ކާޑެއްދޫ އެއާޕޯޓު އިންޓަނޭޝަނަލް ކުރަނީ

ރައީސް ޔާމީން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ގދ. ކާޑެއްދޫ އެއާޕޯޓު އިންޓަނޭޝަނަލް އެއާޕޯޓަކަށް ބަދަލު ކުރައްވާނެ ކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ވިދާޅުވެއްޖެއެވެ.

މަޑަވެލި ރައްޔިތުންނާ މުޚާތަބުކުރައްވައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ކާޑެއްދުއަކީ ބައިނަލްއަގުވާމީ އެއާޕޯޓަކަށް ހެދުމަށް ރަންވޭ ބޮޑުކުރެވޭނެ ގޮތްތައް ބެލުމަށް ވަޒީރުން އަރިހު ދަންނަވާފައިވާ ކަމަށެވެ.

"ތިލަ ފަޅެއް އޮތީމަޔާ އެކު ކާޑެއްދޫ [އެއާޕޯޓު ބޮޑުކުރެވޭނެ]،" ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ކާޑެއްދޫ އެއާޕޯޓު އިންޓަނޭޝަނަލް އެއާޕޯޓަކަށް ވެގެންދާނެ ކަމަށެވެ. އެއާޕޯޓު އިންޓަނޭޝަނަލް ކުރަނީ އެ ސަރަހައްދުގައި ޓޫރިސްޓު އެނދުތައް ތަރައްގީ ކުރާތީ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ހުވަދޫ އަތޮޅަކީ ގުދުރަތީ ގޮތުން ބޮޑު އަތޮޅެއް ކަމަށާއި އެ ސަރަހައްދަކީ ޓޫރިޒަމްގެ ހަބަކަށް ވެގެންދާނެ ސަރަހައްދެއް ކަމަށެވެ. އެގޮތުން އަންނަ ދައުރުގެ ފުރަތަމަ ތިން އަހަރުގައި އެ ސަރަހައްދުގައު 10،000 އެނދު ތަރައްގީ ކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ގދ. އަތޮޅުގައި މިހާރު އޮޕަރޭޓު ކުރަނީ ކާޑެއްދޫ އެއާޕޯޓެވެ. އެ އަތޮޅު މާވާރުލު އަދި ފަރެސްމާތޮޑާގައި އެއާޕޯޓު އެޅުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

comment ކޮމެންޓް