ސަޕްލައި ދޯންޏެއް ފަރަށް އަރައިފި

ރ. މުރަވަންދޫން ފުރައިގެން މާލެ ދަތުރުކުރި "ޑީ ބުލޫ ކެރިއަރ" ދޯނި ފަރަށް އަރާފައި-- ފޮޓޯ: އެމްއެންޑީއެފް

ރ. މުރަވަންދޫން ފުރައިގެން މާލެ ދަތުރުކުރި "ޑީ ބުލޫ ކެރިއަރ" ނަމަކަށް ކިޔާ ދޯންޏެއް ފަރަށް އަރައިފިއެވެ.

އެމްއެންޑީއެފުން ބުނީ، ފަރަށް އަރައިފައިވަނީ 98 ފޫޓުގެ ސަޕްލައި ދޯންޏެއް ކަމަށެވެ. އަދި އެ ދޯނި ފަރަށް އަރައިފައިވަނީ ރީތިބީޗު ރިސޯޓުގެ އިރުދެކުނުން އޮންނަ ބ. ވަންދޫމާފަރަށް ކަަމަށްވެސް އެމްއެންޑީއެފުން ބުންޏެވެ.

އެމްއެންޑީއެފުން ބުނީ އެ ހާދިސާގެ މައުލޫމާތު ލިބިފައިވަނީ ރޭ ދަންވަރު 01:55 ހާއިރު ކަމަށާއި އަދި އެ ހާދިސާގެ މައުލޫމާތު ލިބުމާއެކު އެމްއެންޑީއެފް ނޮދަން އޭރިއާއިން ކޯސްޓްގާޑު ލޯންޗެއްގައި ކޯސްޓްގާޑުގެ ޑައިވަރުންނާއެކު އެސަރަޙައްދަށް ދިޔަ ކަމަށެވެ.

އެ ހާދިސާ ހިނގިއިރު އެ ދޯނީގައި ހަތަރު މީހުންނެވެ. އޭގެ ތެރޭގައި ހިމެނެނީ ތިން ބިދޭސީންނާއި ދިވެއްސެކެވެ. އެމްއެންޑީއެފުން ބުނީ އެ ހާދިސާގައި އެއިން އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާ ކަމަށެވެ.

އެމްއެންޑީއެފް ކޯސްޓްގާޑުގެ ޑައިވަރުންގެ އެހީތެރިކަމާއެކު ދޯނީގެ ވެރި ފަރާތުން ހަމަޖެއްސި އެހެން ދޯންޏެއްގެ އެހީގައި އެދޯނި ފުންކުރުމުގެ މަސައްކަތް މިހާރު ކުރިއަށްގެންދާ ކަމަށްވެސް އެމްއެންޑީއެފުން ބުންޏެވެ.

comment ކޮމެންޓް