ހިމާޔަތެއް ނެތިފައި

15 ސެޕްޓެމްބަރ 2011 އާގުޅޭ

"އަހަރެން ނާހަމެއްނު ކަލޭ ގަބޫލު ތޯއެއް، އަހަރެން ބުނީމަ ބުނާގޮތަށް ހެދީމަ ކަލެއަށްހަމަ ފައިދާވާނީ.........މާ ހާސަރު ގިނަ ކުރާނެކަމެއްނެތް" އަޒުރާ ލައިބާއަށް ބަލާލުމެއްނެތި ނުކުމެގެން ދިޔައީއެވެ. ލައިބާ އުނދޯލީގައި އިސްޖެހިފައި އިނީ ދެން ހަދާނެ ގޮތެއް ނޭގި މާޔޫސްވެފައެވެ. އޭނަގެ ސިކުނޑިއަށް ދެންވަނީ އަބަދުހެން މިފަހަކަށް އައިސް އަރާ ހިޔާލެކެވެ. އެއީ އެގެއިން ނުކުމެގެން ދިއުމެވެ.
އުނދޯލީގައި ހިފާ މީހަކު މަޑުމަޑުން ކޮއްޕާލުމުން ލައިބާއަށް ދެފަރާތުގައިވާ އުނދޯލީގެ ވަލުގައި ހިފަހައްޓާލެވުނެވެ. އަދި އަވަސްއަވަހަށް ފަހަތް ބަލާލިއެވެ. އެތަނުގައި ހުރީ ލުބާއެވެ. އޭނަ އައީ ކޮންއިރަކު ކަމެއް ލައިބާއަކަށް ނޭގުނެވެ. އެހެންނަމަވެސް ލުބާއަށް ގޮވާލުމުގެ ޝައުގުވެރިކަމެއް އޭނަގެ ނެތެވެ. އައިރުޅިވެސް ހިނދިގެންދިޔައީއެވެ. އުނދޯލީގެ ތެރެއަށް ވެއްޓިގަތުމާއިއެކު ފުންނޭވާއެއް ލައިބާ ބޭރުކޮއްލިއެވެ.
"އަހަރެން ދުނިޔެއަށް ގެނައީ އަޒުރާއެއްނޫންތަ؟ އަހަންނަށް އެނގުނު ގޮތުގަ އަންހެނަކާއި ފިރިހެނަކާއި ނުލާ މުދުނިޔެއަށް ކުއްޖަކު އުފަންނުވާނެ......ކީއްވެތަ ބަނޑުގައި އޮތްވައި އަހަރެން މަރާނުލީ؟ ކީއްވެ ލުބާ އެހެން އާއިލާއަކަށް ދީފަ އަހަރެން މި މީހުންގެ ތެރޭ މިގެންގުޅެނީ؟ ހުރިހާ ކަމެއް ދިމާމިވަނީ އަހަންނަށް، އެއީ ކީއްވެ، މިހާރު އެމީހުންގެ ހިތްނުފުރިގެން އަހަރެން އެމުސްކުޅި މީހާ އާއި ދެވަން އެއުޅެނީ، ކީއްވެ، އަހަރެން މިގޭގަ އުޅުނޭ ކިޔާފަ އެމީހުންނަށް ވަނީ ކޮންއުނދަގުލެއް، މިގޭގަ އަޒުރާއަށް އުޅެވެންޏާ މަށަށްވެސް އުޅެވެން ވާނެއެއްނު، އަހަރެން ކިތަންމެ ބޭނުންނުވިޔަސް އަހަރެންގެ ހަށިގަނޑުގަ އޭނަގެ ލޭނުހިނގާ ކަމަކަށް ނުވާނެ...މަރުވަންވީ ކަންނޭގެ، އޭރުންކަންނޭގެ މިހުރިހާ ކަމަކުން ސަލާމަތްވެވޭނީ" ލައިބާގެ މަރާލެވިފައިވާ ދެލޮލުގެ ހިމަކޮޅުން ކަރުނަތިއްކެއް ފައިބައިގެން ދިޔައެވެ. އޭރުވެސް އަނގައިން ނުބުނެ ލުބާ ބަނބުކެޔޮ ގަހުން ބިމުން މައްޗަށް އަރާފައި ހުރި ބައެއް މޫތަކުން ބައެއްގައި އިށީނދެލައިގެން އިނެވެ. ބަހެއް ނުބުނިކަމުގައިވިޔަސް އޭނަގެ މޫނުމަތީގައިވެސް ކުރިން ހުރި ހިނިތުންވުން ފިލާ ހިނގައްޖެއެވެ. އޭގެ ބަދަލުގައި އެމޫނުމަތިންވެސް ފެންނަނީ ދެރަވެ ލައިބާގެ ހާލާމެދު ހަމްދަރުދީ އުފެދިފައިވާތަނެވެ.
