ތަފާތު ލޯތްބެއް (28)

"ކަމޯން ނޯޔާ. ނޯޔާގެ ފޯނުން ދެން ބީރައްޓެއްސަކު ފޮޓޯ ނަގާފައެއް ނުފޮނުވާނެ ދޯ..." ނާޔަލް އެނބުރި ބަލައިލިއިރު ނޯޔާގެ ހިޔަނިވެސް ފެންނާކަށް ނެތެވެ. އެހާ އަވަސް އަރުވާލާފައި ދުއްވައިގަތީ ފޮޓޯއާއިބެހޭ ގޮތުން ވާހަކަދައްކަން ބޭނުންނުވާތީއެވެ. ނާޔަލް އެ ފޮޓޯ ހުޅުވާލައިގެން ފަރުވާތެރިކަމާއިއެކު ބަލާލުމާއިއެކު ލޮލުގައި އަޅައިގަތީ ސިޑިކައިރީ އެއްފަރާތުގައި ހުންނަ ޑިޒައިނާ ލޯގަނޑެކެވެ. އެ ލޯގަނޑަށް އަރާފައި ހުރީ އޭނަގެ މަންމަގެ ސޫރައެވެ. ނުސާފުކޮށް ފޮޓޯ ހުރި ނަމަވެސް މަންމަކަން ޔަގީންވިއެވެ. ފޮޓޯ ނެގި މީހަކީ މަންމައެވެ. އެދެމީހުން ޑްރާމާ ކުޅުނުއިރު ކެމެރާމަނަކަށް ހުރީ މަންމައެވެ. ނާޔަލްގެ ހިތުގައި އެތައް ސުވާލުތަކެއް އުފެދުނެވެ.

ގެއަށް ދިޔުމުގެ ކުރިން މަންމައާއި ބައްދަލުކޮށްލަން ނާޔަލް ބޭނުންވިއެވެ.

ގޭތެރޭގައި ހިފާލާފައިވީ ހިތްގައިމު މިއުޒިކުގެ ތެރެއިން ފުރޭނިގެން މަންމަގެ ހުނުމުގެ އަޑު ކަންފަތުގައި ޖެހުނެވެ. ނާޔަލް ބެލް އަޅާލުމެއްނެތި ދޮރު ހުޅުވައިލީ އެފަދަ މަންޒަރެއް ފެނިދާނެކަމަކަށްނޫނެވެ. މަންމައާއި އެކު އެހެން ކޮންމެ ފިރިހެނަކު ފެނުނަސް ނާޔަލް އެހާ ހައިރާނެއް ނުވީއެވެ. އެހާ ލަދުނުގަތީހެވެ. ނަމަވެސް މަންމަގެ އުނގުގައި ބޯ އަޅާލައިގެން އޮތް މާކަސް ފެނިފައި ލޭ ކެކިގެން ދިޔައިރު ލަދުން އެނބުރި ދާން ބޭނުންވިއެވެ. މާކަސްވެސް ފުންމައިގެން ތެދުވެ ހޭވިފައިވާ އިސްތަށިގަނޑު ރީތިކޮށްލާފައި ގަމީހުގެ ގޮށްތައް އަޅުވަންފެށިއެވެ.

"ވަޓް ދަ ހެލް.. މިތާ ކީއްކުރަނީ.." ނާޔަލްގެ އަތް މުށްކެވުނެވެ.

"އައި.... ކެ...ކެން އެކްސްޕްލެއިން...." މާކަސް އަޅައިގެންފާ ވާހަކަދެއްކިއެވެ. އެތާ އަނދަ އަނދާހުރި އަލިފާނުގެ ރަތްކުލަ މޫނަށްވެރިވެ ރީއްޗަށް ރަކިވެއްޖެއެވެ. މަންމަގެ އުމުރުގެ މީހަކާއިއެކު އޭނަ ރައްޓެހިވެގެން އުޅޭކަން ނާޔަލްއަށް އެނގުމުން ލަދުގަތީ އަންހެންކުއްޖެއް ފަދައިންނެވެ. އެކަމަކު ނަތާލީ ހުރީ ހެޔޮވަރަކަށް ހީލައިގެންނެވެ. ނަތާލީ ނާޔަލްއާއި ވާހަކަދައްކާ ހުރިހާ ކަމެއް ހަމަޔަކަށް އަޅުވާލާނެކަން ޔަގީންވެ މާކަސް އަވަހަށް ނުކުމެގެން ދާން ހިނގައިގަތެވެ. ނާޔަލް އިސްޖަހައިލިއެވެ. އޭނަ ދުވަހަކު މިހާ ބޮޑު ލަދެއްނުގަނެއެވެ. އޭނަގެ މަންމަ އޭނަގެ އުމުރުގެ ޅަ ލޯބިވެރިޔެއް ހޯދުމުން އެކަންތައް ބަލައިގަންނާނީވެސް ކިހިނެއްހެއްޔެވެ. ކައިޒާންގެ ހަށިފާވެރިޔަކަށް ހުރުމުގެ ސަބަބުން މާކަސްއާއި އޭނަގެ އެކުވެރިކަން ބަދަހިވެ ފުދޭވަރަކަށް ގާތް މީހަކަށް ވެފައިވެއެވެ.

"ސްވީޓްހާޓް......"

"މަންމާ އައި ކާންޓް ބިލީވް ދިސް......." ނާޔަލް އަނެއް ފަރާތަށް އެނބުރުނެވެ. މަންމައާއި ހަތަރުކަޅި ހަމަކޮށްލާނެ ހިތްވަރެއްވެސް ނުލިބުނެވެ.

