ބިލިއަން ޑޮލަރުގެ ބިޔަ މަޝްރޫއުގެ ފައިދާ ފެންނަން ކިހާ ދުވަހެއް ނަގާނެ؟

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމަށް ހިންގާ އެއް ބިލިއަން ޑޮލަރުގެ ބިޔަ މަޝްރޫގެ އެންމެ ފަހުގެ މަސައްކަތްތައް -- ސަން ފޮޓޯ/ އެމްއޭސީއެލް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކުރުމަށް ހިންގާ ބިޔަ މަޝްރޫއަކީ ރާއްޖޭގެ ތާރީޚުގައި މިހާރު ކުރިއަށްދާ އެންމެ ބިޔަ މަޝްރޫއެވެ. ރާއްޖެގެ މައި ވައިގެ ބަނދަރު ޒަމާނީ ފެންވަރަކަށް ތަރައްގީކުރުމަށް ކުރިއަށް ގެންދާ މި މަޝްރޫއުގެ ދަށުން މިހާރު އެއާޕޯޓުން ދެމުންގެންދާ ޚިދުމަތްތައް އިތުރަށް ފުޅާކޮށް ޒަމާނީ ކުރާނެއެވެ.

ހަތް މިލިއަން ފަސިންޖަރުންނަށް ޚިދުމަތްދެވޭ ފެންވަރަށް އެއާޕޯޓު ތަރައްގީ ކުރާއިރު މި ބޮޑު އިންވެސްޓުމެންޓަކީ ކުރިއަށް އޮތް 20 އަހަރަށް ޕްލޭން ކޮށްގެން ކުރިއަށް ގެންދާ މަޝްރޫއެއްކަމަށް އެއާޕޯޓު ހިންގާ އެމްއޭސީއެލް އިން ބުނެއެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމަށް ހިންގާ އެއް ބިލިއަން ޑޮލަރުގެ ބިޔަ މަޝްރޫގެ އެންމެ ފަހުގެ މަސައްކަތްތައް: ރަންވޭގެ މަސައްކަތް ނިންމާ އަންނަ މަހު ޓެސްޓު ފްލައިޓުތައް ޖައްސާނެ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖޭގެ އިގްތިސާދުގައި އެންމެބޮޑު ހިއްސާއެއް އަދާކުރާ އެއާޕޯޓުގެ ތަރައްގީއަށް ކުރާ ހޭދައަކީ ބޭރުގެ ލޯނު އެހީއެވެ. އެއާޕޯޓުގެ ތަރައްގީއަށް އަބޫދާބީ ފަންޑުން ލޯނު ނަގާފައިވާއިރު އޯޕެކް ފަންޑު ފޯ އިންޓަނޭޝަނަލް ޑިވެލޮޕްމެންޓް (އޮފިޑް)އިން ވަނީ 50 މިލިޔަން ޑޮލަރުގެ ލޯނެއް ދީފައެވެ. އަދި ސައުދީ ފަންޑް ފޯ ޑިވެލޮޕްމެންޓާ ކުވެއިތު ފަންޑް އަދި ޗައިނާގެ އެގްޒިމް ބޭންކުން ވެސް ވަނީ އެއާޕޯޓު ތަރައްގީއަށް ލޯނު ދީފައެވެ. އެއާޕޯޓު ހިންގާ އެމްއޭސީއެލް އިންވެސް ވަނީ އެއާޕޯޓު ތަރައްގީ އަށް 50 މިލިއަން ޑޮލަރު އިންވެސްޓް ކޮށްފައެވެ.

އެމްއޭސީއެލްގެ މެނޭޖިންގ ޑިރެކްޓަރު އާދިލް މޫސާ "ސަން" އަށް ވިދާޅުވީ މަޝްރޫއު ފެށީ ފީޒިބިލިޓީ ސްޓަޑީއެއް ހެދުމަށްފަހު ކަމަށެވެ. ފީޒިބިލިޓީ ހަދާފައިވަނީ އިނގިރޭސިވިލާތުގެ ކުންފުންޏަކުންނެވެ.

