އަމިއްލަ ގޮތުން ކިޔަވަނިކޮށް މަލީ ގޮތުން ދަތިވާ ކުދިންނަށް ޒަކާތު ފަންޑުން އެހީވަނީ

ހައި އެޗީވާސް ސްކޮލަޝިޕް ހާސިލްކުރި ދަރިވަރަކަށް އެޑިއުކޭޝަން މިނިސްޓަރު އެވޯޑް އަރުވަނީ---ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ

އަމިއްލަ ގޮތުން ކިޔަވަމުން ދަނިކޮށް މާލީ ގޮތުން ދަތިވެ ކިޔެވުމަށް ބުރޫއަރައިފިނަމަ، އެފަދަ ދަރިވަރުންނަށްވެސް ޒަކާތު ފަންޑުން އެހީ ދޭގޮތަށް ހަމަޖައްސައިފިއެވެ.

އިސްލާމިކް މިނިސްޓްރީން އިއްޔެ ނެރުނު ބަޔާނުގައި ބުނީ، ސަރުކާރުން ދޭ ސްކޮލަޝިޕެއްގައި ރާއްޖެއާއި ރާއްޖެއިން ބޭރުގައި ކިޔަވާ ދަރިވަރުން ފިޔަވައި، ކިޔަވަމުންދާ ދަރިވަރުން މާލީ ގޮތުން ދަތިވެ ތައުލީމު ހާސިލްުކުރުމުގައި ދަތިވެެ ޒަކާތު ފަންޑުން އެހީއަށް އެދި ހުށަހަޅައިފިނަމަ، އެހީ ދިނުމާމެދު ނިންމާނީ އެ މިނިސްޓްރީން ކަމަށެވެ.

މީގެ ކުރިން ޒަކާތު ފަންޑުން ދަރިވަރުންނަށް ކިޔެވުމަށް އެހީ ދެމުން ގެންދިޔައީ އެ ފަންޑުން ހުޅުވާލާ ކޯސްތަކަށް އެކަންޏެވެ. އަދި އެ ފަންޑުން އެހީތެރިވަމުން ދިޔައީ ފުދުންތެރިކަން ނެތް ދަރިވަރުންނަށެވެ. އެ ފަންޑުންދޭ ކޯސްތަކުގެ ދަށުން ކިޔެވެނީވެސް ހަމައެކަނި އެ ފަންޑުން ކަނޑައަޅާ ވަކި ގައުމުތަކަށެވެ.

ނަމަވެސް އަލަށް ގެނައި ބަދަލާއެކު ދުނިޔޭގެ ކޮންމެ ތަނަކުން ކިޔަވަމުން ދިޔަ ނަމަވެސް މާލީ ގޮތުން ދަތިވެ ކިޔެވުމަށް ބުރޫއަރައިފިނަމަ ޒަކާތު ފަންޑުން އެހީތެރިވެދޭނެއެވެ.

ޒަކާތު ފަންޑުގެ އެހީގެ ދަށުން މިދިޔަ މޭ މަހުވެސް ވަނީ 73 ސްކޮލަޝިޕެއް ހުޅުވާލައިފައެވެ.

https://sun.mv/106178

ޒަކާތު ފަންޑުން ހުޅުވާލި ގިނަ ކޯސްތަކަކީ އިސްލާމްދީން ސީދާ ގުޅުން ހުރި ކޯސްތަކެކެވެ. އޭގެ ތެރޭގައި އިމާމްކަމާއި، އިސްލާމިކް ސްޓަޑީޒް އަދި ގުރުއާނާ ބެހޭ ކޯސްތައް ހިމެނެ އެވެ. އޭގެ އިތުރުން އިންޖިނިއަރިންއާ ބިޒްނަސް އަދި އެމްބީބީއެސްއާ ގުޅޭ ސްކޯލާޝިޕްތައް ވެސް ހިމެނެ އެވެ.

comment ކޮމެންޓް