"ނާޔަލް. މާކަސްއަކީ މަންމަގެ ފްރެންޑެއް. ނޯޔާގެ ބައްޕަ އެމެރިކާގައި ހުންނާކަށް ބޭނުމެއްނޫން. އޭނަގެ މަންމަގެ ނުފޫޒު ގަދަކަމާއިއެކު އެ އާއިލާ އުޅޭވައްތަރަކުން މަންމައާއި ގުޅުމެއް މިހާރު އޮތީއެއްނޫން. އޭނަ މަންމަގެ ބަސްއަހާ ރަންދަރިއަށް ވީމަ މަންމަގެ ބަލި ބަހަނާއަކަށް ހަދާފައި މާލެ ބަދަލުވީ. މިކޮޅަށް އަންނާށޭ ބުނީމަ އަންނާކަށް އެއްބަހެއްނުވި. އެހެންނޫނަސް މަންމަ އެންމެ ބޮޑަށް ލޯބިވި މީހަކީ ދަރިފުޅުގެ ބައްޕަކަން ހަދާން ކުރަންވާނެ. އެހެންމީހަކަށް އެ މަގާމަކަށް ނާދެވޭނެ. ނޯޔާގެ ބައްޕައާއި ކައިވެނިކުރިކަން އެއީ އޭނަ ވެދިން އިހުސާންތެރިކަމެއް. މިހާ ދުވަސްކޮށްފައި މާޒީ އަލުން އިއާދަކުރާކަށް ބޭނުމެއްނޫން. އިހުސާންތެރިވިއޭ ބުނި ސަބަބުން ދަރިފުޅުމެންނާއި ހިއްސާކުރުމުގެ މާނައެއްވެސް ނެތް. އެކަމަކު އިހުސާންތެރިކަމުގެ ބަދަލު ދެވޭހާ ދުވަހަށްއެކީ އުޅެވިއްޖެ. މަންމަ މިހާރު އޮތީ ވަރިކުރަން އެދިފައި....." ނަތާލީ ބިއްލޫރި މޭޒުމަތީގައި ހުރި އެޕްލްސައިޑާ ތަށީގެ ބާކީ ހުރި ބައި ބޯލައިފިއެވެ. އަނެއްތަށި ހުރީ ހުހަށެވެ.

ނާޔަލްގެ ކަންތަފަށް އުދަގޫވިއެވެ. މަންމަގެ އެ ނިންމުން އޭނައަކަށް ކަމަކުނުދިޔައެވެ. މާކަސްއާއިއެކު އޮތް ގުޅުމާއިމެދު ދެރަވިއެވެ. މަންމަގެ ލޯބިވެރިޔާއަކަށް ގެންނަން ދުނިޔޭން އެންމެ ބޭނުންނުވާ ޒުވާނާއެވެ. ނާޔަލްގެ ބޮލުގައި ރިއްސަންފެށިއެވެ. އޭނަ ސޯފާއަށް ތިރިވިއެވެ. ކޮޅަށް ހުންނާނެހާ ބާރެއް ހަށިގަނޑަކު ނެތެވެ.

ނާޔަލް އޭނަގެ ފޯނު ހުޅުވާލާފައި އެފޮޓޯ ދެއްކުމަށްފަހު މަންމަ އެފޮޓޯ ނަގަންޖެހުނީ ކީއްވެހެއްޔޭ ސުވާލުކުރިއެވެ. ނާޔަލް ވާހަކަދެއްކީ ސީދަލަށެވެ. އެކަން އެނގުނީ މަންމަ ލޯގަނޑަށް އަރާފައި ހުރުމުން ކަމަށް ބުނުމުން ފޮޓޯ އަތުލާފައި ބަލައިލުމާއިއެކު ނަތާލީގެ މޫނުގެ ކުލަވަރު ބަދަލުވިއެވެ. ނާޔަލްއަށް އެ ތަންކޮޅު ލޮލުގައި އަޅައިގަތީމަ ހައިރާންވިއެވެ. އޭނައަށް ފަރުވާކުޑަކަމުން ލޯގަނޑަށް އަރާފައިވާ ސޫރަ އާއިމެދު ވިސްނައެއް ނުލެވުނެވެ. ބޭޒާރުވުމުން ނަތާލީވެސް އެކަން ފޮރުވާކަށް ނޫޅުނެވެ. ނާޔަލްއަށް ވަނީ އޭނަގެ އަނދިރިފަރާތް ކޮންމެވެސް ވަރަކަށް ފެނިފައި ނޫންހެއްޔެވެ. މާކަސް އޭނަގެ އުނގުގައި ބޯ އަޅާލައިގެން އޮތުމުން ކިރިޔާވެސް ތަސައްރަފު ފުދޭ މީހަކަށް ވިއްޔާ އެދެމީހުންގެ ދޭތެރޭ އޮތީ އާދައިގެ ގުޅުމެއް ނޫންކަން ވިސްނޭނެއެވެ.

"ނާޔަލް. ތި ފޮޓޯ ނެގީ މަންމަ. ކެމީލާގެ ކައިރިއަށް ދިޔައީ އޭނަ ނާޔަލްގެ ކުރެހުންތައް އަންދާލީމަ އެކަމާއި ހިތްހަމަނުޖެހިގެން ސުވާލުކުރަންވެގެން. އޭނައާއި ދިމާލަށް އެވާހަކަދެއްކީ. ކެމީލާ ސްޓަބްންކަމުން ކަންނޭގޭ އޭނަ މާފަށްވެސް ނޭދުނޭ. އެހެންވެ ރުޅިއާދެވުނުވަރުން ޝޯލްވެސް ދަމައިގަތީ. ދުއްވައިގަތީމަ ފައިގާ ދަތިއެޅުވުމުން އޭނަ ވެއްޓުނިގޮތަށް ޚަބަރުހުސްވީ. ކައިޒާން އަންނަތަން ފެނުމުން މަންމަ ހުރީ ސިޑީގެ ފުރަގަހުގައި ފިލާ. ކެމީލާ ހޭއެރިގޮތަށް އޭނަ މައްޗަށް ދިޔައީ ބުރުގާ އަޅަންކަންނޭނގޭ. ތެދަށް ބުނަންޏާ އޭނައާއި ކައިޒާންގެ ގުޅުމެއް އޮތްކަމެއް ނޭނގޭ ނަމަވެސް މަންމަ ބުނެފާނަން ވާހަކައެއް. މަންމަގެ ޅީދަރިއަކަށް އެ ކުއްޖާ ބަލައިގަތުމަކީ ދުވަހެއްގެ ކޮޅުންވެސް ކުރާނެކަމެއް ނޫން. ލަދުން ބޯ ހަލާކު. ނާޔަލް ޖެހޭނީ އޭނަ ދޫކޮށްލަން.....އެއްގޮތަކަށްވެސް އޭނައާއި ނާޔަލްގެ ގުޅުމަށް މަންމައަށް އެއްބަހެއް ނުވެވޭނެ...." ނަތާލީ ނާޔަލްގެ ކައިރީގައި އިށީދެއްޖެއެވެ.

ނާޔަލް ބޮލާއެކު މޫނުގައި ދެއަތް އަޅައިގެން އުޅަބޮށި ފައިގާ ޖައްސާލައިގެން އިންގޮތަށް އިނީ ހިމޭނުންނެވެ. ނަތާލީ ނާޔަލްގެ ބޮލުގައާއި ބުރަކަށީގައި ފިރުމަންފެށިއެވެ. ކުޑައިރުއްސުރެން މަންމަގެ އެފަދަ ކޮންމެ މައިވަންތަކަމާއި ކުލުނުން ފުރިފައިވާ ބީހުންތަކުން ނާޔަލް އުފާވެއެވެ. ނަމަވެސް މިއަދު އެ އަތް ފޮޅުވައިލަން ބޭނުންވިއެވެ.

