައްޖަށް މީހުން ގެންދިއުމަށް ހައްޖު ކޯޕަރޭޝަން ފިޔަވައި ހުއްދަ އިސްލާމިކް މިނިސްޓްރީ އިން ހުއްދަ ދީފައި ވަނީ ހަތަރު ގްރޫޕަކަށެވެ. އެއީ އަލް ހަރަމައިން ހައްޖު އަދި އުމްރާ ގްރޫޕް އާއި ޒައީ ގްރޫޕްގެ އިތުރުން ސިސިލްފަރު އެންޑް ހައްޖު އުމްރާ ގްރޫޕް އަދި ތަޒްކިޔާ ގްރޫޕަށެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ރާއްޖެ އިން ހައްޖަށް ދާ ހާޖީންގެ ކަންތައްތައް ހިނގައިދާ ގޮތް ބެލުމަށާއި، ސައުދީ އަރަބިއްޔާގައި ހައްޖުވެރިންނަށް ދިމާވާ މައްސަލަތައް ހައްލުކުރުމަށް މަސައްކަތްކުރުމަށް މައްކާގައި މިދިޔަ ޖުލައި 28 ވަނަ ދުވަހު "ދިވެހި ހައްޖު މިޝަންގެ އޮފީސް"ގެ ނަމުގައި އޮފީހެއް ވެސް ގާއިމްކޮށްފައިވާ ކަަމަށެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މިދިޔަ ޖުލައި 28 އާ ހަމައަށް 100 ހައްޖާޖީން ހައްޖަށް ފުރައިފައިވާ ކަަމަށެވެ. އަދި މިމަހުގެ 15 އާ ހަމައަށް ހުރިހާ ހައްޖާޖީން ހައްޖަށް ފުރުވާލެވޭނެ ކަމަށް ވެސް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.

comment ކޮމެންޓް