ކެނެޑާ ފަދަ ގައުމުތަކަށް ފެންނަނީ އިންސާނީ ހައްގުތަކުގެ އެއްކޮޅު، އަނެއްކޮޅެއް ނުފެނޭ!

ކެނެޑާއާ ދެކޮޅަށް ސައޫދީ އަރަބިޔާއިން ހަރުކަށި ފިޔަވަޅުތަކެއް އެޅިއިރު އެއާދެކޮޅަށް އަމަލީގޮތުން މާބޮޑު ރައްދެއް ދޭކަކަށް ކެނެޑާއަކަށް ނުކެރުނެވެ. ނަމަވެސް ކެނެޑާވަނީ އަނގަބަހުން ސައޫދީއަށް ފިނި ރައްދެއް ދީފިއެވެ.

މި ފިނި ރައްދުގައި ކެނެޑާގެ ޚާރިޖީ ވުޒާރާގެ ތަރްޖަމާން މޭރީ ޕިޔޭރް ވިދާޅުވީ ސައޫދީން އެގައުމާ ދެކޮޅަށް ހަރުކަށި ފިޔަވަޅުތަކެއް އެޅިނަމަވެސް އިންސާނީ ހައްގުތައް ހިމާޔަތް ކުރުމަށް މަސައްކަތް ކުރުމުގައި ކެނެޑާ ދެމިއޮންނާނެ ކަމަށާ ސައޫދީގެ ފިޔަވަޅުތަކާ ގުޅިގެން ކެނެޑާ ފަހަތަށް ނުޖެހޭނެ ކަމުގައެވެ. އަދި އިންސާނީ ހައްގުތަކުގެ ނަމުގައި ހުޅަނގުން ގެންގުޅޭ ވެލިއުތައް ދުނިޔޭގެ ގައުމުތަކުގައި ފެތުރުމަށް ކެނެޑާ މަސައްކަތްކުރާނެ ކަމަށާ އެއީ ކެނެޑާގެ ޚާރިޖީ ސިޔާސަތުގެ ބައެއް ކަމުގައެވެ.

ކެނެޑާ މިހެން ބުނެފައިވާއިރު އިސްރާއީލުން ފަލަސްތީނުގެ ހުރިހާ ބިންތަކެއް ގަދަބާރުން ހިފައި ފަލަސްތީނުގެ ރައްޔިތުންގެ މިނިވަންކަމުގެ ހައްގުތަކަށް ގޮވާލައި މުޒަހަރާއެއް ކޮށްލާއިރަށް ބަޑިޖަހައި ފަލަސްތީނުގެ އެތަށް ބަޔަކު މަރަމުން ގެންދާއިރު އިސްރާއީލާ ދެކޮޅަށް ފިޔަވަޅު އެޅުމުގައި ކެނެޑާ ވަނީ ފަސްޖެހިފައެވެ. އަދި އެމެރިކާއިން އިރާގަށް އަރައި މިލިޔަނަކަށްވުރެ ގިނަ މީހުން މަރައި އިރާގު ޓެރަރިޒަމްގެ ހާއްޔަކަށް ހެދިއިރު ކެނެޑާއިން އެމެރިކާ ކުށްވެރިކޮށްފައެއް ނުވެއެވެ.

އެމެރިކާއިން ޓެރަރިޒަމާ ހަނގުރާމަ ކުރުމުގެ ބަހަނާގައި ދުނިޔޭގެ ކަންކޮޅުތަކުން މުސްލިމުން ހައްޔަރުކޮށް ސިއްރު ޖަލުތައް ހަދައިގެންނާއި ގުއަންޓެނާމޯ ޖަލުގައި ޝަރީއަތަކާނުލައި (އެމެރިކާގެ ގާނޫނުތަކާވެސް ޚިލާފަށް) މުސްލިމުން ހައްޔަރުކޮށްގެން އެމީހުން ފެނުއަޑީގައި ގަންބައި ހިފަހައްޓައި ކަރަންޓް ޖައްސައި ހިންގި އިންސާނިއްޔަތާ ޚިލާފު އަނިޔާވެރި ބިރުވެރިއަމަލުތަކާ ދެކޮޅަށް ކެނެޑާއިން ވާހަކަ ދެއްކިތަނެއް ފެނިފައެއް ނުވެއެވެ.

