"ދި އޯލްޑް މޭން އެންޑް ދި ގަން" އާއެކު ރޮބާޓް ރެޑްފޯޑް ފިލްމު ކުޅުން ހުއްޓާލަނީ!

ރޮބާޓް ރެޑްފޯޑް.....

ހޮލީވުޑްގެ މަޝްހޫރު އެކްޓަރު ރޮބާޓް ރެޑްފޯޑް "ދި އޯލްޑް މޭން އެންޑް ދި ގަން" ކުޅުމަށްފަހު ފިލްމު ކުޅުން ހުއްޓާލާނެ ކަމަށް ބުނެފިއެވެ.

އަންނަ މަހުގެ 28 ވަނަ ދުވަހުގައި ރިލީޒް ކުރުމަށް ތައްޔާރުވަމުން އަންނަ ޑޭވިޑް ލޯރީގެ ފިލްމު "ދި އޯލްޑް މޭން އެންޑް ދި ގަން" ވެގެންދާނީ އޭނާގެ އެންމެފަހު ފިލްމަށެވެ.

އުމުރުން 21 އަހަރުގައި ފިލްމު ކުޅެންފެށި ރޮބާޓް ރެޑްފޯޑް ފުރަތަމަ ފެނިގެން ގޮސްފައިވަނީ "ވާރ ހަންޓް" އެވެ. އެއީ 1962 ވަނަ އަހަރު ރިލީޒް ކުރެވުނު ފިލްމެކެވެ.

މިހާތަނަށް ރޮބާޓް ވަނީ 100އަށް ވުރެ ގިނަ ފިލްމުގައި މަސައްކަތް ކޮށްފައެވެ. އޭނާއަކީ މިހާރު ހޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރެއް އަދި ޕްރޮޑިއުސަރެއް ވެސް މެއެވެ.

ރޮބާޓް ބުނެފައިވަނީ އެކްޓް ކުރުން ހުއްޓާލި ކަމުގައި ވިޔަސް ޕްރޮޑިއުސްކޮށް އަދި ޑައިރެކްޓް ކުރުން ހުއްޓާ ނުލާނެ ކަމަށެވެ. އޭނާއަށް ވަނީ "އޯޑިނަރީ ޕީޕަލް" ޑައިރެކްޓުކޮށްގެން 1980 ވަނަ އަހަރު އެންމެ މޮޅު ޑައިރެކްޓަރުގެ އޮސްކާ އެވޯޑް ލިބިފައެވެ.

ރޮބާޓް ވަނީ އަށް ވަރަކަށް ފިލްމުގެ ޑައިރެކްޝަންގެ މަސައްކަތް ވެސް ކޮށްފައެވެ. ރޮބާޓް ފިލްމު ކުޅުން ހުއްޓާލުން ވެގެންދާނީ ހޮލީވުޑަށް ލިބިގެންދާނެ ބޮޑު ހިތާމައަކަށެވެ.

comment ކޮމެންޓް