އަރިއަކަށް ބޮނޑިވެ ގަނެގެން އުނދޯއްޔަށް ދެފައި އަރުވާލައިގެން އޮތް ލައިބާ އިރުއޮއްސި އަނދިރިވިއިރުވެސް ގޭތެރެއަށްވަންނަ ހިޔާލެއް ނުކުރިއެވެ. އޭރުވެސް ލުބާ އޭނަގެ ދާދި ގާތުގައި ހުއްޓެވެ. އޭނަ ލައިބާ އާއިމެދު ހަމްދަރުދީވާފަދައިން އޭނަ ކޮއްފާނެކަމަކާއިމެދު ކަންބޮޑުވެސްވެއެވެ. އަމިއްލަ ނަފްސަށް އަނިޔާވާފަދަ ކަމެއްކޮއްފާނެތީ އޭނަ ޖެހިލުންވެފައިވެއެވެ.
"ލައި، ލޯހުޅުވަބަލަ، އަހަންނަށް އެނގޭ މިހުރިހާ ކަމެއް ލައިބާއަށް ދިމާވުން އެއީ އެއްވެސް އިންސާފުވެރިގޮތެއް ނޫންކަން، މިހާދުވަހު ކެތްތެރިވީގޮތަށް ކެތްތެރިވޭ، އަމިއްލައަށް މަރުވާން ހިތައްނާރުވަބަލަ، އެއީ ހައްލުކަމުގައި ނުދެކިބަލަ، އަހަރެން ބޭނުމެއްނޫން ލައިބާ މަރުވާކަށް، އަހަރެންނަށް ތިގޭތެރެއަށް ވަދެވޭނަމަ ލައިބާއަށް ތިހުރިހާ ކަމެއް ދިމާވާއިރު ބަލަހައްޓައިގެން ނުހުރީމުސް" ލުބާއަށް އެއްޗެއް ނުބުނެ ނުހުރެވުނެވެ.
ހިމޭންކަމާއިއެކު ލައިބާ ވަކިއެއްޗެއް ނުބުނެ ގޮސްވަނީ ގޭތެރެއަށެވެ. މިހާރު ލުބާ ހުއްޓަސް އޭނައަށް ވާނެކަމެއް ނޯންނާނެއޭ ލައިބާއަށް ހީވާކަހަލައެވެ. އެއްޗެކޭ ނުބުނީ އެހެންވެކަންނޭގެއެވެ. ލުބާގަތަށް ރުޅިއައީ ދެނެވެ. އެކަމަކު އެއީ ލައިބާދެކެއެއްނޫނެވެ.
"ވަންނަންވެއްޖެ ދޯ، އަޒުރާ މިގަޑީގަ ގޭގަނެތީމަ ކަލެއަށް އުނދޯލީގަ ބޭނުންއިރެއްވަންދެން ތިއޮވެވުނީ، ލައި، ކޮންވާހަކައެއްތަ އޭރު އަޒުރާ ދެއްކީ" ބޮޑުއަށީމަތީގައި ރައްޓެހިންނާއިއެކު ވާހަކައިގައި އިނދެ ލައިބާ ގޭތެރެއަށް ވަތްތަން ފެނުމުން ޔަޒާން އަހާލިއެވެ
"އޭނަ ބިރެއްވެސް ނުގަނޭތަ؟ ބޭރު ނުވެސް ދިއްލާ ހުރިއިރު އެތާ ގަސްދޮށުގަ އޮވެފަ އެއައީ" ޔަޒާން އާއި ޖެހިގެން އިން އޭނަގެ ރަޙުމަތްތެރިންގެ ތެރެއިން ކުއްޖަކު ބުނެލިއެވެ.
