މަޖިލީހުގެ ކޮމެޓީއަށް ހާޒިރުވާން ތައްޔާރު: ޑިފެންސް މިނިސްޓަރު

ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު: އޭނާ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމެޓީއަށް ހާޒިރުވުމަށް ތައްޔާރަށް ހުންނެވި ކަމަށް -- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމެޓީއަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ހާޒިރުކޮށްދިނުމަށް އިދިކޮޅު ފަރާތްތަކުން އެދިފައިވާތީ އެކަމަށް ތައްޔާރަށް ހުންނެވި ކަމަށް އޭނާ ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ އަމަން އަމާންކަން ނަގާލުމަށް ބަޔަކު ރާވަމުންދާ ކަމަށް ބުނެ ފޭސްބުކްގައި ކުރެއްވި ޕޯސްޓަކާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ އިދިކޮޅު ޕާޓީތަކަށް ނިސްބަތްވާ ހަތަރު މެންބަރަކު ސޮއިކޮށް ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމެޓީގެ މުގައްރިރަށް ވަނީ އެ ކޮމެޓީގެ ބައްދަލުވުމެއް ބާއްވައި މިނިސްޓަރު އާދަމް ޝަރީފް ހާޒިރުކޮށްދިނުމަށް އެދިފައެވެ.

އެކަމަށް ރައްދު ދެއްވައި މިނިސްޓަރު އާދަމް ޝަރީފް އުމަރު މިއަދު އޭނާގެ ފޭސްބުކް ޕޭޖުގައި ވިދާޅުވެފައިވަނީ "ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމެޓީއަށް ހާޒިރުވާން ތައްޔާރު" ކަމަށެވެ.

ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު، އެ ކޮމެޓީއަށް ހާޒިރުކޮށްދިނުމަށް އެދިފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު މާރިޔާ އަހްމަދު ދީދީ އާއި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ އާއި މަކުނުދޫ ދާއިރާގެ މެންބަރު އަނާރާ ނައީމްގެ އިތުރުން ހިތަދޫ މެދު ދާއިރާގެ މެންބަރު އިބްރާހީމް މުހައްމަދު ދީދީ އެވެ.

ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމެޓީގެ މުގައްރިރު، ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަލީ މައުރޫފަށް ފޮނުވި ސިޓީގައި އެ މެންބަރުން ވިދާޅުވެފައި ވަނީ، ކުރިއަށް އޮތް ދުވަސްތަކުގައި ގައުމު ހަލަބޮލިކޮށް އަމަންއަމާންކަން ނަގާލުމަށް ޓަކައި ބަޔަކު ރާވަމުންދާކަމުގެ މައުލޫމާތު ލިބެމުންދާ ކަމަށާއި އެކަން އެމްއެންޑީއެފާއި ފުލުހުން ގާތުން ބަލަމުންދާ ކަމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ފޭސްބުކްގައި ޕޯސްޓްކޮށްފައިވާ ކަމަށެވެ.

ރާއްޖޭގައި އުޅޭ ހުރިހާ މީހުނަށް ސުލްހަވެރިކަމާއި އަމާންކަމާއި މިނިވަންކަމާ އެކު އުޅޭވޭނެ މަގު ފަހިކޮށްދެއްވުމަކީ ޑިފެންސް މިނިސްޓަރުގެ މައްޗަށް ގާނޫނުން ލާޒިމް ކުރާ ކަމެއް ކަމަށާއި އެފަދަ ޒިންމާދާރުކަން ކުޑަ އަމަލެއް ކުރެއްވުމުން ކޮމެޓީއަށް، މިނިސްޓަރު ހާޒިރުކޮށްދެއްވައި ކޮމެޓީ ބައްދަލުވުމެއް ބާއްވައި ދިނުމަށް އެދޭ ކަމަށް ވެސް އެ ސިޓީގައިވެއެވެ.

comment ކޮމެންޓް