މަޑަވެލި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ ނިންމުން ފާހަގަކޮށް، އެރަށު ބަނދަރު ހުޅުއްވައި ދެއްވައިފި

މަޑަވެލި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ނިމުން ފާހަގަ ކުރުން --- ފޮޓޯ: އެންވަޔަރަމެންޓް

ގދ. މަޑަވެލި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު ނިންމައި، އެރަށުގައި ތަރައްގީކޮށްފައިވާ ބަނދަރު ހުޅުއްވައިދެއްވައިފިއެވެ.

މަޑަވެލި ބަނދަރު ހުޅުއްވައިދެއްވާ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ ނިމުން އިފްތިތާހުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމެވެ.

މަޑަވެލި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއަކީ 2016 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓުގައި ހިމަނައިގެން ކުރިއަށް ގެންގޮސްފައިވާ މަޝްރޫއެކެވެ. މި މަޝްރޫއުއަށް ޖުމްލަ 10,951,641.19 ރުފިޔާ ވަނީ ހަރަދުކޮށްފައެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮންޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށް ކުރިއަށް ގެންދިޔަ މި މަޝްރޫއުގެ ނިންމާލާފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 22 ގައެވެ.

މި މަޝްރޫއުގެ ދަށުން، މަޑަވެލީގެ ގިރާ ސަރަހައްދަށް 17,926.21 ކޮޑިމީޓަރަށް ވެލިއަޅައި، ރަށުގެ ގިރާ ސަރަހައްދުގައި 454.5 މީޓަރުގެ ގޮނޑުދޮށް ބޮޑު ހިލަ ޖަހައިގެން ވަނީ ހިމާޔަތްކޮށްފައެވެ.

މަޑަވެލި ބަނދަރު ހެދުމުގެ މަޝްރޫއުވެސް ކުރިއަށް ގެންގޮސްފައިވަނީ އެމްޓީސީސީއިންނެވެ. މި މަސައްކަތް 2014 ވަނަ އަހަރު ފަށާފައިވާއިރު މަސައްކަތް ނިންމާލާފައިވަނީ މިއަހަރުގެ ޖުލައި މަހުއެވެ.

ފަންސާސް ދެ މިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދުކޮށްގެން ކުރިއަށް ގެންގޮސްފައިވާ މަޑަވެލި ބަނދަރު މަޝްރޫއުގެ ދަށުން 164 މީޓަރުގެ ސަރަހައްދެއްގައި ވަނީ ރިވެޓްމެންޓު ޖަހައިފައެވެ.

އެ ބަނދަރަކީ 241 މީޓަރު ދިގު، 40 މީޓަރު ފުޅާ ބަނދަރެކެވެ. އެ ބަނދަރު ހަދާފައިވަނީ 1،220 މީޓަރުގެ ޕޭވްމެންޓަކާއި، ލައިޓް ހަރުކޮށްގެން ޒަމާނީ ފެންވަރަކަށެވެ

comment ކޮމެންޓް