"އެއީ ޖިންނި ކުއްޖެކޭ، އޭނަ ނުގަންނާނެ ބިރެއް" އެހެންބުނެ ޔަޒާން އާއި އޭނަގެ އެކުވެރިން ބާރުބާރަށް ހޭންފެށިއެވެ.
ހިސާބު ނިންމާލާފައި ފިހާރައިން މަނިކުއަށް ނުކުމެވުނީ ބާރަޖަހަނިކޮށެވެ. އޭރު މުޅި ހިސާބަށްވަނީ ހަމަމީންކަންވެރިވެފައެވެ. މީހެއްގެ ހިލަމެއްވެސް ނުވެއެވެ. އެއީ ކޮންމެ ރެއެއްގެވެސް އާދައެވެ. މަނިކު ފިހާރަ ބަންދުކޮއްފައި ގެއަށްދާ މަގުމަތީ ފަނިފަކްސާއެއްގެ އަޑުނޫނީ ނީވޭނެއެވެ. އެކަމަކު މިރޭ އެހެން ރޭރެއާއި ތަފާތެވެ. އެހެނީ މިރޭ ދިރޭއެއްވެސް އެއްޗެއްގެ ހިލަމެއްހާ ހިސާބުވެސް ނުވެއެވެ. ފަޒާގައި ހަރުލާފައިވާ ތެތްފިނިކަމާއި ގުޅިގެން ކަމުގައި މަނިކު ހީކުރިއެވެ. އަދި އުޑުމައްޗަށް ބަލާލިއެވެ. ވާރޭވެހެން އުޅޭކަމުގެ އަލާމާތްތައް ފެނިގެންދިޔައެވެ. އެހެންވެ ހިނގުން އަވަސްކޮއްލީ ކުރީބައިގައި ގެއަށް ވަނުމަށެވެ.
ފަނޑު އަލިކަމުގެ ތެރެއިން ފަޅުވެފައިވާ މަގުގުގައި މަނިކު ހިނގަމުންދިޔައީ ފައިދޮށަށް ބަލަމުން ނުހަނު ބަލައިގެންނެވެ. ކުއްލިއަކަށް އޭނަގެ ލޮލުގައި އަޅައިގަތީ އޭނަގެ ކުރިމަތިން ހިނގާފައި އަންނަ އަންހެން ކުއްޖާއަށެވެ. މަނިކުއަށް ވަށައިގެން ހޯދާލެވުނެވެ. ކުރިން އޭނައަށް އެއަންހެންކުއްޖާ ނުފެނުނީ ކީއްވެބާއޭ އޭނަގެ ހިތަށްއެރިއެވެ. އެހެންނަމަވެސް އެކަމާ ސަމާލުކަމެއް ނުދީ ވާރޭ އައުމުގެ ކުރިން ގެއަށް ދިއުން މުހިއްމު ކަމުގައި އޭނަ ދެކުނެވެ. ކައިރިވަމުން އައިވަރަކަށް އެއަންހެން ކުއްޖާ ލާފައި ހުރީ ކަޅުކުލައިގެ ހަރުވާޅު ހެދުމަކާއި ބޯނިވާކޮއްފައިވަނީ ބުރުގާއަކުންކަން މަނިކުއަށް ފާހަގަކުރެވުނެވެ. އަދި އެއަންހެން ކުއްޖާގެ ގައިގާ ދަންނަ ވައްތަރު ޖެހިއެވެ. ގެއަށްދާން ބޭނުންވެފައި ހުއްޓަސް އެއީ ކޮންއަންހެން ކުއްޖެއްތޯ ބަލާލުމުގެ ޝައުގުވެރިކަން ކުއްލިއަކަށް މަނިކުގެ ހިތުގައި އުފެދިގެންދިޔައެވެ.
