ގޫގުލްއަށް ޗައިނާގައި ކުރިނޭރޭނެ: ބައިޑޫ

ގޫގުލްގެ ލޯގޯ -- ފޮޓޯ: ބީބީސީ

ގޫގުލް އިން މިހާރު ތައްޔާރުވަމުންދަނީ ޗައިނާގައި އަނެއްކާވެސް ހިދުމަތް ދޭން ފެށުމަށެވެ. ސެންސަރުކޮށްފައިވާ ސާޗް އިންޖީނަކާއެކު ގޫގުލް އިން ޗައިނާގައި ހިދުމަތްދޭން ފަށަން ތައްޔާރުވަމުންދާއިރު ޗައިނާގައި ގޫގުލްއަށް އޮތް ހުރަހަކީ ވާދަވެރި ބައިޑޫ ކުންފުންޏެވެ.

ބައިޑޫގެ ސީއީއޯ އޭނާގެ ވީޗެޓުގައި ބުނެފައިވަނީ ގޫގުލްއިން އަލުން އެނބުރި އައިނަމަވެސް ކުރިހޯދާނީ ބައިޑޫއިން ކަމަށެވެ.

ބައިޑޫއަކީ ޗައިނާގެ އެންމެ ބޮޑު ސާޗް އިންޖީނެވެ. ގޫގުލްއެކޭ އެއްގޮތަށް ކްލައުޑް ސާވިސް އާއި އިތުރު އެޕްލިކޭޝަންތައް އަދި އޭއައިގެ ހިދުމަތްވެސް ބައިޑޫ އިން ދެއެވެ.

ގޫގުލް އިން ޗައިނާގައި ހިދުމަތް ދިނުން ހުއްޓާލީ 2010 ވަނަ އަހަރުއެވެ. އޭގެ ފަހުން ގޫގުލް ހީކުރާވަރަށްވުރެ ބައިޑޫ ވަރުގަދަ ވެއްޖެ ކަމަށްވެސް އެކުންފުނީގެ ސީއީއޯ ވަނީ ބުނެފައެވެ.

"ޗައިނާގެ ކުންފުނިތައް މިހާރު އުޅޭނީ އެންމެ ކުރީގައި، އެހެން ކުންފުނިތަކުން ދަނީ ޗައިނާ ކޮޕީކުރަމުން،" ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.

އެހެންނަމަވެސް ޗައިނާގެ ސޯޝަލްމީޑިއާ ޕްލެޓްފޯމަކުން ކުރިއަށްގެންދިޔަ ޕޯލެއްގައި ބައިޑޫގެ މައްޗަށް ގޫގުލް ވަނީ ކުރި ހޯދައިފައެވެ.

ޗައިނާގައި ހިދުމަތްދޭން ފެށުމަށް ގޫގުލް އިން ދަނީ ޗައިނާ ސަރުކާރުން ބްލެކްލިސްޓުކޮށްފައިވާ މައުލޫމާތު ނުފެންނަ ސާޗް ސޮފްޓްވެއާއެއް އުފައްދަމުންނެވެ.

ޗައިނާ ސަރުކާރުން ވަނީ އެގައުމުގައި ފޭސްބުކާއި އިންސްޓަގްރާމާއި ޓުވިޓާ ފަދަ ސޯޝަލް މީޑިއާ ސައިޓުތަކާއި ޓެލެގްރާމް ފަދަ އެންކުރިޕްޓެޑް މެސެޖިން އެޕްތައް ބްލޮކްކޮށްފައެވެ.

comment ކޮމެންޓް