މިރޭ ސެމްސަންގުގެ އިވެންޓެއް، ފެންނާނީ ކޮން ކަންތައްތަކެއް؟

ސެމްސަންގަށް މިރެއަކީ އަނެއްކާވެސް ބޮޑު ރެއެކެވެ. އެމީހުންގެ އެންމެ ބާރުގަދަ ނޯޓް ސީރީޒްގެ އާމެންބަރު މިރޭ އާންމު ކުރާނެއެވެ. ގެލެކްސީ ނޯޓް 9 އާންމުކޮށް ދައްކައިލުމުގެ ކުރިން ސެމްސަންގުން ވަނީ "އޮޅުމަކުން" އޭގެ ލޯންޗިން ވީޑިއޯ ވެސް އާންމުކޮށްފައެވެ. މި ފޯނާ ގުޅޭ ގިނަ ކަންތައްތަކެއް މިހާރު ވާނީ އެނގިފައެވެ.

ނޯޓް 9 އަކީ ނޯޓް 8 ގެ އަޕްޑޭޓެޑް ފޯނެއް ކަމަށް ބައެއް ހަބަރުތައް ބުނެއެވެ. މާ މުހިއްމު އާ ކަމެއް މި ފޯނުގައި ހިމަނާފައިނުވާ ކަމަށްވެސް ޓެކް ހަބަރުތައް ގެނެސްދޭ ނޫސްތަކުން ވަނީ ބުނެފައެވެ. ނޯޓް 9 އަށް ފިނި ތަރުހީބެއް ލިބިއްޖެނަމަ ފަހަރުގައި ސެމްސަންގުން ނޯޓް ސީރީޒް ހުއްޓާވެސް ލާފާނެއެވެ.

ނޯޓް 9ގައި އަށް ޖީބީގެ ރެމް އެއް ހިމެނޭއިރު 512 ޖީބީ އާ ހަމައަށް ސްޓޯރޭޖް ބޮޑުކޮށްލެވޭނެއެވެ. އިންޓާނަލް މެމޮރީއާއެކު ގާތްގަނޑަކަށް އެއް ޓެރަބައިޓުގެ ޑާޓާ މި ފޯނުގައި ރައްކާ ކުރެވޭނެއެވެ.

މިފަހުން ނިކުންނަ ފޯނުތަކުގައި ތިން ލެންސް ކެމެރާ ހިމަނަން ފެށިނަމަވެސް ނޯޓް9 އިން ތިން ލެންސެއް ނުފެންނާނެއެވެ. ފަހަރުގައި އަންނަ އަހަރު ކުރީކޮޅު ނެރޭ އެސް10 އިން ތިން ލެންސް ފެނިދާނެއެވެ.

ނޯޓް9 އަކީ ގިނަ ވަގުތު ބެޓެރީ ބާރު ހިފަހައްޓާނޭ ފޯނެކެވެ. ސެމްސަންގުގެ ކުއިކް ޗާޖު ސަޕޯޓުކުރާ މިފޯނަކީ 6.38 އިންޗީގެ ފޯނެކެވެ. ސެމްސަންގުން މިިހާރު ނެރޭ ފްލެގްޝިޕް އެހެން ފޯނުތަކެކޭ އެއްގޮތަށް ނޯޓު9 ގައިވެސް ހިމެނޭނީ "ކާވް އެޖްސް" އެވެ. ފިންގާ ޕްރިންޓް ސްކޭނާ ހިމަނާފައިވަނީ ފޯނުގެ ފަހަތުގައެވެ. އިން ސްކްރީން ފިންގާ ޕްރިންޓް ސްކޭނަރު އެސް10 ގައި ހިމަނާނެކަމަށްވެއެވެ.

ނޯޓް9ގެ އެންމެ ތަފާތުވާނެ ކަމަކީ އެސް ޕެންއެވެ. ބްލުޓޫތް ކަނެކްޝަން އާއެކު ފޯނުގެ ބައެއް ކަންތައް މި ޕެން އިން ކޮންޓްރޯލު ކުރެވޭނެއެވެ.

މިއީ މިހާރު ނޯޓް9 އާ ގުޅޭގޮތުން އާންމުވެފައިވާ ބައެއް ވާހަކަތަކެވެ. ފޯނުގެ އަަގު އުޅޭނީ 1165ޑޮލަރާއި 1420 ޑޮލަރާ ދެމެދުގައެވެ.

comment ކޮމެންޓް