މަނިކު ފާރާކައިރިން ދިޔައިރު އެއަންހެން ކުއްޖާ އައީ މަގުގެ މެދާ ކައިރިވާފަދަ ގޮތަކަށެވެ. ކައިރިން އަޅާފައި ދަމުން މަނިކުއަށް އެއަންހެން ކުއްޖާބަލާލަމުން ހިނިތުންވެލިއެވެ. އެއާއިއެކު މަނިކުއަށް ހީވީ ސާދަ ފަނަރައިގެ ހަނދެއްފެނުނުހެންނެވެ. އަލިއަލި ދޮންމޫނެކެވެ. ލޮލުގެ ބެބުޅުން ހާދަހާވާ ޗާލެވެ. ކުރިއަށް ފިޔަވަޅު އަޅަން މަނިކު ހަނދާންނެތުނީ ކަންނޭގެއެވެ. ހުރި ފިޔަވަޅުމަތީ އޭނައަށް ދެތިންމިނެޓު މަޑުކޮއްލެވުނެވެ.
"ލައިބާ....ލައިބާ..." ފަސްއެނބުރި މަނިކު އެއަންހެން ކުއްޖާއަށް ގޮވާލިއެވެ. ތެތްފިނިކަމާއި ފަޅުކަން އެކުލެވިފައިވާ ފަޒާގެ ތެރެއިން މަނިކުގެ އަޑުގުގުމައިގެން ދިޔައެވެ. އެއަންހެން ކުއްޖާ ފަސްއެނބުރިލުމެއްނެތި ހިނގުން މަޑުކޮއްލިއެވެ. އޭނައަށް މަނިކު އޭނަގެ ފަހަތުން އަންނާނެކަން އެނގޭކަހަލައެވެ. މަނިކު ހެދީވެސް އެހެންނެވެ. އަވަސްއަވަހަށް ފަހަތަށް ހިނގައިގަތީ އެއަންހެން ކުއްޖާގެ ގާތަށް ދިއުމަށެވެ.
"ލައިބާ" މަނިކު ބޯގުދުކޮއްލަމުން އެއަންހެން ކުއްޖާގެ މޫނަށް އަނެއްކާވެސް ބަލާލިއެވެ. ޔަގީންކޮއްލާފަދަ ގޮތަކަށެވެ. މަނިކުގެ އަނގައިގާވާ ރަތްކުލައަރާފައިވާ ދަތްތަކާއިއެކު ހިނިއައީ އޭނަގެ ކުރިމަތީގައި ހުރީ ލައިބާއަށް ވީތީއެވެ.
"މިގަޑީގަ ގޭން ބޭރުގަ؟ ކޮންތާކަށް ތިދަނީ، ފިންޏެއްވެސް ނޫންތަ، ހީވަނީ ދެންދެންމެ ވާރޭ ވެހިގެންފާނެހެން" މަނިކުއަށް ލައިބާކަން ޔަގީންވުމާއިއެކު ވާހަކަދެއްކިއެވެ. އެހެންނަމަވެސް ލައިބާގެ މޫނުމަތީގައި ތަފާތުކަމެއް އެކުލެވިފައިވިއެވެ. އޭނަގެ ސުވާލުތަކުގެ ޖަވާބުގައި ލައިބާ ހިނިތުންވެލީއެވެ. މިނޫނީ ދުވަހަކުވެސް ލައިބާ އޭނައަށް ހިތްހެޔޮ ކަމާއި ލޯތްބާއެކު ބަލާވެސް ނުލާނެއެވެ. އަބަދުވެސް ބަލާނީ އޭނައަށް ފިލޭތޯއެވެ.
