ކުޑަ ގައުމުގެ ކިޑީގެ އަޑު ބޮޑު ގައުމުގެ ފިލްމް އިންޑަސްޓްރީއަށް

ރާއްޖޭގައިވެސް ތަރިން މަދެއް ނޫނެވެ. ހުނަރު އެބަހުއްޓެވެ. ފޮނި އުންމީދުތަކާއެކު ކުރިއަށް ދިއުމަށް ކުރާ ހިތްވަރު ދެރަ އެއް ވެސް ނޫނެވެ. ގިނަފަހަރު ނުލިބެނީ ހަމައެކަނި ފުރުސަތެވެ.

ރާއްޖެއަށް އުފަންވި އެންމެ ހުނަރުވެރި އެއް ލަވަންކިޔުންތެރިޔާ، މަރިޔަމް އުނޫޝާ )ކިޑީ( ވެސް އިންތިޒާރުކުރަމުން ދިޔައީ އެފަދަ ފުރުސަތަކަށެވެ. މިއަދު ކިޑީގެ ހުވަފެން ވަނީ ހަގީގަތަކަށްވެފަ އެވެ. ކުޑަ ގައުމުގެ އިންތައް ހުރަސްކޮށް، އޭނާގެ ރަން އަޑު "ބޮލީވުޑް" މެދުވެރިކޮށް މުޅި ދުނިޔެއަށް އިއްވާލުމުގެ ފުރުސަތު މިއަދު ކިޑީ އަށް ލިބިފަ އެވެ.

އެ ފުރުސަތު ކިޑީ އަށް ލިބިގެންދިޔައީ އިންޑިއާގެ ގޮއާގައި މިމަހުގެ 15-18 އަށް ކުރިއަށްދިޔަ ސައުތު އޭޝިޔަން ފިލްމް ފެސްޓިވަލް )ސާފް(ގެ ތެރެއިންނެވެ. ޑައިރެކްޓަރު ފައްތާހު އާއި ފާތިމަތު ނަހުލާ ހޯދައިދިން ފުރުސަތެއްގައި، ފެސްޓިވަލްގައި ޕަފޯމްކުރުމުގެ އުފަލާއެކު ދިޔަ ކިޑީ އާއި އޭނާގެ މިއުޒިކް ޕްރޮޑިއުސަރު ބާސިތު )ބާޗީ( އަށް، އިތުރު އުފަލެއް ލިބިގެން ދިޔައީ ބޮލީވުޑްގެ ކުރީގެ މަޝްހޫރު އެކްޓްރެސް އަދި މިހާރުގެ ފިލްމް ޕްރޮޑިއުސާ ޕޫޖާ ބަޓް ދެން އެންމެ އަވަހަށް ނެރޭ ފިލްމަކަށް ލަވަކިޔުމުގެ ފުރުސަތު ކިޑީއަށް ދޭނެ ކަން އޭނާ އިއުލާންކުރުމުންނެވެ.

ކިޑީ ބުނީ، ފެސްޓިވަލްގައި ޕަފޯމްކުރުމުގެ ކުރިން ބެކް ސްޓޭޖުން ޕޫޖާއާ ދިމާވެ، ވާހަކަދެއްކި ކަމަށެވެ. އޭރުވެސް ޕޫޖާގެ ފިލްމަކަށް ލަވަކިޔުމުގެ ފުރުސަތު ދޭނެ ކަމަށް ހިޔާލުވެސް ނުކުރާ ކަމަށާއި އޭނާ އެކަން ސްޓޭޖްގައި އިއުލާން ކުރުމުން ލިބުނީ ވަރަށް ބޮޑު "ސަޕްރައިސް" އެއް ކަމަށާއި ގަބޫލު ކުރަން ވެސް އުނދަގޫވި ކަމަށް ކިޑީ ބުންޏެވެ.

"ހީއެއް ނުކުރަން އެކަހަލަ ފުރުސަތެއް ދޭނެ ކަމެއް. ކިޑީމެން ކައިރީ ނުވެސް ބުނެ، ކުއްލިއަކަށް ]ޕޫޖާ[ އެރީ ސްޓޭޖަށް ސްޕީޗް ދޭން. އަރައިފަ ފިލްމް އެސޯސިއޭޝަނާއި ފިލްމް އިންޑަސްޓްރީއާއި ޝައްމީ ކަޕޫރުގެ ހަނދާނުގެ ވާހަކަ ދައްކައިފަ، އެ ހުރިހާ ވާހަކައެއް ނިންމައިފަ ބުނީ ރާއްޖޭގެ އާޓިސްޓެއް އެބަ އުޅެއޭ ފެސްޓިވަލްގައި. ދެން އެހުރިހާ ބޮޑެތި މީހުންނާއި ޕްރެސްގެ ކުރިމަތީގައި ޕޫޖާ އިއުލާންކުރާނީ އޭނާ ދެން ނެރޭ ފިލްމެއްގައި ކިޑީގައި ލަވައެއް ހިމަނާނަމޭ. އަދި ބާޗީގެ މިއުޒިކް ވެސް،" ކިޑީ ބުންޏެވެ.