"ނާޔަލް...މަންމަ ދަރިފުޅު ބަލާ ބޮޑުކުރީ ވަރަށް ލޯބިން. ނާއީއާއި ނޯޔާއަށްވުރެ އެތައް ތަނެއް ޚާއްސަވިކުއްޖެއް ތީ. މަންމަގެ ފުރާނައަކީ ތީ. ވީމަ އެހާ ޚާއްސަކުއްޖަކާއި ތާކުން ތާކު ނުޖެހޭ އަންހެނަކާއި ގުޅެން މަންމަ ގަބޫލުވާނީ ކިހިނެއްތަ؟ ދުވަހަކު އެކަމެއްނުވާނެ. އެޑްރިއާނާ އޮތީ ޒޯއީއާއި ނާޔަލް ގުޅުވަން މަންމަ ކައިރި ވަރަށް ކުރީއްސުރެ އެދިފައި. ނަމަވެސް މަންމައަށް ބޮޑަށް ރަގަޅީ ޚާންދާނުން ކުއްޖަކު ހޮވިއްޔާ........"

ނާޔަލްގެ ހިތަށް ކޮށްފައިވާ އަސަރު ބަޔާންކޮށްދޭން ނުކުޅަދާނައެވެ. މަންމަ އަމިއްލައަށް އެދެއްކި ވާހަކަތަކުން އޭނައަށް ސާބިތުކޮށްދިނީ ކެމީލާގެ މާތްކަމެވެ. އޭނަ އެހީމަވެސް އެދުވަހުގެ ހާދިސާ ސިއްރުކުރީ މަންމަ ބޭޒާރުނުކުރަން ވެގެންނެވެ. ކެމީލާ އެވާހަކަ ނުދެއްކީ މަންމައާއި މަންމަގެ ފިރިހެންދަރިއާއި ދޭތެރޭ މައްސަލަ ޖެހިދާނެތީއެވެ. ކިހާ ރަގަޅު އަންހެންކުއްޖެއް ހެއްޔެވެ. ނާޔަލްގެ ފަރާތުން ނަފްރަތާއި އަނިޔާ ލިބުނުއިރުވެސް ކެމީލާ ހުރީ އަނގައިގާ ތެރެސް ލައިގެންނެވެ. އެދުލުން މަންމައާއި ބެހޭގޮތުން ނާޔަލް ކައިރީ ޗުއްޕުވެސް ބުނެލަން ބޭނުންނުވީއެވެ. ކިހާ ހިތްހެޔޮ އަޚުލާގު ރަގަޅުކުއްޖެއް ހެއްޔެވެ. އަމިއްލަ އެދުމެއްނެތް ބަސް އަހާ ކުއްޖެކެވެ.

"ނާޔަލް ޖެހޭނީ ކޮންމެވެސް އެއްފަރާތެއް ހޮވަން. މަންމަ ނޫނީ އެ އަގެއްނެތް އަންހެނާ......." ނަތާލީ ވާހަކަދެއްކީ ރީތިކޮށެވެ.

ނާޔަލްގެ ސިކުނޑީގައި ނިއުޅެމުންދިޔައީ ކެމީލާއާއި އޭނައާއިއެކު ހޭދަވި އެކި ދުވަސްތަކެވެ. ކެމީލާގެ ރީތި އުޅުމާއި ދީންވެރިކަމެވެ. ނާޔަލްއަށް ދީނުން އެއްޗެއް ދަސްވިއްޔާ ދަސްވީ ކެމީލާގެ ސަބަބުންނެވެ. އޭނަގެ ހިތުގައި ދީނަށްޓަކައި ޝައުގުވެރިކުރުވީ މަންމަ އަގެއް ނެތްކަމުގައި ދެކޭ އަންހެންކުއްޖާއެވެ. އޭނަ ރަލާއި ފާހިޝް އަމަލުތަކާއި ދުރުވުމުގެ ސަބަބަކީވެސް އެކުއްޖާއެވެ. ހުރިހާ ނަމާދުތައް ވަގުތުން ކުރަން ފެށީ ކެމިލާއާއި ހެދިއެވެ. ތައުބާވުމުން ކޮށްފައިވާ ފާފަތައް ފުއްސަވާނެކަން އެނގުމުން ނާޔަލްއަށް ހިތްވަރު ލިބުނެވެ. މަންމައަށް ލިބުނު ޖަވާހިރެއްފަދަ ޅީދަރި ނަގައިލަން މަންމަ އުޅޭއިރު އެއިން އެއްވެސް ކަމެއް ނޭގެނީހެއްޔެވެ.

"އައި ކާންޓް ލީވް ހާ...." ނާޔަލް ކޮޅަށް ތެދުވުނެވެ.

މިގޭތެރޭގައި ހިނދުކޮޅަކު ހުންނަންވިޔަސް އޭނަގެ ނޭވާ ހާސްވެދާނެއެވެ.

ނަތާލީގެ މޫނުމަތީގައި ނާޔަލް އެތިފަހަރެއް ޖެހިނަމަވެސް އޭނަ އެހާ ހައިރާންވެ ރުޅިއަންނާނެކަމެއް ނެގެއެވެ. ނަތާލީ ދެލޯ ބޮޑުކޮށްގެން ބަލަން ހުރީ ގަބޫލުނުކުރެވިފައެވެ. އެހެން އެބުނީ ހަމަ އޭނަގެ ލޯބިވާ ފިރިހެންދަރިފުޅު ހެއްޔެވެ. އޭނަ އެތައް ބުރައެއް އުފުލުމަށްފަހު ބަލާ ބޮޑުކުރި ދަރިފުޅު އަންހެނަކަށްޓަކާ އޭނަގެ މޫނުމަތީ ކޮޅުފައިން ޖެހީހެއްޔެވެ.

"މަންމަގެ މަގާމާއި މަންމައަކީ ކާކުކަން އެ އަންހެނާއަށްޓަކާ ހަނދާން ނައްތާލީތަ؟ " ނަތާލީ ރުޅިގަދަވެގެން ތުން ފިތާލައިފިއެވެ.