އަނެއްކޮޅުން ސައޫދީއަށް ބަލާއިރު އިންސާނީ ހައްގުތަކުގެ ނަމުގައި ކެނެޑާއިން ސައޫދީގެ ދާޚިލީ ކަންކަމާ ބެހޭއިރަށް ކެނެޑާއާ ދެކޮޅަށް ހަރުކަށި ފިޔަވަޅުތައް އަޅައި ކެނެޑާގެ ސަފީރު ސައޫދީން ބޭރުކޮށްލިއިރު އިންސާނީ ހައްގުތަކުގެ ނަމުގައި އެމެރިކާއިން ސައޫދީގެ ދާޚިލީ ކަންކަމާ އެތަށްފަހަރަކު ބެހިފައިވީނަމަވެސް އެމެރިކާއާ ދެކޮޅަށް އެއްވެސް ފިޔަވަޅެއް އަޅަން ސައޫދީއަށް ކެރިފައެއް ނުވެއެވެ.

އިންސާނީ ހައްގުތަކާއި ޑިމޮކްރަސީގެ ނަމުގައި ގައުމުތަކުގެ ދާޚިލީ ކަންކަމާބެހޭ ކެނެޑާއާއި ޔޫރަޕްގެ ގައުމުތަކާއި އެމެރިކާފަދަ ހުޅަނގުގެ ގައުމުތަކަކީ އެމީހުން އަމިއްލައަށް އެމީހުން ފެނިގެން ދެއްކުންތެރިކަމެއްގައި އުޅޭ ގައުމުތަކެކެވެ. އިންސާނީ ހައްގުތަކުގެ ނަމުގައި ނާޖާއިޒު ފައިދާ ނަގައިގެން ހުޅަނގުގެ ފަލްސަފާއާއި އައިޑިއޮލޮޖީ އިންސާނީ ހައްގުތަކާއި ޑިމޮކްރަސީގެ ނަމުގައި ފަތުރަން އުޅޭ ގައުމުތަކެކެވެ. މިފަދަ ގައުމުތަކަށް ފެންނަނީ އިންސާނީ ހައްގުތަކުގެ އެއްކޮޅެވެ. އެއީ ހުޅަނގުގެ އައިޑިއޮލޮޖީއާއި ހުޅަނގުގެ ހަންފެތުރުމުގެ ފިކުރާގުޅޭ ހައްގުތަކުގެ ބައި އެކަންޏެވެ.

އިސްރާއީލުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގާ ލާއިންސާނީ އަމަލުތަށް އެގައުމުތަކަކަށް ނުފެނެއެވެ. އެއީ ގައުމުތައް އަޅުވެތިކޮށް ރައްޔިތުންގެ ބިންތައްފޭރިގަނެ އިސްތިއުމާރު ކުރުމަކީ ހުޅަނގަށް މައްސަލައަކަށް ނުވެއެވެ. އެމެރިކާ އާއި އިނގިރޭސިވިލާތްފަދަ ހަރުކަށި ގައުމުތައް އިރާގާއި އަފްޣާނިސްތާން ފަދަ ގައުމުތަކަށް އަރައި އެތަށް މިލިޔަން ބަޔަކު މެރުމަކީވެސް އިންސާނީ ހައްގުތަކަށް އަރައިގަތުން ކަމަކަށް ހުޅަނގުގެ އައިޑިއޮލޮޖީ ނުދެކެއެވެ.

