އިސްރާއީލުން ޣައްޒާއަށް ދިން ހަމަލާތަކުގައި އަންހެނަކާއި ކުޑަކުއްޖަކު މަރުވެއްޖެ

އިސްރާއީލުން ވައިގެ ހަމަލާއެއް ދިން ސަރަހައްދު -- ފޮޓޯ: އޭއެފްޕީ

ޣައްޒާ (އޮގަސްޓު 9): އިސްރާއީލުން ޣައްޒާއަށް ދިން ވައިގެ ހަމަލާތަކެއްގައި، ބަލިވެ އިން އަންހެނަކާއި އޭނާގެ 18 މަހުގެ ދަރިފުޅު މަރުވެއްޖެކަމަށް ފަލަސްތީނުގެ ހެލްތު މިނިސްޓްރީން ބުނެފިއެވެ.

ޣައްޒާގެ ހެލްތު މިނިސްޓްރީން ބުނި ގޮތުގައި 23 އަހަރުގެ އީނާސް ޚައްމާޝްއާއި އޭނާގެ އަންހެން ދަރިފުޅު މަރުވީ ޣައްޒާގެ ޖަފަރާވީއަށް އިއްޔެ އިސްރާއީލުން ދިން ހަމަލާތަކެއްގައެވެ. އަދި އެ ހަމަލާތަކުގައި އެ ކުއްޖާގެ ބައްޕަ ޒަހަމްވެފައިވާ ކަމަށްވެސް މިނިސްޓްރީން ބުންޏެވެ.

ފަލަސްތީނުގެ ވަފާ ނޫހުން ބުނި ގޮތުގައި އިއްޔެ އިސްރާއީލުން ދިން ހަމަލާތަކުގައ 12 މީހަކު ޒަހަމްވެފައި ވެއެވެ. އަދި ހަމާސްގެ މެމްބަރަކުވެސް މަރުވެފައިވެއެވެ.

އިސްރާއީލް އަސްކަރިއްޔާއިން ބުނި ގޮތުގައި އެގައުމުން ޣައްޒާއަށް ހަމަލާތައް ދޭން ފެށީ ހަމާސްއިން އިސްރާއީލަށް 150 ވަރަކަށް ރޮކެޓު ހަމަލާދީ، އެގައުމުގެ ހަ މީހަކު ޒަހަމްކޮށްލުމުންނެވެ.

މިދިޔަ މާޗް މަހު ފަލަސްތީނުގެ ރައްޔިތުން ވަނީ ގްރޭޓް މާޗް އޮފް ރިޓާންގެ ނަމުގައި، ޣައްޒާއާއި އިސްރާއީލާ ގުޅޭ ބޯޑަރު ކައިރީ ސިލްސިލާ މުޒާހަރާތަކެއް ފަށާފައި އެވެ. ފަލަސްތީނުގެ ރައްޔިތުންނަށް އެމީހުންގެ ކާބަފައިންގެ ބިމަށް ރުޖޫއަވުމުގެ ހައްގު ދިނުމަށް ގޮވާލާ އެ މުޒާހަރާތަކުގައި މިހާތަނަށް 160 އަށް ވުރެ ގިނަ މީހުން މަރުވެފައިވެއެވެ.

(އަލްޖަޒީރާ)

comment ކޮމެންޓް