"މަންމަގެ މަގާމަށް އެހެން އަންހެނަކަށް ނާދެވޭނެ. ނަމަވެސް ރަގަޅު އަންބެއް ލިބިފައި ހުއްޓާ އެކުއްޖާގެ ކުށަކާ ނުލާ ދޫކޮށެއްނުލެވޭނެ. ކޮންމެހެން މަންމަ ނޫނީ ކެމީލާ ހޮވާކަށް މަންމަވެސް ބާރު އަޅާކަށް ނުޖެހޭނެ. ސޮރީ މަމް...." ނާޔަލް ރުޅި ފިނިކުރަން މަސައްކަތްކުރަމުން އެތަނުން ދާން ހިނގައިގަތެވެ.

ނަތާލީ ނާޔަލްގެ އަތުގައި ހިފާ ހުއްޓުވިއެވެ. އެއާއިއެކު ނާޔަލްގެ މޫނުމައްޗަށް އެތައް އެތިފަހަރެއް އެއްފަހަރާ ބޭލިއެވެ. ނާޔަލްގެ މޫނަށް އެނބުރުން އަރާގޮތްވިއެވެ.

"ދެން ދުވަހަކުވެސް އަހަންނަށް މަންމަ ކިޔައިގެން ނުވާނެ. އެ އަންހެނާ ކައިރިއަށް ދިޔުމަށްފަހު މަންމާ ކިޔާފައި މަގޭ ކައިރިއަށް އަނބުރާ ނާންނާތީ. އަހަރެންގެ ދަރިއަކު އަހަރެންގެ މައްޗަށް އެހެން އަންހެނަކު އިސް ނުކުރާނެ. ނާޔަލްގެ ބައްޕަގެ ގެ ވީމަ އަހަރެން މިތަން ދޫކޮށްފައިވެސް ގޮސްދާނަން. ނާޔަލް ހީކުރަނީ ނާޔަލްގެ ބައްޕަގެ މުއްސަދިކަމުން ކަމަށް އަހަރެން މިއުޅެނީ؟ އަހަރެން އަމިއްލަ އެޕާޓްމެންޓްވެސް އެހެރީ. އައިމް ލީވިން ދިސް ޕްލޭސް..." ނަތާލީ ބާރުބާރަށް ހިނގާފައިގޮސް ސިޑިންއެރިއެވެ. ނާޔަލް ކެމީލާއާއި އެއްކޮޅަށް ވާހަކަދެއްކުމުން ނަތާލީގެ ހިތުގައި ފުރާނަފަދަ ލޯބިވާ ދަރިފުޅާއިމެދު ޝަކުވާ އުފެދުނެވެ. އެއްގޮތަކަށްވެސް އޭނަ ނާޔަލްގެ ކުރިމަތީގައި ދެރަވާ ކަމަކަށް ނެހެދޭނެއެވެ. ނާޔަލް ޖެހޭނީ އޭނަގެ ގާތަށް އަންނާށެވެ. އާދޭސްކުރާށެވެ. މާފުކުރާނީ ކެމީލާ ދޫކޮށްލާފައި އައި ދުވަހަކުންނެވެ. މިގެއަކީ ނާޔަލްގެ ބައްޕަ އަލީ މައިކަލްގެ ގެއެކެވެ. އޭނަގެ އާއިލާއަކީ އެމެރިކާގެ އެންމެ މުއްސަދިންގެ ތެރޭ ހިމެނޭ މީހުންނަށް ވުމުން އެތައް ބިމަކާއި ކުންފުނިތައް މިލްކުވެފައިވެއެވެ. މި ސަރަހައްދަކީވެސް އެމީހުންގެ މިލްކެވެ. އެހުރިހާ ބެއިންނަށްޓަކާ މުޅި ހިސާބު އޮތްގޮތަށް ގަނެފައިވާއިރު ނާޔަލްއަށް ލިބުނު ބިން އެހާ ބޮޑެވެ. ނަތާލީ މެން އުޅޭގެއަކީވެސް ނާޔަލްގެ ބައްޕަގެ ގެއެކެވެ. ނާޔަލްއާއި މައްސަލަ ޖެހުމުން އެގެއިން ނުކުމެގެންދާން ނަތާލީ ވިސްނި ސަބަބަކީ އެއީއެވެ. ނާޔަލްއަށް ބޮޑަށް އަސަރުކުރާނީ އޭރުންނެވެ.

ނާޔަލް ކާރު ދުއްވާފައި ދިޔައިރު އެ މޫނުމަތިން ފެންނަނީ އިންތިހާ ދަރަޖައިގެ މޮޅިވެރިކަމާއި ހިތްދަތިކަމެވެ. ވަރުބަލިކަމެވެ. މަންމައާއި ދެބަސްވުމަށްފަހު ހިތަށް ނުބައި ގޮތެއްވެފައިވެއެވެ. ބޮލުގައި ރިއްސާވަރުން ކެތްކުރެވެނީއެއް ނޫނެވެ. އޭނައަދި ކެމީލާ ކޮޅަށް ވަކާލާތު ކުރިޔަސް ކެމީލާގެ ފަރާތުންވެސް އޭނައަށް ވަކި ލިބެނީ ކޯންޗެއް ހެއްޔެވެ؟ ނަފްރަތެވެ. ފިރިމީހާގެ ހައްގު އަދާކޮށްދޭންވެގެން ނާޔަލް ބުނި ކޮންމެ އިރަކު އަދި ކޮންމެ ކަމެއްކޮށްދިނަސް ކެމީލާގެ ހިތް ރޯކަން ނާޔަލްއަށް މިހާރު އެނގެއެވެ.

ނާޔަލް އެކުވެރިންތަކާއިއެކު ކެސިނޯއަކަށް ވަނީވެސް ބޮލުތެރޭ އެނބުރޭ ޚިޔާލުތަކާއި ވަކިވެ މަޖާކޮށްލުމަށެވެ. މަންމަގެ ފަރާތުން ލިބުނު ހިތްދަތިކަމުން މިންޖުވެ އެކަން ހަނދާން ނައްތާލުމުގެ ނިޔަތުގައެވެ. އެތަން އޮތީ ފުރިފައެވެ. ސްލޮޓް މެޝިންތަކާއި ޓޭބަލް ގޭމް ސްޕޯޓްސް ބެޓިން އަދި ޕޯކާ ފަދަ ކަންތައްތަކުގެ ފޯރީގައެވެ. މިއަދު ނާޔަލްގެ ހިތަށް ހަމަޖެހުމެއް ނުލިބުނެވެ. މިފަދަ ތަނަކަށް ވަނުމުންވެސް އުފާވެރިކަމުގެ ޒައްރެއްގެ މިންވަރުވެސް ހިތަށް ނުލިބުނެވެ. މިފަދަ ތަންތަން ފާފައަށް ދައުވަތުދޭހެން ހީވި ފުރަތަމަ ފަހަރެވެ. ކެސިނޯތަކަށް ދެވި ހިފި އިރެއްވެސް އައެވެ. ހުރިހާ ނުބައިކަމަކަށް އޭނައަށް އަރައިގަނެވިފައި ވޭބާވައޭ ހިތަށްއެރިއެވެ. ޖުވާކުޅުމުން ބައެއްފަހަރު ފައިދާވާއިރު ކިތަންމެ ބޮޑު ގެއްލުމެއްވެސް ވެދާނެއެވެ. ނާޔަލް އަށް ވައިބާ މެސެޖެއް އައުމުން ނާޔަލްއަށް ބަލައިލެވުނެވެ.