ކެނެޑާއަކީ މިފަދަ ޖަރީމާތަކުގައި އެމެރިކާއާއި އިނގިރޭސިވިލާތުގެ ބައިވެރިއެކެވެ. އަނެއްކޮޅުން ޑިމޮކްރެޓިކް ނިޒާމުތައް ހަލާކުކޮށް އެގައުމުތަކުގައި އެމެރިކާ ބޭނުންވާ އަސްކަރީ ޕަޕެޓް ވެރިން ބޭތިއްބުމަށްޓަކައި އަސްކަރީ އިންގިލާބު ގެނައުމަކީވެސް އެމެރިކާ ކުރަމުން ގެންދާކަމެކެވެ. މިއިން އެއްވެސް ކަމަކަށް ކެނެޑާ އެއްޗެއް ބުނެފައެއް ނުވެއެވެ.

އިންސާނީ ހައްގުތަކާއި ޑިމޮކްރަސީ ހިމާޔަތް ކުރުމުގެ ނަމުގައި އެމެރިކާއާއި ޔޫރަޕާ އަދި ކެނެޑާ ފަދަ ގައުމުތަކުން ކުރަމުން ގެންދަނީ ގައުމުތަކުގެ ދާޚިލީ ކަންކަމާބެހުމުގެ ސިޔާސީ ކަންތައްގަނޑެއްކަމަށް ބުނާނެ ފުރިހަމަ ޖާގަ އެބައޮތެވެ. އެކަން ދަނީވެސް އެގޮތަށެވެ. ޑިކްޓޭޓަރުންގެ އަނިޔާވެރިކަމުގައި އެމީހުންގެ ގައުމުތަކުގެ ރައްޔިތުން މަރަމުން ގެންދާވަރަށްވުރެ އެމެރިކާއާއި ޔޫރަޕުން ޓެރަރިޒަމާ ހަނގުރާމަ ކުރުންފަދަ ނަންނަމުގައި ހިންގާ ހަނގުރާމަތަކާއި ދޭ ޑްރޯން ހަމަލާތަކާއި އިސްރާއީލުފަދަ ގައުމުތަކުން ހިންގާ ލާއިންސާނީ އަމަލުތަކުން މީހުން މަރަމުންދާވަރު މާބޮޑެވެ. އަދި އިންސާނީ ހއްގުތަކަށް އަރައިގަންނަ ވަރުވެސް މާބޮޑެވެ.

ކެނެޑާފަދަ ގައުމުތަކަށް އިންސާނީ ހައްގުތަކުގެ ނަމުގައި ހަރަކާތްތެރިމިވަނީ އެއްފަޅިންނެވެ. އަނެއް ފަޅިއަކަށް އަޅައެއް ނުލައެވެ. އެހެންކަމުން މިއީ ސިޔާސީ ބޭނުންތަކަށް އިންސާނީ ހައްގުތަށް ބޭނުންކުރުން ނޫން އެހެން ކަމަކަށް ނުވާނެއެވެ.

ސައޫދީގައި އިންސާނީ ހައްގުތަކުގެ ނަމުގައި ހަރަކާތްތެރިވާ ބައެއް އެކްޓިވިސްޓުން ހައްޔަރުކޮށްފައިވާތީ ކެނެޑާއަށް އެކަން ބޮޑުވިއިރު ފަލަސްތީނުގެ ރެފިއުޖީންގެ ހައްގުތަކަށް ގޮވާލައި ގައްޒާގެ ސަރަހައްދީ ރޮނގުގެ ކައިރީގައި ފަލަސްތީނު މީހުން މުޒާހަރާއެއް ކޮށްލުމުން އެއްދުވަހު އެކަނިވެސް އިސްރާއީލުން 75 މީހުން މަރާލައި ހަތަރު ހާސް މީހުން ޒަޚަމްކޮށްލިއެވެ. މިއީ ސައޫދީ އަރައިގަތްވަރަށް ވުރެ މާބޮޑަށް އިންސާނީ ހައްގުތަށް އަރައިގަތުމެއް ކަމަށްވިޔަސް ކެނެޑާއިން އިސްރާއީލުގެ ޖަރީމާތައް ކުށްވެރިކޮށްފައެއް ނުވެއެވެ.

