ރެކޯޑު ފީއަކަށް ޗެލްސީއިން އެތްލެޓިކް ބިލްބާއޯގެ ކީޕަރު ގެންނަނީ

ކެޕާ އަރިޒަބަލަގާ---

ރެކޯޑު އަދަދެއްގެ ފީއެއް ދައްކައިގެން ޗެލްސީއިން ސްޕެނިޝް ލީގުގެ ކްލަބް އެތްލެޓިކް ބިލްބާއޯގެ އެއް ނަމްބަރު ކީޕަރު ކެޕާ އަރިޒަބަލަގާ ގެންނަން މަސައްކަތް ފަށައިފި އެވެ.

ބޭރުގެ ރިޕޯޓުތައް ބުނާ ގޮތުން މިހާރު ޗެލްސީއިން ވަނީ ކެޕާގެ 80 މިލިއަން ޔޫރޯގެ ރިލީޒް ކްލޯސް އެކްޓިވޭޓުކޮށްފައެވެ. ރިޕޯޓުތައް ބުނާ ގޮތުން ދެން ކެޕާ ލަންޑަންއަށް ގޮސް ޗެލްސީއާއެކު ހަދާ ކޮންޓްރެކްޓުގެ މަޝްވަރާތައް ފަށާނެއެވެ. އަދި އެއްފަހު މެޑިކަލް ހަދާނެ ކަމަށެވެ.

ކެޕާގެ ރިލީޒް ކްލޯސް ދައްކާފައިވާ ކަން އެތްލެޓިކް ބިލްބާއޯއިން ވަނީ ކަށަވަރުކޮށްދީފައެވެ. އެ ކްލަބުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ކެޕާގެ ރިލީޒް ކްލޯސް ފީ ދައްކާފައިވާ ކަމަށާއި އޭނާ ކްލަބަށް ކޮށްދިން ހިދުމަތަށްޓަކައި ޝުކުރުއަދާ ކުރާ ކަމަށެވެ.

ކެޕާ ޗެލްސީއަށް ސޮއި ކޮށްފި ނަމަ އޭނާ ވެގެންދާނީ ޗެލްސީގެ ތާރީހުގައި އެ ކްލަބަށް ގެނައި އެންމެ އަގުބޮޑު ކުޅުންތެރިޔާ އަށެވެ. މިހާރު އެ ކްލަބުގެ އެންމެ އަގުބޮޑު ކުޅުންތެރިޔާ އަކީ 77 މިލިއަން ޔޫރޯއަށް މިދިޔަ ސީޒަނުގައި ގެނައި އަލްވާރޯ މޮރާޓާއެވެ.

މީގެ އިތުރުން ކެޕާގެ ޓްރާންސްފާ ފުރިހަމަވެއްޖެ ނަމަ އޭނާ ވެގެންދާނީ ދުނިޔޭގެ އެންމެ އަގުބޮޑު ކީޕަރަށެވެ. މިހާރު ދުނިޔޭގެ އެންމެ އަގުބޮޑު ކުޅުންތެރިޔާ އަކީ މީގެ މަހެއްހާ ދުވަސް ކުރިން ލިވަޕޫލްއިން 73 މިލިއަން ޔޫރޯއަށް ގެނައި ބްރެޒިލްގެ ކީޕަރު އެލިސަން ބެކާ އެވެ.

ޗެލްސީއިން ކެޕާ ގެންނަން މަސައްކަތް ކުރަން ފަށައިފައި މިވަނީ އެ ކްލަބުގެ އެއް ނަމްބަރު ކީޕަރު ތިބޯ ކޯޓުއާ ރެއަލް މެޑްރިޑާ ގުޅެން އުޅޭ ކަމަށް ހަބަރު ފެތުރިފައި ވަނިކޮށެވެ.

comment ކޮމެންޓް