އޭސީ މިލާންގެ ލެޖެންޑް މާލްޑީނީއަށް އެ ކްލަބުގެ ހާއްސަ މަގާމެއް ދީފި

އޭސީ މިލާންގެ ލެޖެންޑް ޕައޮލޯ މާލްޑީނީ ޗެމްޕިއަންސް ލީގުގެ ތަށި އުފުލަނީ. އޭނާއަށް ވަނީ އޭސީ މިލާންގެ ޑިރެކްޓާ އޮފް ސްޓްރެޓެޖިކް ޑިވޮލޮޕްމެންޓުގެ މަގާމް ދީފައި---

އޭސީ މިލާނުގައި މުޅި ކެރިއަރު ހޭދަކޮށް، އެ ކްލަބާ އެކު ގިނަ ކާމިޔާބީތައް ހޯދި ލެޖްންޑު، ޕައޮލޯ މާލްޑީނީއަށް އެ ކްލަބުގެ ޑިރެކްޓާ އޮފް ސްޓްރެޓަޖިކް ޑިވެލޮޕްމެންޓްގެ މަގާމް ދީފި އެވެ.

މިހާރު އުމުރުން 50 އަހަރު ވެފައިވާ މާލްޑީނީ އަކީ އޭސީ މިލާނަށް ކެރިއަރުގައި 902 މެޗު ކުޅެދީ ހަތް ސެރީ އޭ ތަށި ހޯދައިފައިވާ ކުޅުންތެރިއެވެ. މީގެ އިތުރުން އެ ކްލަބާއެކު އޭނާ ވަނީ ފަސް ޗެމްޕިއަންސް ލީގު ތައްޓާއި އެއް ކޮޕާ އިޓާލިއާ ތަށި ހޯދައިފައެވެ.

ޑިރެކްޓާ އޮފް ސްޓްރެޓަޖިކް ޑިވެލޮޕްމެންޓްގެ މަގާމު މާލްޑީނީއަށް ދިނުމާ ބެހޭގޮތުން އޭސީ މިލާންގެ ރައީސް ޕައޮލޯ ސްކަރޯނީ ވިދާޅުވީ މާލްޑީނީ ކުޅުންތެރިއެއްގެ ގޮތުގައި ތަށިތައް ހޯދި މަންޒަރު ފެނުމަކީ އޭނާއަށް ލިބުނު ވަރަށް ބޮޑު ޝަރަފެއް ކަމަށެވެ. އަދި އޭނާއާ އެކު ކްލަބުގައި މަސައްކަތް ކުރަން ތައްޔާރަށް ހުންނެވި ކަމަށް ސަކްރޯނީ ވިދާޅުވިއެވެ.

މާލްޑީނީއަށް ޑިރެކްޓާ އޮފް ސްޓްރެޓަޖިކް ޑިވެލޮޕްމެންޓްގެ މަގާމް ދީފައި މިވަނީ، އޭސީ މިލާނަށް ކުރިން ކުޅުނު، އަދި އެ ކްލަބުގެ ހެޑް ކޯޗްކަން ކޮށްދިން ލިއަނާޑޯ އެ ކްލަބުގެ ޖެނެރަލް މެނޭޖަރުގެ މަގާމަށް ހަމަޖެއްސިތާ ހަފްތާއެއް ފަހުންނެވެ.

މާލްޑީނީ އަކީ ގިނަ ބަޔަކު ގަބޫލު ކުރާ ގޮތުގައި ދުނިޔެ ދުށް އެންމެ ހުނަރުވެރި އެއް ޑިފެންޑަރެވެ. އޭނާ 2009 ވަނަ އަހަރު ކެރިއަރު ނިންމާލުމުގެ ކުރިން އިޓަލީގެ ގައުމީ ޓީމަށް ވެސް 126 މެޗު ކުޅެދީފައިވެ އެވެ.

comment ކޮމެންޓް