ކެނެޑާއިން އިންސާނީ ހައްގުތަކުގެ ނަމުގައި ސައޫދީ ދާޚިލީ ކަންކަމާ ބެހުމުން ސައޫދީ ޚާރިޖީ ވުޒާރާއިންވަނީ އެގައުމުގެ ދާޚިލީ ކަންކަމުގެ ތެރެއަށް ވަނުމުގެ ފުރްސަތު ކެނެޑާއަށް ނުދޭނެކަމަށް ބުނެ ކެނެޑާ އާ ވިޔަފާރީގެ ގުޅުންތައް އެއްކޮށް ކަނޑާލާފައެވެ. އަދި ސައޫދީ ޚާރިޖީ ވުޒާރާއިންވަނީ ކެނެޑާގައި ހުންނަވާ ސައޫދީ ސަފީރު އަނބުރައި ގައުމަށް ގެނަސް ސައޫދީގައި ހުންނަވާ ކެނެޑާގެ ސަފީރު ބޭރުކޮށްލުމަށްވެސް ނިންމާފައެވެ. ނަމަވެސް ކެނެޑާއިން ކުރިފަދަ ކަމެއް އެމެރިކާ ކުރުމުން ސައޫދީއަށް މިފަދަ ފިޔަވަޅެއް އަޅާކަށް ނުކެރޭނެއެވެ. އަދި އިސްރާއީލުން ކިތަންމެ ވަރަކަށް އިންސާނީ ހައްގުތަކަށް އަރައިގަތް ނަމަވެސް ސައޫދީ އާ ދެކޮޅަށް ވާހަކަ ދެއްކި ބިދައިން އިސްރާއީލާ ދެކޮޅަށް ވާހަކަ ދައްކާކަކަށް ކެނެޑާއަށްވެސް އެމެރިކާއަށްވެސް އަދި ޔޫރަޕްގެ ގައުމުތަކަކަށްވެސް ނުކެރޭނެއެވެ.

އެހެންކަމުން މިއުޅެނީ އިންސާނީ ހައްގުތަކާއި ޑިމޮކްރަސީގެ މައްސަލައެއް ނޫނެވެ. ހުޅަނގުގެ ވެލިއުތަކާއި ހުޅަނގުގެ ގޮތްތަކާއި އައިޑިއޮލޮޖީ ފެތުރުމުގެ މައްސަލަތަކެކެވެ. ހަންފެތުރުމުގެ މައްސަލައެކެވެ. އޮޅުވާލައިގެންނާއި ރީތި ނަންނަމުގައެވެ. އިންސާނީ ހައްގުތަކުގެ ކުލަޖައްސައިގެން ހުޅަނގުގެ ވެލިއުތަކައި ގޮތްތަކާއި އައިޑިއޮލިޖީ ފެތުރުމުގެ މައްސަލައެކެވެ. މީގެމާނައަކީ ސައޫދީ ފަދަ ގައުމުތަކުން އިންސާނީ ހައްގުތަކަށް އަރައި ނުގަންނަ ވާހަކައެއް ނޫނެވެ. ސައޫދީ ފަދަ ގައުމުތަކުގައި ވެރިކަން އޮންނަ ގޮތާއި ކަންކުރާ ގޮތާއި އެނޫންވެސް ގޮތްތައް އެންމެންނަށްވެސް އެނގެއެވެ.

ނަމަވެސް ހުޅަނގުންވެސް މަސައްކަތްކުރަނީ އަމިއްލަ އެދުމުގައެވެ. ޑިމޮކްރަސީއާއި އިންސާނީ ހައްގުތަކުން ޒީނަތްތެރިކޮށް ގިރިޓީކޮށްގެންނެވެ. ހުޅަނގުގެ ގައުމުތަކަކުގެ އިސްތިއްމާރީ މެންޓަލިޓީ އަދިވެސް ބަދަލެއް ނުވެއެވެ. އެއީ ކުރީގެ ގަދީމީ އިސްތިއްމާރު ފަދައިން މިހާރުގެ މޮޑަން އިސްތިއްމާރީ ބާރުތައްވެސް މެއެވެ.

comment ކޮމެންޓް