"މަސައްކަތް ފަށާއިރު ލޯނު ނަގައިގެން ކުރާ މަސައްކަތެއް ވީމާ ލޯނު ދެއްކުމުގެ ގާބިލުކަން ހުރިތޯ ލޯނު ދޭ ފަރާތްތަކުން ބަލާނެ. އެހެންނޫނީ ލޯނެއް ނުވެސް ދޭނެ،" އާދިލް ވިދާޅުވިއެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމަށް ހިންގާ އެއް ބިލިއަން ޑޮލަރުގެ ބިޔަ މަޝްރޫގެ އެންމެ ފަހުގެ މަސައްކަތްތައް: ރަންވޭގެ މަސައްކަތް ނިންމާ އަންނަ މަހު ޓެސްޓު ފްލައިޓުތައް ޖައްސާނެ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެއާޕޯޓު ތަރައްގީ ކުރުމަށް ނަގާފައިވާ ލޯނުތައް އަދާކޮށް 15 އަހަރާ 20 އަހަރާ ދެމެދުގެ މުއްދަތެއްގައި ރިކަވަރީ ލިބޭނެ ކަމަށް އާދިލް ވިދާޅުވިއެވެ. އަދި މި މަޝްރޫ 2020ގެ ނިޔަލަށް އެއްކޮށް ނިމޭނޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ޕީއެސްއެމް އިން ގެނެސްދޭ "މައި ފިއުޗާ - މައި ނޭޝަން" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން، އެއާޕޯޓު މަޝްރޫއާ ގުޅޭގޮތުން މަޝްހޫރު ވިޔަފާރިވެރިޔާ އަދި ރާއްޖޭގެ ޓޫރިޒަމްގެ ދާއިރާ ކުރިއެރުވުމުގައި މުހިއްމު ދައުރެއް އަދާކުރައްވާފައިވާ މުހައްމަދު އުމަރު މަނިކު (އެމްޔޫ މަނިކު) ވިދާޅުވީ އެއާޕޯޓު ތަރައްގީ އަކީ ބޭކާރު ހަރަދެއް ނޫން ކަމަށާއި މިއީ މިހާރުން މިހާރަށްވެސް ރާއްޖެއަށް ބޭނުންވެފައިވާ މަޝްރޫއެއް ކަމަށެވެ.

"އިކޮނޮމީ ބޭސްވެފައި މިއޮތީ ޓޫރިޒަމް އެއް. އެއާއެކު ގޭޭޓްވޭ 24 ގަޑިއިރު ހުޅުވިފައި އޮންނަން އެބަޖެހޭ،" އެއާޕޯޓު ބޮޑުކުރުމުގެ މުހިއްމުކަން ފާހަގަކުރައްވާ އެމްޔޫ މަނިކު ވިދާޅުވިއެވެ.

މީގެ ކުރިން އެއާޕޯޓު ތަރައްގީކުުރުމަށް ކޮށްފައިވާ މަސައްކަތްތަކަކީ ދުރުރާސްތާއަށް ނުވިސްނައި ކުރުމުއްދަތަކަށް ކޮށްފައިހުރި މަސައްކަތްތަކެއް ކަމަށް އެމްއޭސީއެލްގެ އެމްޑީ އާދިލް ވިދާޅުވިއެވެ.

"ގާތް ގަނޑަކަށް ފަސް އަހަރު ނޫނީ ހަތް އަހަރުގެ ޑިވެލޮޕްމެންތުތަކެއް މީގެ ކުރިން ގެނެސްފައި ހުރީ. އެހެން ނަމަވެސް މިހާރު މި ކުރެވެނީ 20 އަހަރުގެ ތަރައްގީ އެއް."

އާދިލް ވިދާޅުވީ ސަރުކާރުގެ ވިސްނުމަކީ ދެން އަންނަ ބަޔަކަށް ބުރައެއް ނުޖައްސައި އެއާޕޯޓުގެ ތަރައްގީ ދުރުރާސްތާއަށް ވިސްނައިގެން ކުރިއަށް ގެންދިއުން ކަމަށެވެ.

މަޝްހޫރު ވިޔަފާރިވެރިޔާ ޗަމްޕާ ހުސައިން އަފީފުވެސް ވިދާޅުވީ، އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއަކީ ރާއްޖޭގެ އިގްތިސާދަށް ފައިދާ ކުރާނެ ކަމެއް ކަމަށެވެ.

އެއާޕޯޓެއްގައި ކުރިއަށްދާ މަސައްކަތްތައް އާންމު ރައްޔިތަކަށް ނުފެނިދާނެއެވެ. "ރެސްޓްރިކްޓެޑް" ސަރަހައްދުތަކުގައި ކުރާ މަސައްކަތްތަކުގެ ވާހަކަ އިވޭނީ ހަބަރަކުން ނޫނީ ސޯޝަލް މީޑިއާ އިންނެވެ. އެމްއޭސީއެލް އިން ދޭ ޔަގީންކަމަކީ ޕްލޭނާ އެއްގޮތަށް އެއާޕޯޓު ތަރައްގީ ކުރުމަށް ކުރިއަށްގެންދާ މަޝްރޫއު ކުރިއަށްދާ ކަމުގެ ޔަގީން ކަމެވެ.