"އެގަޑީގައި އަޅުގަނޑު ބެކްސްޓޭޖުގައި ހުރެގެން ހަމަ ފުންމަނީ. ވަރަށް ވަރަށް ވަރަށް އުފާވި. ވަރަށް ބޮޑަށް ޝުކުރުވެރިވިން،" ހަޔާތަށް އައި އެންމެ އުފާވެރި އެއް ވަގުތުކޮޅު އުނޫޝާ ހިއްސާކުރި އެވެ.

އުނޫޝާގެ މެނޭޖަރު އަދި ފިރިމީހާ އިބްރާހިމް ހަމީޝް ބުނި ގޮތުގައި، ޕޫޖާ އަންނަ އަހަރު އާ ދެ ފިލްމެއް ނެރޭއިރު އުނޫޝާއާއި ބާޗިގެ ލަވަ ހިމަނާނީ އެއިން އެއް ފިލްމެއްގަ އެވެ. އެ ފިލްމްގެ ޝޫޓިން ފަށާނީ އަންނަ ޖެނުއަރީ މަހުގެ ތެރޭގައި ކަމަށް ވެ އެވެ.

ހަމީޝް ބުނީ، މިހާރު ވާހަކަދެކެވިފައިވާ ގޮތުން ޕޫޖާ ބަޓްގެ ފިލްމްގައި ހިމަނާނީ ކިޑީ މިއަހަރުގެ ޑިސެމްބަރުގެ ނެރޭ ސޯލޯ އަލްބަމްގެ ލަވައެއް ކަމަށް ބެލެވޭ ކަމަށެވެ. ނަމަވެސް، އަދި އެއްވެސް ކަމެއް ފައިނަލެއް ނުވެ އެވެ. ލަވަ ކިޔަނީ ހިންދީ ނުވަތަ އިނގިރޭސި ބަހުންތޯ ވެސް އަދި ނޭގެ އެވެ. މިހާރު ހަމައެކަނި އެނގި ކަށަވަރުވަނީ ޕޫޖާ ބަޓްގެ ފިލްމަކަށް ކިޑީ ލަވަކިޔާނެ ކަމެވެ. އަދި ބާޗި އެ ލަވައިގެ މިއުޒިކް ޕްރޮޑިއުސްކުރާނެ ކަމެވެ.

ޕޫޖާ ބަޓް އާއި އޭނާގެ ބައްޕަ އުފައްދާފައިވާ ފިލްމްތަކުގެ ތެރެއިން މާޑާ، ޖިސްމް އަދި ޕާޕްގެ ލަވަތައް ވަނީ ވަރަށް ބޮޑަށް މަޝްހޫރުވެގެން ގޮސްފަ އެވެ. ޕާޕްގެ ހިޓް ލަވަ، "މަން ކީ ލަގާން" މެދުވެރިކޮށް ރާހަތު ފަތަހު އަލީ ޚާން އިންޑިއާ އަށް ތައާރަފްކޮށް ދިން ގޮތަށް، ކިޑީ ވެސް ތައާރަފްކުރަން ޕޫޖާ ބަޓް ވަނީ އަޒުމް ކަނޑައަޅައިފަ އެވެ. އޭނާގެ ޓުވިޓާގައި ބުނެފައިވަނީ، ރާހަތު ގެނައި ވަރުގެ ބޮޑު ބަދަލެއް އުނޫޝާވެސް ގެންނާނެ ކަމަށެވެ.

ރާއްޖޭގައި ތިިބި ކިޑީގެ ފޭނުން ވެސް ބޭނުންވަނީ އެ ބަދަލު ގެންނާށޭވެ. ބޮލީވުޑްގެ ދޮރު އުނޫޝާއަށް ހުޅުވިގެންދިއުމަކީ "ލަވަކިޔުމުގައި ދެވެން އޮތް އެންމެ ކުރިއަކަށް ދާން" އޭނާ ކުރާ މަސައްކަތުގައި ހާސިލްވި ބޮޑު ކާމިޔާބީ އެކެވެ. އަދި ކުޑަ ގައުމަށް ލިބުނު ބޮޑު ފަހުރެކެވެ.
ގުޅޭ ޓެގު
comment ކޮމެންޓް