އެއީ ވީޑިއޯ މެސެޖެކެވެ. ގުރުއާންގެ އާޔަތެއް ހިމަނާފައިވާ ދީނީ ރިމައިންޑާއެކެވެ. ކެމީލާ އޭނައަށް އެމެސެޖް ފޮނުވުމުން ބަލައިލަން ވެގެން ބޭރަށް ނުކުތެވެ. އަސަރުގަދަކޮށް ކިޔަވާފައިވާ އާޔަތެއްގެ މާނަވެސް އިނގިރޭސިބަހުން ތިރިއަށް އަރާފައި ހުއްޓެވެ. ހަދީދު ސޫރަތުގެ އެ އާޔަތުގައި އޮތީ "ހޭޒް ދަ ޓައިމް ނޮޓް ކަމް ފޯ ދޯޒް ހޫ ހޭވް ބިލީވްޑް ދެޓް ދެއާ ހާޓް ޝުޑް ބިކަމް ސަބްމިސިވް ޓު ދަ ރިމެމްބްރެންސް އޮފް ﷲ" މާނައަކީ މާތް ﷲއަށް އީމާންވި މީހުންނަށް އެބައިމީހުންގެ ހިތްތައް މަޑުމޮޅިކަމާއިއެކު މާތް ﷲ ހަދުމަކުޅައުމަށް އަދިވެސް ވަގުތު ނުވަނީހޭ؟ " އެވެ.

ނާޔަލްގެ ގައިން ހީބިހިނެގިއެވެ. ޖިސްމާއި ރޫހުވެސް ރޫރޫއަޅައިގެން ދާފަދަ އިހުސާސްތަކެއް ކުރެވުމާއިއެކު ފެންކަޅިވިއެވެ. ހިތުގެ އެންމެ ފުންމިނުގައި އެ އާޔަތުގެ މާނަ ހަރުލިއެވެ. ކަންފަތުގައި އެ އާޔަތް ގުގުމާލިއިރު އަމިއްލަ ނަފުސަށް ލިބުނު އިންޒާރެއް ފަދައިންނެވެ. މި އާޔަތުން ކުރި އަސަރު އަދި ދުވަހަކު ހިތަށް ނުކުރެއެވެ. އެހާ ޖަޒުބާތީ މީހަކަށް ނުވިޔަސް ނާޔަލްގެ ހިތަށް މަޑުމޮޅިކަމެއް ވަދެ ދެވަނަފަހަރަށްވެސް އެ އާޔަތް ޖެއްސިއެވެ. ތިންވަނަފަހަރަށްވެސް މެއެވެ. އޭނަފަދަ އިންސާނުންނަށް ހިދާޔަތް ލިބޭނީ މިފަދަ އާޔަތްތަކެއް އިވިގެންނެވެ. ކެމީލާ އޭނައަށް މިފޮނުވި ވީޑިއޯއާއިއެކު އަލުން އަނބުރާ ކެސިނޯއަށް ވަންނާކަށް ނުކެރުނެވެ. ވަގުތުން އަނބުރާލާފައި އޭނަ ހިނގައިގަތީ ކާރާއި ދިމާލަށެވެ. ކާރުގައިވެސް ތަކުރާރުކޮށް އެ އާޔަތް އަޑުއަހަމުންގޮސް ނާޔަލްގެ ލޮލުން ކަރުނަތިއްކެއް އައުމުން ހައިރާންވިއެވެ. އޭނައަށް ހަމަ އެހާ ފަސޭހައިން ރޮވިއްޖެ ހެއްޔެވެ. ގުރުއާނުގެ ކޮންމެ އާޔަތެއްގައި ވާ ފުން މާނައާއި އަސަރުތަކުން ރޫހާނީ ގޮތުން މީހާއަށް ކޮންމެފަދަ ބަދަލެއްވެސް އަތުވެދާނެއެވެ. ނާޔަލްފަދަ ޒުވާނަކަށްވެސް ރޮވުނީ އޭނަ ކޮށްފައިވާ ފާފަތައްމަތިން ހަދާންވެފައެވެ. އެގޮތަށް ކަރުނަ އޮއްސުމުން ނާޔަލްއަށް ގުރުއާނާއިމެދު އިތުރަށް ވިސްނައިލަން މަޖުބޫރުވިއެވެ. ހުރިހާ ފާފަތަކުން ދުރުވެ ހެއްދެވިފަރާތަށް ކުރިމަތިލާން އެވަގުތު ނާޔަލް ވައުދުވިއެވެ. ކުޑަކޮށް ހިނިތުންވެލެވުނެވެ.

ނާޔަލް ކެމީލާގެ ފޮޓޯއަކަށް ބަލަހައްޓައިގެން އިނެވެ.

"ޔޫ އާ ދަ ބެސްޓް ތިންގް ދެޓްސް އެވާ ހެޕެންޑް ޓު މީ. ޑޯންޓް ޔޫ ނޯ ދެޓް.." ނާޔަލްއަށް ކިޔާލެވުނެވެ.

ނާޔަލް އެ ވީޑިއޯ ހިއްސާކުރީ އެ ޚާންދާނުގެ ޒުވާނުން ހިމެނޭ ވައިބާ ގްރޫޕަކަށެވެ. މިވީހާތަނަށް އެ ގްރޫޕްގައި ދީނީ ވީޑިއޯއެއް ހިއްސާކުރެވުނު ފުރަތަމަ ފަހަރެވެ. ވީޑިއޯ ކައިރީގައިވާ ހިތަށް ލައިކް ކުރިޔަސް އަދި އެމިހުން ބަލާނެ ކަމެއް އެނގެނީއެއްވެސް ނޫނެވެ. ނަމަވެސް ހިއްސާކުރީ އޭނަ ބަދަލުވާން އެންމެ ބޮޑަށް މެދުވެރިވި މާތް ﷲގެ ވަހީބަސްފުޅެވެ. ހިތަށް އެންމެ އަސަރުކުރުވި އާޔަތެވެ.

