ޕްރިޔަންކާގެ "އަޑު މާގަދަވެގެން މިއުޅެނީ" ކީއްވެ؟

ޕްރިޔަންކާ ޗޯޕްރާ-- ފޮޓޯ: ސެލެބްދާބާ

ބޮލީވުޑް އަދި ހޮލީވުޑަށް ބަލައިލާނަމަ އެކްޓަރުންނާއި އެކްޓްރެސް އިންގެ ވާހަކަ ހަބަރުތަކުގެ ސުރުހީއަށް ނާރާ ދުވަހެއް މަދުވާނެއެވެ. ދުވަސް ފެށިގެން އަންނާނީ ކޮންމެވެސް ފަންނާނެއްގެ ވާހަކައެއް ސުރުހީއަށް އަރަމުންނެވެ. އެ ތަރިންގެ ފިލްމު ތަކުގެ ނުވަތަ އެ ތަރިންގެ އަމިއްލަ ދިރިއުޅުމުގެ ވާހަކަ އަކުންނެވެ.

މިހާރަކަށް އައިސް ބޮލީވުޑް އަދި ހޮލީވުޑްގެ ކުޅަދާނަ ބަތަލާ ޕްރިޔަންކާ ޗޯޕްރާގެ ހަބަރެއް ކޮންމެވެސް ނޫހެއްގެ ސުރުހީއަކަށް ނާރާ ދުވަހެއް މަދުވާނެއެވެ. ބޮލީވުޑްގެ ނޫސްތަކުގައި ވެސް ގިނައިން ޕްރިޔަންކާއެވެ. އަދި ރާއްޖޭގެ ނޫސް ތަކުގައިވެސް މިދުވަސްކޮޅު ޕްރިޔަންކާއެވެ.

"ކްރިޝް"ގެ ސީޒަން ތަކުން ފެނިގެން ގޮސްފައިވާ ޕްރިޔަންކާ ވަނީ ހޮލީވުޑްގައިވެސް މަގުބޫލުކަން ހޯދާފައެވެ. "ކުއަންޓިކޯ"އިން ހޮލީވުޑަށް ތައާރަފް ވެގެން ދިޔަ ޕްރިޔަންކާ ވަނީ "ބޭވޮޗް" އާއި "އަ ކިޑް ލައިކް ޖޭކް" ފަދަ ފިލްމު ތަކުން ފެނިފައެވެ.

"ކުއަންޓިކޯ" ގެ މަންޒަރެއްގައި ޕްރިޔަންކާ...

ހޮލީވުޑްގެ މަޝްހޫރު ލަވަކިޔުންތެރިޔާ ނިކް ޖޯނަސްއާއި ޕްރިޔަންކާ ލޯބީގެ ގޮތުން ގުޅިގެން އުޅުމަށްފަހު މީގެ ދެތިން ހަފްތާ ކުރިން އެންގޭޖްވި ހަބަރު ހޫނުވެފައިވަނިކޮށް އެ ދެމީހުންގެ ކައިވެނި އަންނަ މަހުގެ 16 ވަނަ ދުވަހުގައި ކުރަން އުޅޭ ކަމަށް ވެސް މިވަނީ ހަބަރުތައް ފެތުރިފައެވެ.

ހޮލީވުޑްގައި ޕްރިޔަންކާ އެންމެ ފަހުން މަސައްކަތްކުރި ސީރީޒް "ކުއާންޓިކޯ" ނިންމާލުމަށްފަހު ބޮލީވުޑްގެ ފިލްމު "ބާރަތު"ގެ ލީޑު ރޯލު ކުޅެން އޭނާ ތައްޔާރުވިއެވެ. ނަމަވެސް ޕްރިޔަންކާ ވަނީ "ބާރަތު" ވެސް ދޫކޮށްލައިފައެވެ. މިކަމާ ގުޅިގެން އެ ފިލްމުގެ ޕްރޮޑިއުސަރ ނިކިލް ނަމިތު ވަނީ ވަރަށް ބޮޑަށް ޕްރިޔަންކާއަށް ފާޑު ކިޔާފައެވެ. މިއާއެކު އަނެއްކާވެސް ކޮންމެ ދުވަހަކުހެން ޕްރިޔަންކާގެ ނަން ކޮންމެވެސް ނޫހަކަށް އަރައެވެ.

ޕްރިޔަންކާ އާއި އޭނާގެ ލޯބިވެރިޔާ ނިކް....

ރިޕޯޓުތައް ބުނާގޮތުން ޕްރިޔަންކާ "ބާރަތު" ދޫކޮށްލީ ނިކް އާއި އެންގޭޖް ވުމުންނެވެ. "ބާރަތު" ދޫކޮށް އަނެއްކާވެސް ހޮލީވުޑް ފިލްމަކަށް ޕްރިޔަންކާ ސޮއިކުރި ޚަބަރު ވަނީ މިދިޔަ ހަތްފާގެ ތެރޭގައި ވައިގަ ހިފާފައެވެ. އެއީ "ގޭމް އޮފް ތްރޯންސް"ގެ ޑައިރެކްޓަރު ކްރިސް ޕްރެޓާ އެކު ގެނެސްދޭ "ކައުބޯއި ނިންޖާ ވައިކިން" އެވެ.

"ބާރަތު" ދޫކޮށްލިޔަސް ޕްރިޔަންކާ އަންނަނީ ހިންދީ ފިލްމެއްގެ މަސައްކަތް މިމަހު ފަށަން ތައްޔާރުވަމުންނެވެ. އެއީ ޝޮނާލީ ބޯސްގެ "ދަ ސްކައި އިޒް ޕިންކް" އެވެ.

ޕްރިޔަންކާ ހޮލީވުޑްގެ ލަވަކިޔުންތެރިޔާ ނިކް---ފޮޓޯ: ގްލޭމަރ

މިހުރިހާ ހަބަރަކާއެކު ޕްރިޔަންކާ މިވަނީ މިދުވަސްކޮޅު ހުރިހާ ނޫސްތަކެއްގެ ވެސް މުނިފޫހި ފިލުވުމުގެ ބައިގެ އެންމެ ކުރީގައެވެ. ސުރުހީތަކަށް އޭނާގެ ހަބަރެއް ނާރާ ދުވަހެއް މިހާރު މަދެވެ.

comment ކޮމެންޓް