ލައިބާ އަނެއްކާވެސް ހިނގައިގަތީ ކުރިއަށެވެ. މިފަހަރު މަނިކުއަށް ލައިބާގެ އަތުގައި ހިފާލެވުނެވެ. އަދި ދަނީ ކޮންތާކަށްތޯ އަހާލިއެވެ. ލައިބާ އޭނަގެ އަތް ދަމާލަމުން ކުރިއަށް އިޝާރާތްކުރިއެވެ. މަނިކު ހިޔާލު ކުއްލިއަކަށް ބަދަލުވާންފެށިއެވެ. އޭނަ ލައިބާ އާއިއެކު ވަގުތުކޮޅެއް ހޭދަކޮއްލަން ބޭނުންވިއެވެ. އެކަމަށް މިއަށްވުރެ ރަނގަޅު އެހެން ފުރުޞަތެއް ނުލިބޭނެކަން އެނގި ލައިބާ އާއިއެކު ދިޔަސްޔަސް އެންމެ ރަނގަޅުތޯ އަހާލިއެވެ. ލައިބާ މިފަހަރުވެސް ވާހަކައެއް ނުދެއްކިއެވެ. ބޮލުގެ އިޝާރާތުން އާއެކެވޭ ބުނެލިއެވެ. އަދި އޭނަގެ އަތުގައި ހިފަހައްޓައިގެން ހުރި މަނިކުގެ އަތުގައި އަނެއްއަތުން ހިފާ ދުރުކޮއްލަމުން ކުރިއަށް ހިނގައިގަތެވެ. މަނިކު ލައިބާ އާއިއެއްވަރަށް އޭނަ އާއިއެކު ހިނގަމުންދިޔައެވެ. ލައިބާގެ މިސްރާބު ހުރިގޮތުން އޭނަ އެދަނީ އަތިރިމައްޗަށްކަން މަނިކުއަށް އެނގުނެވެ.
ކަޅުފޮއެ ރޭތަކުންރެއަކަށްވެފައި އުޑުމަތިބަނަވެ ވިއްސާރަވިލާތަކުން ދުނިޔެމަތި ބައްދަމުންދިއުމާއިއެކު އަތިރިމައްޗަށްވެސް ވަނީ ކަޅުއަނދިރިކަން ވެރިވެފައެވެ. ދޮންވެލިގަނޑުމަތިން ކަކުންޏެއްހާ ހިސާބުވެސް ހިރިނުލައެވެ. އެކަމަކު ގަދަވަމުން އަންނަ ވަޔާއިއެކު އަތިރިމަތީ ހެދިފައިހުރި ގަސްތަކުގެ ފަތްތައް ތެޅޭއަޑުއިވެމުންދިޔައެވެ. ހިތްހަމަޖެހުމަށްވުރެ ހިތަށްވެރިކުރުވަނީ ބިރުވެރިކަމެވެ. ތަނަށްވެރިވެފައިވާ އަނދިރިކަމުގެ ސަބަބުން ފަތްތަކުގައި ވައިއެޅުމުންވެސް އިވެނީ ނަމާންއަޑުތަކެވެ.
އަނދިރިކަމުގެ ތެރެއަށް ލޯހޭނެމުންދިޔަ މަނިކުއަށް ކައިރީގައި ހުރި ލައިބާ ކަޅުހެދުމެއް ލައިގެން ހުރުމުން ކުޑަކޮށް އުނދަގޫވިއެވެ. އަނެއްކޮޅުން މާހައުލުވެސް ކަމުނުދިޔައީއެވެ.
"ހިނގާ އަހަރެންގެ ގެއަށްދާން، ހަމަ މިހާ ފިނިވާނެއޭ، އަނެއްކާ މިރޭމީ ފިނިރެއެއް، އިރުކޮޅުން ވާރޭ ވެހިގަތީމަ ހިޔާވާން ވަންނާނެ ތަނެއްވެސް ނުހުންނާނެއެއްނު...." މަނިކުގެ ހިތަށް އުނދަގޫވާވަރުން ބުނެލިއެވެ. އޭނަގެ ހަވަނަ ހިއްސު ކަމެއް އަންގަދޭން މަސައްކަތްކުރާކަހަލައެވެ. ލައިބާ އޭނަގެ ބޮޑުދެލޮލުން މަނިކުއަށް ބަލާލިއެވެ. އަދި މަނިކުގެ މޭގައި ފިރުމާލަމުން އަތުގައި ހިފައިގެން ކުރިއަށް ހިނގައިގަތެވެ.