ނާޔަލް ސޯފާއެއްގައި ޖައްސައިލިގޮތަށް ދެލޯ މަރާލައިގެން އޮވެފައި ގަޑި ބަލައިލިއިރު އެގާރަ ޖަހާ ބޮޑުވެއްޖެއެވެ. ފެންޑާއަށް ނުކުތްއިރު ކޮންމެވެސް ވަރަކަށް ސްނޯ ފައިބާން ފަށައިފިއެވެ. އެއްފަރާތުގައި ހުރި ކެމީލާ އަށް ނާޔަލް ނުކުމެ ސޯފާގައި އިށީން ކަމެއްވެސް ނޭގުނެވެ. އޭނަގެ ހަރަކާތްތައް ޝައުގުވެރިކަމާއިއެކު ނާޔަލް ބަލަން އިންކަން އެގުނުނަމަ ކުޑަކުއްޖެއް ފަދައިން އޭނަ ދުވެ ދުވެފައި ނޫޅޭނެކަން ޔަގީނެވެ. ފިޔާތޮށިކުލައިގެ ކެހެރި ކޯޓާއި ޝޯލްގެ ތެރެއިން ކެމީލާގެ މޫނު ފެންނަލެއް ރީތިކަމުން ނާޔަލްގެ ހިތުގައި އާ ވިންދެއް ޖަހައިލިއެވެ. ކެމީލާ މައްޗަށް ބަލަން ހުރެ ހުދު ހުދު ދޫނިފަތްތައް ފަދަ ލުއި ސްނޯކޮޅުތަކުގައި ހިފަމުން ހެމުން ކުޑަކޮށް ނަށަންފެށިއެވެ. ހާދަ ފުރިހަމައެވެ. ސްނޯގެ ތެރޭ އެހާ ރީތި ކުއްޖެއް އެހާ މަޖާކޮށް އުޅުމުން އެއަށްވުރެ ރީތި މަންޒަރެއް ދުނިޔެއިންވެސް ފެންނާނެކަމެއް ނޭގެއެވެ. ނާޔަލް ސިއްރުން ފޮޓޯއެއް ނަގާފައި ފޯނު ޖީބަށް ލިއެވެ. އަނގަ ބޮޑުކޮށް ހުޅުވާ ދޫނެރެގެން އެ ސްނޯކޮޅުތައް ކައިފާ މަޖާވެގެން ހުނެވެ. އެހުރިހާ ސަކަރާތެއް ޖަހަން ހުރެފާ ފެންޑާއާއި ދިމާލަށް ބަލައިލެވުމާއިއެކު ކެމީލާގެ ހަރަކާތްތައް ހުއްޓުމަކަށް އައެވެ. ލޯ ބޮޑުކޮށްލާފައި އަނގަ ހުޅުވައިލިގޮތަށް މޫނުގައި އަތް އަޅާފައި އަނެއް ފަރާތަށް އެނބުރުނެވެ. އޭނަ ލަދުންގޮސް މަރުވާވަރުވިއެވެ.

"ހައި.....ލަދުން ހަމަ ސްނޯކޮޅެއްހެން ވިރިއްޖެ....." ނާޔަލް ހީލަމުން ކަރުގައި ސްކާފް އޮޅާލިއެވެ." މިދަނީ ދުއްވާލަން. ބޭނުންތަ ސްކޭޓްކުރަން ދާން؟"

ކެމީލާ އެއްޗެކޭ ނުބުނެ ވަގުތުން އަނބުރާލާފައި ހިނގައިގަތީ ގަސްތައް ހުރި ދިމާލަށެވެ. އޭނަ އެޖެއްސި ވައްތަރުތައް ނާޔަލްއަށް ފެނުމުން ލަދުގަތީކަމަށް ނޫނީ ރުޅިއައީކަމެއްވެސް ނޭގުނެވެ. ނާޔަލް ހިނި އަންނަގޮތްވިއެވެ. އަންހެންކުދިން ބައެއްފަހަރު އުޅޭލެއް މޮޔަކަމުން އެ މޮޔަކަން ދެކެވެސް ލޯބިވެއެވެ.

ނާޔަލް ގަސްތުކުރީ ސިކުނޑި ތާޒާކޮށްލަން ދުއްވާލަން ދާށެވެ. އެކި ޚިޔާލުތަކުގައި ހުރެ އެތައް އިރެއްވާންދެން ވަކި މަންޒިލެއްނެތި ދުއްވިއެވެ. ގެއަށް އަންނާންވެގެން އަނބުރައިލިގޮތަށް އެއާއިލާގެ މީހުން ގަނެފައި އޮންނަ ބިން އޮތް ހިސާބުން ދަތުރުކުރާން ފެށުމާއެކު ކުއްލިއަކަށް ވީގޮތެއް ބުނާކަށްވެސް ނޭގުނެވެ. ސީދަލަކަށް ނުދުއްވުނެވެ. ފެނުން ސަކަރާތްވިއެވެ. ފުސްގަނޑެއްހެން ފެންނަން ފެށުމުން ކުއްލިއަކަށް މަގުގެ މެދާއި ހަމައިން ބުރަކި ހިފާލެވުނެވެ.

"ކިހިނެއް މިވަނީ. އައިމް ސޯ ކޮންފިއުޒްޑް...." ނާޔަލް ދެލޯ މަރައިލީ ބޮލުގައި އަޅަންފެށި ވޭނަކުން ކެތްނުވެގެންނެވެ. އެހެން ލާފައި އައި ކާރެއް އެހިސާބަށް މަޑުކޮށްލުމުން ނާޔަލް ބަލައިލީ ހުވަފެނެއްގައި އިން މީހެއް ފަދައިންނެވެ. ކާރުގެ ބިއްލޫރި ތިރިކޮށްލާފައި ޑޮކްޓަރ ރިވާއު އޭނައާއި ވާހަކަދެއްކިއެވެ. ޑޮކްޓަރ ރިވާއު އާއި އެކުވެރިޔަކު އެހެން ލާފައި ދަމުން ނާޔަލްގެ ކާރު ފާހަގަވެގެން މަޑުކޮށްލީއެވެ.

"ނާޔަލް. އާ ޔޫ ޑްރަންކް؟" ރިވާއު ކަންބޮޑުވެފައި ސުވާލުކޮށްލިއެވެ.

"ނޮޕް. އެކަންތައް ހުއްޓާލައިފިން...."ނާޔަލް ވާހަކަދެއްކިއިރު ތަނަކަށް ތަދުވެގެން އުޅޭކަން އަޑުން ހާމަވެއެވެ. ކެތްކުރަން އޭނަ މަސައްކަތްކުރިއެވެ. ކިތަންމެ ހިތްވަރުގަދަވިޔަސް އޭނަގެ ބޮލުގައި އަޅަމުންދާ ވޭނަކީ އާދައިގެ ވޭނެއް ނޫނެވެ. "ސިވިއާ ހެޑޭކް. ކެން ޔޫ ޑްރައިވް މީ ހޯމް ރިވާ ؟"

ރިވާއު އޭނަގެ އެކުވެރިޔާއާއި ކާރު ހަވާލުކޮށްފައިގޮސް ނާޔަލްގެ ކާރަށް އެރިއެވެ. ނާޔަލް އަނެއް ސީޓަށް ބަދަލުވިގޮތަށް އިނީ ސީޓަށް ލެނގިލައިގެން ދެމޯ މަރާލައިގެންނެވެ. ރިވާއު އެކި ސުވާލުތައް ކުރިއެވެ. ބޮލުގައި ރިއްސަނީ ކިހާ ގިނައިންތޯއާއި ހޮޑުލަވާ އެހެން އުދަގޫތައް ދިމާވޭތޯއެހިއެވެ. ނާޔަލް ބުނީ އޭނަގެ ބޮލަށް އަނިޔާއެއް ލިބުނުފަހުން މިކަންތައް އާއްމުކަމަކަށް ވެފައިވާ ކަމުގައެވެ. ރިވާއު ކާރު މަޑުކޮށްލުމުން ނާޔަލް އެރިފައި ސުވާލުގެ ނަޒަރަކުން ބަލައިލިއެވެ. ރިވާ މަޑުކޮށްލީ ގެއަކަށް ނޫނެވެ. ޕްރެސްބެޓީރިއަން ހޮސްޕިޓަލަށެވެ.

"އައި ތިންކް ޔޫ ޝުޑް ޑޫ އެ ޗެކަޕް..." ރިވާއުގެ އަޑުގައި "ފާމް" ކަމެއްވިއެވެ. ޗެކަޕް ނަހަދާ ނާޔަލްއަށް ގެއަށް ދިޔުން ފަސޭހަ ނުވާނެކަން އެ ސީރިޔަސް ނަޒަރާއި ރާގުން ނާޔަލް ދެނެގަތެވެ. ރިވާއު މަސައްކަތްކުރާ ބަޔަށް ގެންގޮސް އޭނަ ފިޒިކަލް ޗެކަޕެއް ހަދައިލިއެވެ. ލޯވެސް ރަގަޅަށް ޗެކްކޮށްލިއެވެ. ނާޔަލްގެ އޮޕްޓިކް ޑިސްކް ދުޅަވެފައިވާކަން ރިވާއުއަށް އެނގުނަސް އޭނަ އެވާހަކަ އެއް ނުބުނެ އެވަގުތު ސިއްރުކުރިއެވެ. ރިވާއު ބޭނުންވީ އެމްއާރުއައިއެއް ހަދާށެވެ. އެމްއާރުއައި ހަދަންވުމުން ދެކޮޅު ހަދާފައިވެސް އެންމެ ފަހުން އެއްބަސްވާންޖެހުނެވެ. ނާޔަލް ހަދާންހުރެއެވެ. ރިވާ ބޮލުގައި ރިއްސާ ރުޅިގަދަވެ އެތައް އުދަގޫތަކެއް ދިމާވެގެން ޓެސްޓް ހެދިއިރު ރިވާގެ ބޮލުގައި ހުރީ ޓިއުމަރެކެވެ. ކެންސަރަށް ނުވިޔަސް އޮޕަރޭޝަނެއް ކުރަން ޖެހުމަކީ އާދައިގެ ކަމެއް ނޫނެވެ. ޓިއުމަރު ބެނައިންވިޔަސް ބައެއްފަހަރު ހުންނަ ހިސާބެއްގެ ގޮތުން އޮޕަރޭޝަން ނުކުރެވި އިތުރު މައްސަލަތަކެއް ކުރިމަތިވެދާނެއެވެ. ސިކުނޑިއަކީ އިންސާނާގެ އެންމެ މުހިއްމު ގުނަވަނެވެ. ހަނދާންތަކާއި އިހުސާސާއި ވިސްނުން ލައްވާފައިވަނީ އެގުނަވަނުގައެވެ. ހަރަކާތްތަކާއި ރިއެކްޝަންތައް ކޮންޓްރޯލްކޮށް ކޯޑިނޭޓްކުރާ ގުނަވަނަކީ އެއީ ކަމަށްވާ ހިނދު ކެންސަރު ނޫން ޓިއުމަރެއް އުފެދުނަސް މީހާ ނުކުޅެދޭ ބަލިމީހަކަށް ހަދާފާނެއެވެ.

ނާޔަލްގެ ޚާންދާނުގައި ޑޮކްޓަރުން ގިނައެވެ. ޚާއްސަކޮށް ޒުވާން ޖީލުގައި ޑޮކްޓަރުން ގިނަވެފައި އެއާއިލާ އިންވެސްޓްކޮށްފައިވާ ހޮސްޕިޓަލްތައް ގިނައެވެ. ނިއުޔޯކް ޕްރެސްބެޓީރިއަންފަދަ މަޝްހޫރު ހޮސްޕިޓަލްތަކުގައި އެމީހުންގެ ހިއްސާ އޮވެއެވެ. ހަމައެކަނި އެމެރިކާގައެއް ނޫނެވެ. ޔޫރަޕާއި މެދުއިރުމަތީގެ ގައުމުތަކާއި އެފްރިކާގައިވެސް އެމީހުންވަނީ އިންސާނިޔަތަށްޓަކާ ހޮސްޕިޓަލްތައް ހުޅުވާ ގިނަ ކަންތައްތަކަށް ފަންޑުކޮށްފައެވެ. ނާޔަލްގެ ޚާންދާނީ އެކުވެރިންގެ ތެރޭ ހިމެނޭ ރިވާއަކީ އަބަދުވެސް އެންމެ ގާތް އެކުވެރިއެކެވެ.