އެގޮތުން މި މަޝްރޫއު މިހާރު ކުރިއަށް ގޮސްފައިވާ ހިސާބަށް ބަލާއިރު، އޭ380 މަރުކާގެ މަތިންދާބޯޓުތަކަށް ޖެއްސޭ ފެންވަރުގެ ޒަމާނީ ރަންވޭގެ މަސައްކަތް ގާތްގަނޑަކަށް ވަނީ ނިމިފައެވެ. ރަންވޭގައި ޓެސްޓު ފްލައިޓުތައް ޖައްސަން އަންނަ މަހު ފަށާނެއެވެ. ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން ފްލީޓު އޮތް ރާއްޖޭގައި ސީޕްލޭނުން ދަތުރުކުރާ ފަސިންޖަރުންނަށް ޚާއްސަ ޓާމިނަލެއް އެޅުމަށް ދަނީ މަސައްކަތް ކުރަމުންނެވެ. އަންނަ މަހު ސްޓްރަކްޗާގެ މަސައްކަތް ފަށާނެއެވެ. މި ޓާމިނަލް އަކީ މިހާރު ބޭނުންކުރާ ސީޕްލޭން ޓާމިނަލް އާ އާޅާބަލާއިރު ޖާގައިގެ ގޮތުން ތަނަވަސް ތަނަކަށް ވާނެއެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމަށް ހިންގާ އެއް ބިލިއަން ޑޮލަރުގެ ބިޔަ މަޝްރޫގެ އެންމެ ފަހުގެ މަސައްކަތްތައް: ރަންވޭގެ މަސައްކަތް ނިންމާ އަންނަ މަހު ޓެސްޓު ފްލައިޓުތައް ޖައްސާނެ -- ސަން ފޮޓޯ/ އެމްއޭސީއެލް

ރަންވޭ ޕްރޮޖެކްޓުގެ ދަށުން ތަރައްގީކުރާ ފިއުލް ހައިޑްރެންޓް ސިސްޓަމްގެ މަސައްކަތްވެސް ކުރިއަށް އެބަދެއެވެ. ރާއްޖޭގެ އިމްޕޯޓު އެކްސްޕޯޓަށް އެދެވޭ ބަދަލެއް ގެނުވާނެ ކާގޯ ކޮމްޕްލެކްސްގެ މަސައްކަތްވެސް ދަނީ ކުރިއަށެވެ. ރަންވޭއާ ގުޅޭ ދެ އޭޕްރަންއެއްގެ މަސައްކަތްވެސް ރަންވޭގެ މަސައްކަތާއެކު ނިމޭނެއެވެ.

އެއާޕޯޓުން ހިދުމަތް ހޯދާ ފަސިންޖަރުންނަށް ޒަމާނީ ޚީދުމަތްތައް ދިނުމަށް ބޭނުންވާނެ ފަސިންޖާ ޓާމިނަލް އެޅުމުގެ މަސައްކަތް ވެސް ކުރިއަށް އެބަދެއެވެ. މީގެ އިތުރުން ވީއައިޕީ އިންނަށް ޚިދުމަތް ދިނުމަށް ވީއައިޕީ ކޮމްޕްލެކްސް އެއްގެ މަސައްކަތްވެސް ދަނީ ކުރިއަށެވެ. އާ ފަސިންޖަ ޓާމިނަލްގައި 40 ޑިޕާޗާ ގޭޓާއި 38 އިމިގްރޭޝަން ކައުންޓަރު ހުންނާނެއެވެ. ފްލައިޓަށް އަރަން ފަސޭހަވާނެހެން ހައެއިރޯ ބްރިޖު ގާއިމް ކުރާނެއެވެ.

ވީއައިއޭގައި ތަރައްގީކުރާ ވީއައިޕީ ކޮމްޕްލެކްސްގެ ކުރެހުމެއް --- ފޮޓޯ: އެމްއޭސީއެލް

"މި ހުރިހާ މަސައްކަތްތަކެއް ކުރިއަށްދާއިރު މީގެ ކޮލެޓީ އާއި އެޝުއަރެންސް ހޯދުމަށް ދުނިޔޭގެ ވަރަށް ގާބިލް ކުންފުންޏަކާ އެކު ކޮންސަލްޓެންސީ މި ދަނީ. އެއީ ސިންގަޕޫރު ކުންފުންޏެއް. ބޭފުޅުން ހަރަކާތްތެރިވަމުންދާނީ މަސައްކަތް ކުރާއިރު ސައިޓުތަކުގައި ވެސް،" އެމްއޭސީއެލްގެ އެމްޑީ އާދިލް ވިދާޅުވިއެވެ.

ރާއްޖޭގެ އިގްތިސާދަށް ބޮޑު ބަދަލެއް ގެންނާނެ ތަރައްގީގެ މި މަޝްރޫއަކީ ތާރީޚުގައިވެސް ހިންގޭ އެންމެ ބޮޑު އެއް މަޝްރޫއެވެ. ޚާއްސަކޮށް ފަތުރުވެރިކަމަށް ބަރޯސާވެފައިވާ މިރާއްޖޭގެ މައި ދޮރާށިން ދޭ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުވުމަކީ އިގްތިސާދަށް އޮތް ފެހި ސިގްނަލެކެވެ.

comment ކޮމެންޓް