އޭޝިއަން ގޭމްސްއަށް ހަތަރު ދުވުންތެރިން ފޮނުވަނީ

އިންޑިއަން އޮޝަން އައިލެންޑް ގޭމްސްގެ އެތްލެޓީކްސްގެ 100 މީޓަރުގެ ހީޓުން ރާއްޖޭގެ ބާރު ދުވުންތެރިޔާ ހަސަން ސާއިދު އެއްވަނައިގައި ރޭސް ނިމާލުމަށްފަހު ސެލެބަރޭޓް ކުރަނީ --- ފޮޓޯ/ މޯލްޑިވްސް އޮލިމްޕިކް ކޮމިޓ

މި މަހު 18ގައި އިންޑޮނީޝިއާގައި ފަށާ އޭޝިއަން ގޭމްސް އަށް ފޮނުވަން އެތުލެޓިކްސް އެސޯސިއޭޝަނުން ހަތަރު ދުވުންތެރިން ހޮވައިފި އެވެ.

އޭޝިއަން ގޭމްސްއަށް ފޮނުވާ ހަތަރު ކުޅުންތެރިންނަކީ ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދާއި ގައުމީ ހާފް މެރެތަން ރެކޯޑު އޮންނަ ދުވުންތެރިއާ މުހައްމަދު ޝިފާޒާއި ޒުވާން އަންހެން ދެ ދުވުންތެރިން ކަމަށްވާ އައިމިނަތު ޖާއިޝާ ޖުނީޒް އާއި އައިޝަތު ހިމްނާ ހަސަން އެވެ.

އޭޝިއަން ގޭމްސްގައި 2015 ވަނަ އަހަރު، އެ ދެ އިވެންޓުން ސެމީ ފައިނަލުގައި ވާދަކޮށްފައިވާ ސާއިދު މި ފަހަރުގެ އޭޝިއަން ގޭމްސްގައި ވާދަކުރާނީ 100 މީޓަރު ދުވުމާއި 200 މީޓަރު ދުވުމުގައެވެ. 2015 ވަނަ އަހަރު ސާއިދު ވަނީ އެ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި 100 މީޓަރު ދުވުމުން ރަން މެޑަލް ހޯދައިފައެވެ. މީގެ އިތުރުން 2016 ވަނަ އަހަރުގެ ސައުތު އޭޝިއަން ގޭމްސްގައި 100 މީޓަރު ދުވުމުންނާއި 200 މީޓަރު ދުވުމުން ރިހި މެޑަލް ހޯދި އިރު މީގެ އޭނާ ވަނީ މިދިޔަ އަހަރުގެ އޭޝިއަން ގްރޯން ޕްރީގައި 100 މީޓަރު ދުވުމުން ލޯ މެޑަލް އަދި އެ އިވެންޓުން އޭޝިއަން އެތުޓިކްސް ޗެމްޕިއަންޝިޕުގެ ފައިނަލުގައި ވެސް ވާދަކޮށްފައެވެ.

ދެން ހިމެނޭ ފިރިހެން ދުވުންތެރިއާ ޝިފާޒަކީ 26 އަހަރު ފަހުން ފަހުން ބައިނަލްއަގްވާމީ މުބާރާތެއްގައި ރާއްޖެ ތަމްސީލްކުރާ ފުރަތަމަ މެރެތަން ދުވުންތެރިޔާއެވެ. އޭނާ ވަނީ ރާއްޖޭގޭ މެރެތަން ރެކޯޑް ތިން ފަހަރު އާކޮށްފައެވެ. މީގެ އިތުރުން ހާފް މެރެތަން ރެކޯޑް ވެސް އޮވެ އެވެ. ޝިފާޒަކީ މީގެ ކުރިން ރާއްޖޭގައި ބާއްވާ އެންމެ އުނދަގޫ އެއް ރޭސް ކަމަށްވާ ރެޑްބުލް ކެޗް ދަ ފެރީ ރޭސް ވެސް ކާމިޔާބުކޮށްފައިވާ ދުވުންތެރިޔެކެވެ. މީގެ އިތުރުން އޭނާ ދިރާގު ރޯޑްރޭސް ވެސް ކާމިޔާބުކޮށްފައިވެއެވެ.

މި އަހަރުގެ ސައުތު އޭޝިއަން ޖޫނިއާ ޗެމްޕިއަންޝިޕުގައި 400 މީޓަރު ދުވުމުން ރާއްޖޭގެ ޔޫތު ރެކޯޑް ހަދައިފައިވާ އަންހެން ދުވުންތެރިއާ ހިމްނާ އޭޝިއަން ގޭމްސްގައި ވާދަކުރާނީ 200 މީޓަރު ދުވުމާއި 400 މީޓަރު ދުވުމުގައެވެ. ހިމްނާއަކީ އޭޝިއަން ޗެމްޕިއަންޝިޕުގައި ރާއްޖޭގެ 400 މީޓަރު ދުވުމުގެ އަންހެން ރެކޯޑް ހެދައި ޔޫތު އޮލިމްޕިކްސްގެ ކޮލިފައިންގައި އެ ރެކޯޑް އާކުރި ދުވުންތެރިޔެކެވެ.

ޖާއިޝާ ވާދަކުރަނީ 800 މީޓަރު ދުވުމާއި 1500 މީޓަރު ދުވުމުގައެވެ. އޭނާ ވަނީ 2016 ވަނަ އަހަރުގެ އިންޑިއަން ގްރޯން ޕްރީގައި ހަތަރެއް ގުނަ 100 މީޓަރު ރިލޭ އިން ލޯ މެޑަލް ހޯދި ޓީމުގައި ދުވެފައެވެ. އަދި މި އަހަރުގެ ސައުތު އޭޝިއަން ޖޫނިއާ ޗެމްޕިއަންޝިޕުގައި އެ ދެ އިވެންޓުން ޕާސަނަލް ރެކޯޑް ވެސް އޭނާ ވަނީ ހަދާފައެވެ.

ރާއްޖޭގެ ޓީމުގެ މެނޭޖަރަކީ ކުރީގެ ދުވުންތެރިއާ އިބްރާހިމް އުމަރު (ވިއްސަ) އެވެ. ސްޕްރިންޓް އިވެންޓްތަކުގެ ކޯޗަކީ އަހުމަދު ފާއިލެވެ. މިޑްލް ޑިސްޓެންޓް ކޯޗަކީ އަހުމަދު ނިޒާމެވެ.

comment ކޮމެންޓް