އެމްއާރު އައި މެޝިން ރޫމަށް ވަނުމުން ނާޔަލްއަށް ފިނިވާގޮތްވިއެވެ. ބަލިމީހެއްގެ ގޮތުގައި މިތަނަށް ވަންނަން ޖެހިދާނެކަމަކަށް އޭނަ ދުވަހަކުވެސް ހިޔެއްނުކުރެއެވެ. އެމްއާރުއައި މެޝިން އޮންކޮށްފައި ހުންނައިރު ކިޔާ ހިތްގައިމު މިއުޒިކެއްފަދަ އަޑުވެސް ނާޔަލްގެ ކަންފަތަށް އިވުނީ އުދަގޫގޮތަކަށެވެ. އަދި މެޝިނަށް ލުމަށްފަހު ކަންފަތަށް އުދަގޫވާފަދަ ބާރު އަޑުތައް އިވެންފެށުމުން ނާޔަލް އޮތީ ދެލޯ މަރާލައިގެންނެވެ. ގުޑާނުލާ އެހެން ގިނައިރު އޮންނާން ވުމަކީ ފަސޭހަކަމެއް ނޫނެވެ. ވޭތުވަމުންދިޔަ ކޮންމެ ހިނދުކޮޅެއް ގަރުނެކޭ އެއްވަރުވިއެވެ. ނާޔަލް ހަނދާންވީ ކެމީލާގެ މެސެޖެވެ. މިފަދަ ވަގުތަކުގައިވެސް ހަދާންކުރަންވީ އެންމެ ފަރާތަކުންނެވެ. އެމްއާރުއައި ނިމުމުން އިންޖެކްޝަނާއި ބޭހުގެ ސަބަބުން ވާ އުދަގޫތަކަށް ލުޔެއް ލިބުނެވެ.

ނާޔަލް ގެއަށް ވަދެފައި ކެމީލާ ފެންނާން ނެތުމުން ހުރިހާ ކޮޓަރިތަކެއް ހޯދިއެވެ. އެފޯނަށް ގުޅިއެވެ. އުލާއަށްވެސް ގުޅިއެވެ. އުލާ ބުނީ އެގެއަށް ނާންނަކަމުގައެވެ. ކުއްލިއަކަށް ނާޔަލް ހަނދާންވީ ކެމީލާ ގަސްތަކުގެ ތެރެއަށް ވަދެގެން ދިޔަ ހަނދާނެވެ. އެކަނިމާއެކަނި ވަލުތެރެއަށް ވަދެގެން އުޅެނިކޮށް ނުރައްކަލެއް ކުރިމަތިވެދާނެ ނޫންހެއްޔެވެ. ގަނޑުވެފައިވާ ކޯރުތަކާއި ރޯލިން ހިލްސް ވާ ސަރަހައްދެކެވެ. ބައެއް ދިމާލުގައި ބޮޑެތި ހިލަގަނޑުތަކެވެ. ކުއްލިއަކަށް ސްނޯ ބޯކޮށްލައިފިއެވެ. މިއަދު ވެހިފައިވާ ތާޒާ ސްނޯގެ މަތިން ހިގަމުން ދިޔައިރު ނާޔަލްގެ ހިތްވަނީ އަވަސްވެފައެވެ.

"ކެމީލާ....."ނާޔަލްގެ އަޑު ގުގުމައިލިއެވެ. ނަމަވެސް މުޅި އެހިސާބަށް ވެރިވެފައިވާ ފުން ހިމޭންކަމުގެ ތެރެއިން އިތުރު އަޑެއް ނީވުނެވެ.

ނަތާލީއާއި މާކަސް އެޕާޓްމެންޓަށް ވަދެފައި ނަތާލީ މާކަސްގެ ކޯޓު ބާލަދޭން އުޅުނެވެ. ފިސްތޯލައިގާ އަތް ޖެހުމުން ނަތާލީގެ ހިތް ފުންމައިގެން ދިޔަހެން ހީވިއެވެ. ހަށިފާރަވެރިން ބަޑި ގެންގުޅުމަކީ ނަތާލީ ދެކޭގޮތުން އެމީހުންގެ ފިރިހެންވަންތަކަން އިތުރުކުރުވާ ގަޔާވެވޭ ސިފައެކެވެ. މާކަސްފަދަ ރީތި ޒުވާނަކަށްޓަކާ ފިދާނުވާނީ ކޮން އަންހެނެއްހެއްޔެވެ.

"މާކް....އާ ޔޫ ޝުއާ؟ ޔޫ ގޮޓް ރިޑް އޮފް ހާ؟" ނަތާލީ ދެވަނަފަހަރަށްވެސް އެހިއެވެ.

މާކަސް އެއްމިޔަކަނުން ހީލިއެވެ.

"އިޓްސް އޯލްރެޑީ ޑަން......"

"ޔޫ އާ ސަޗް އެ ސްވީޓްހާޓް......." ނަތާލީ ހީގަނެފައި ފުންމައިގެން އެރީ މާކަސްގެ ކޮނޑަށެވެ. މާކަސްގެ ބާރުގަދަކަމާއި ވަރުގަދަކަމުން ނަތާލީގެ ބުރަދަން އުފުލައިލުން އެއްވެސް ކަމަކަށް ނުވިއެވެ.

އަވަސްވެފައިވާ ހިތަކާއިއެކު ނާޔަލް ކެމީލާއަށް ގޮވަމުން އެ ބޯ ސްނޯ ތެރޭ ތަންކޮޅަކަށް ހިނގައިލިތަނާ ފެނުނު މަންޒަރަކުން ހިތަށް ބިރުވެރިކަމެއް ވަނެވެ. ބިރު ކިޔާ އިހުސާސް އޭގެ އެންމެ ފުރިހަމަގޮތުގައި ސިކުނޑިއަށް ވަން އިރެއް މިނޫނީ ހަޔާތުގައި އައިހެނެއް ހިޔެއްނުވެއެވެ. ސްނޯމަތީ ދުވޭނެ އެންމެ ބާރަށް ދުވެލާފައިގޮސް އޭނަ ކެމީލާ ކައިރިއަށް ގުދުވެލިއިރު ކެމީލާގެ ފުރާނަ ހުރިކަމާއިމެދު ޝައްކުވިއެވެ. ދެލޯމެރިފައެވެ. މޫނު ހުދުކަމުން ކަފަކޮޅެކޭ ތަފާތެއް ނެތެވެ. ނާޔަލް ކެމީލާގެ މޫނުގައި ދެއަތުން ހިފެހެއްޓިއެވެ.

"ބޭބީ ކިހިނެއްވެފަ ތިއޮތީ؟ "

(ނުނިމޭ...)

comment ކޮމެންޓް