ސެޕްޓެމްބަރު 23 އަކީ ތަރައްގީ އާ ހަރުފަތަކަށް ގެންދިޔުމަށް ލިބޭނެ ބޮޑު ފުރުސަތެއް: މުއިއްޒު

ގއ. ވިލިނގިލީގައި ބޭއްވި ޖަލްސާގައި ހައުސިން މިނިސްޓަރު މުއިއްޒު ވާހަކަފުޅު ދައްކަވަނީ -- ފޮޓޯ/ ރައީސް އޮފީސް

އަންނަ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހަކީ މިހާރު ދެކެމުންމިދާ ތަރައްގީ މުޅިން އާ ހަރުފަތަކަށް ގެންދިޔުމަށް ރައްޔިތުންނަށް ލިބޭ ބޮޑު ފުރުސަތެއް ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ގއ. ވިލިނގިލީގެ މަގުހެދުމުގެ މަސައްކަތުގެ ނިމުން ފާހަގަކުރުމަށާއި އެރަށުގައި ހަދާފައިވާ ހައުސިންގް ޔުނިޓްތައް ހުޅުއްވައިދެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މުއިއްޒު ވިދާޅުވީ ރާއްޖޭގެ ތަރައްގީ އެހެން ހަރުފަތަކަށް ގެންދަން ބޭނުންވާނަމަ، އެ ބާރު އޮތީ ރައްޔިތުންގެ އަތްމަތީގައި ކަމަށެވެ.

ރައީސް ޔާމީން ގެންނަވާ ތަރައްގީއަކީ ރޭވުންތެރިކަމާއި ވިސްނުންތެރިކަމާ އެކު ވަކި އަމާޒަކަށް ވާސިލްވާހެން އެންމެ ފަންނުވެރިކަމާއެކު ރާވައި ނިންމައިގެން ގެންނަ ތަރައްގީއެއް ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

ރާއްޖެ ދެކެމުންމިދާ ތަރައްގީ ބާރު ދުވެލީގައި ކުރިއަށް ގެންދިޔުމަށް ބެނުންވާނަމަ ރައީސް ޔާމީނަށް ފުރުސަތުދޭންޖެހޭކަމަށް މުއިއްޒު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެއްވެސް އަމާޒެއް ރޭއްވުމެއްނެތް ބަޔަކަށް ގައުމުގެ ވެރިކަން ދިނުމަކީ "ހެދޭނެ ޅަ އެއްޗެއް" ކަމަށެވެ.

ހަމައެއާއެކު އިދިކޮޅު މީހުންގެ ސިޔާސަތަކީ ދުވަހުން ދުވަހަށް ބަދަލުވަމުން އަންނަ ހިފެހެއްޓުމެއް އަމާޒެއްނެތް ސިޔާސަތުތަކެއްކަމަށް ވިދާޅުވެ އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހުގެ ސިޔާސަތުތަކަށް މިނިސްޓަރު މުއިއްޒު ވަނީ ފާޑު ވިދާޅުވެފައެވެ.

"އެހެންކަމުން އެފަދަ ވެރިކަމަކަށް ފުރުސަތު ދޭނީތޯ؟ ނުވަތަ ވަކި އަމާޒަކަށް ދިޔުމަށް ރައީސް ޔާމީނާ އެކު ކުރިއަށްދާނީތޯ؟ އެއީ ރައްޔިތުން މިއަދު ނިންމަން ޖެހޭ ނިންމުމަކީ،" މިނިސްޓަރު ވިދާޅުވިއެވެ.

comment ކޮމެންޓް