ނަޖީބު ރައްޒާގުގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާކޮށްފި

މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު ނަޖީބު ރައްޒާގު ކޯޓަށް ވަޑައިގަންނަވަނީ -- ފޮޓޯ: އޭއެފްޕީ

ކުއަލަލަމްޕޫރު (އޮގަސްޓު 8): ކޮރަޕްޝަނުގެ މައްސަލައެއްގައި މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު ނަޖީބު ރައްޒާގުގެ މައްޗަށް މަނީ ލޯންޑަރިންގެ ތިން ދައުވާއެއްކޮށްފިއެވެ.

އިއްޔެ ނަޖީބުގެ މައްޗަށް އެ ދައުވާތައް ކުރީ މެލޭޝިއާގެ އިންވެސްޓްމެންޓު ފަންޑު، ވަންއެމްޑީބީގެ ސަބްސިޑަރީ ކުންފުންޏެއް ކަމަށްވާ އެސްއާރުސީ އިންޓަނޭޝަނަލްއިން ނަޖީބުގެ އެކައުންޓަށް 10.4 މިލިއަން ޑޮލަރު ޖަމާކުރި މައްސަލައިގައެވެ.

އެމައްސަލައިގައި މިދިޔަ މަހު ނަޖީބުގެ މައްޗަށް ވަނީ ބާރުގެ ބޭނުން ނަހަމަ ގޮތުގައި ބޭނުން ކުރުމާއި ހިޔާނާތްތެރިވުމުގެ ތިން ދައުވާއެއްވެސް ކޮށްފައެވެ.

އެމައްސަލައިގެ ޝަރީއަތް ދެން ކުރިއަށްގެންދާނީ ހައި ކޯޓުގައެވެ. އަދި ނަޖީބުގެ މައްޗަށް ކުށް ސާބިތުވެއްޖެ ނަމަ 15 އަހަރުގެ ޖަލު ހުކުމެއް ކުރުން އެކަށީގެންވެއެވެ.

ނަޖީބު ވަނީ އޭނާގެ މައްޗަށްކޮށްފައިވާ ކޮރަޕްޝަނުގެ ތުހުމަތުތައް ތަކުރާރުކޮށް ދޮގު ކުރައްވާފައެވެ. އަދި އެމައްސަލައިގައި ނަޖީބު ކުށްވެރި ނުވާ ކަމަށް އޭނާގެ ވެރިކަމުގައި ކޯޓަކުން ނިންމި ނަމަވެސް، މިދިޔަ މެއި މަހު ވެރިކަމަށް ވަޑައިގެންނެވި މަހާތިރު މުހައްމަދު ވަނީ އެމައްސަލަ އަނެއްކާވެސް ތަހުގީގު ކުރަން ނިންމަވައިފައެވެ.

އެތަހުގީގުގެ ތެރެއިން ފުލުހުން ވަނީ ނަޖީބާ ގުޅުން ހުރި ހަ އެޕާޓްމެންޓެއް ފާސްކޮށް، އެ އެޕާޓްމެންޓުތަކުން ފެނުނު ތަކެތީގެ އަގު 275 މިލިއަން ޑޮލަރަށް އަރާ ކަމަށް ބުނެފައެވެ. (ބީބީސީ)

comment ކޮމެންޓް