"ކޮންތާކަށް އަހަރުމެން މިދަނީ، މިތާ ގަސްތަކުގެ ތެރެއިން އަހަންނަށް ދަނެއްދޮރެއް ވަތްކެއްނުވޭ" މަނިކުގޮވައިގެން ގަސްތަކުގެ ތެރެއަށް ލައިބާ ވަންނަންފެށުމުން ބުނެލިއެވެ. އެހެންނަމަވެސް މަނިކުއަށް ލައިބާގެ ހޫނުއަތްތިލަ އިޙްސާސްވަމުންދިޔައެވެ. އަދި ފައިގެ ދަށުވެގެން ބިންދިގެންދާ ހިކި ގޮފިކޮޅުތަކުގެ އަޑުއިވެމުންދިޔައެވެ. ކަންބޮޑުވެ ލައިބާއާއި ސުވާލުކުރަންފެށުމުން ކުރިއަށްވުރެ ލައިބާ އޭނައާއި ގާތްވެލިކަން އެނގުނެވެ. އެހެންވެ ދޫބަންދުވެ ހަށިގަނޑުގެ ލޭހޫނުވިކަހަލައެވެ.
ދަންވަރު ދެގަޑި ބަޔަށްވުރެ ބޮޑުވެއްޖެއެވެ. ލައިބާ ފާހާނާއަށް ވަދެފައި އައިސް އެނދުގައި އޮށޯތެވެ. ގޭތެރޭގެ ހަލަބޮލިކަމާއިއެކުވެސް ލައިބާ މަސައްކަތް ކުރަމުން ދިޔައީ ނިދޭތޯއެވެ. އެކަމަކު އިރާކޮޅު ނިދުމާއިގުޅިގެން ލައިބާގެ ލޮލުން ނިދީގެ އަސަރުވަނީ ފިލާފައެވެ. އެހެންނަމަވެސް އޭނަގެ ކޮޓަރިން ބޭރަށް އެންމެ ފިޔަވަޅެއް އަޅާލަންވެސް އޭނަ ބޭނުމެއްނުވެއެވެ. އިރުއެރިޔަސް އޭނަ އޮންނާނީ އޭނަގެ އެނދުގައެވެ. އަނެއްކޮޅުން އޭނަގެ ސިކުނޑިވެސްވަނީ ހާސްކަމެއްގެ ތެރޭއެވެ. އެހެންއޮއްވައި ގަދަވައިގެ ތެރެއިން ބަރުވާރޭތިކިތައް އޮއްސާލުމާއިއެކު ޓިނުފުރާޅުން ގޮވައިގަތް އަޑުފައްގަނޑުން ލައިބާ ސިހުނެވެ. އެކަމަކު ކުޑަކުޑަ ހިނދުކޮޅެއްގެ ތެރޭ އެއަޑުން އޭނައަށް ބުނެދޭންނޭގޭ ހިތްހަމަޖެހުމެއް ލިއްބައިދިނެވެ.
"ލައިބާގެ ކައިވެންޏަށް ވަލީދޭން ޖެހޭނީ ޒާންއަށް، ދޭނަންދޯ" އަޒުރާގެ އުނގުގައި އޮތް ޔަޒާންގެ ބޮލުގެ އިސްތަށިގަނޑުގައި ފިރުމަމުން އަޒުރާ ވާހަކަދެއްކިއެވެ. އޭރު ބޮޑުއަށިމަތީ އެކި ދިމަދިމާލުގައި އެންމެން ނިދިޖެހިފައި ތިއްބެވެ.
"ކައިވެންޏޭ، ކާކާ" ޔަޒާންއަށްވެސް ލިބުނީ ހައިރާންކަމެކެވެ. ލައިބާއަށްވެސް އެންމެ ފުރަތަމަ އެހަބަރު ލިބުމުން އަހާލެވުނު ގޮތަށް ޔަޒާންއަށްވެސް އަހާލެވުނެވެ.
"މިގޭދޮށުގަ ފިހާރަ ހިންގާ މަނިކުއާ، އޭނަ ހާދަ ރަނގަޅޭ، އަހަރުމެންނަށް އެހާ ހެޔޮ، އެހެންނޫނަސް ލައިބާ އެހެރީ ބޮޑުވެފައެއްނު" އަޒުރާ ބުނެލިއެވެ. ޔަޒާން އަޒުރާ ބުނަމުންދިޔަ އެއްޗަކާއިމެދު ވިސްނަން އޮތެވެ. (ނުނިމޭ)
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު