ޕްރިންސް ވަލީދު، ސްނެޕްޗެޓުން 250 މިލިޔަން ޑޮލަރު ހިއްސާ ގަނެފި

ޕްރިންސް ވަލީދު: ސްނެޕްޗެޓުގެ 2.3 ޕަސެންޓް ވަނީ ބައްލަވައިގަންފައި.-- ފޮޓޯ: ރޮއިޓާސް

ސައުދީ އަރަބިއްޔާގެ މަޝްހޫރު ބިލިޔަނަރު ޕްރިންސް އަލް ވަލީދު ބިން ތަލާލް، ސްނެޕްޗެޓްގެ 250 މިލިޔަން ޑޮލަރު ހިއްސާ ބައްލަވައިގަނެ، އެ ކުންފުންޏަށް އިންވެސްޓް ކޮށްފި އެވެ.

ބޮޑު ގެއްލުމެއްގެ ތެރޭގައި އުޅޭ ސްނެޕްޗެޓަށް ޕްރިންސް ވަލީދު އިންވެސްޓް ކުރެއްވުމުން، އެ ކުންފުނީގެ 2.3 ޕަސެންޓްގެ ހިއްސާ އޭނާ އަށް ލިބޭނެ އެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި ޕްރިންސް ވަލީދުގެ އިންވެސްޓްމަންޓާ އެކު، ސްނެޕްޗެޓަށް އިންވެސްޓަރުންގެ އިތުބާރު ހޯދަން ފަސޭހަވެގެން ދާނެ ކަމަށެވެ.

ފޭސްބުކާއި އެހެނިހެން ސޯޝަލް މީޑިއާތަކުގެ ވާދަވެރިކަން ބޮޑުވެފައިވާ އިރު، ސްނެޕްޗެޓް ބޭނުންކުރާ މީހުންގެ އަދަދު ދެ ވަނަ ކުއާޓަރުގައި 191 މިލިއަނުން 188 މިލިއަނަށް ވަނީ ވެއްޓިފަ އެވެ. އެއީ ދެ ޕަސެންޓުގެ ވެއްޓުމެކެވެ.

މާޗް މަހު ނިމުނު މި އަހަރުގެ ދެ ވަނަ ކުއާޓަރުގައި، މިދިޔަ އަހަރުގެ ދެ ވަނަ ކުއާޓަރާ އަޅާ ބަލާއިރު އެ ކުންފުނީގެ އާމްދަނީ 44 ޕަސެންޓް މަތިވެ، 262 މިލިޔަން ޑޮލަރަށް ވަނީ އަރައިފަ އެވެ.

އާމްދަނީ އިތުރުވި އިރު ދެ ވަނަ ކުއާޓަރުގައި ލިބުނު ގެއްލުން، މިދިޔަ އަހަރުގެ ދެ ވަނަ ކުއާޓަރުގައި ލިބުނު ގެއްލުމާ އަޅާ ބަލާއިރު 20 ޕަސެންޓް ކުޑަވެ، 353 މިލިޔަން ޑޮލަރަށް ވަނީ ވެއްޓިފަ އެވެ.

https://sun.mv/109035

އިންވެސްޓް ކުރެއްވުމަށް ފަހު ޕްރިންސް ވަލީދު ވިދާޅުވީ، ސްނެޕްޗެޓަކީ އެންމެ އުފެއްދުންތެރި ސޯޝަލް މީޑިއާ ޕްލެޓްފޯމް ކަމަށެވެ.

"އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި އަދި މި ފެންނަނީ ސްނެޕްޗެޓުގެ ވަރަށް ކުޑަ މިންވަރެއް، މިއީ ވަރަށް ޕޮޓެންޝަލް އޮތް ކުންފުންޏެއް. އަޅުގަނޑުމެން ވަރަށް އުފާކުރަން، މި ދަތުރުގައި ސްނެޕްޗެޓާ ގުޅެން ލިބުމުން،" އިންވެސްޓް ކުރެއްވުމަށް ފަހު، ޕްރިންސް ނެރުއްވި ބަޔާނެއްގައި ބުނެފައިވެ އެވެ.

އޭނާ ވިދާޅުވީ މި މުއާމަލާތް ނިންމާފައިވަނީ މިދިޔަ މެއި މަހުގެ ތެރޭގައި ކަމަށެވެ. އަދި މި އިންވެސްޓްމަންޓުގައި ހިއްސާގެ އަގުގެ ގޮތުގައި ބެލީ، ކޮންމެ ހިއްސާ އަކަށް 11 ޑޮލަރުގެ ގޮތުގައި ކަމަށް ޕްރިންސް ވިދާޅުވި އެވެ.

ޕްރިންސް ވަލީދު ވަނީ ދާދި ފަހުން، މަޝްހޫރު މިއުޒިކް ސްޓްރީމިން އެޕް ޑީޒާ އާއި، އޮންޑިމާންޓް ޓްރާންސްޕޯޓް އެޕް ލިފްޓް، ޓްވިޓާ އަދި އޮންލައިން ވިޔަފާރި ޕްލެޓްފޯމް ޖޭޑީ.ކޮމަށް އިންވެސްޓް ކުރެއްވި އެވެ.

comment ކޮމެންޓް