އިންޑޮނޭޝިއާގެ ރައީސަށް، ރައީސް ޔާމީން ހަމްދަރުދީގެ މެސެޖެއް ފޮނުވައިފި

‏ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް‏-- ސަން ފޮޓޯ: މުހައްމަދު އަފްރާހު

އިންޑޮނޭޝިއާގެ ބާލީ އަދި ލަމްބާކް ސަރަޙައްދަށް އައި ބާރުގަދަ ބިންހެލުމުގައި، ގިނަ ޢަދަދެއްގެ ބަޔަކު މަރުވުމުން، އެކަމުގެ ހިތާމައިގައި، ‏ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް‏، އިންޑޮނޭޝިއާގެ ރައީސް ޖޯކޯ ވިޑޯޑޯއަށް ހަމްދަރުދީގެ މެސެޖެއް ފޮނުއްވައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖުގައި، ވަނީ ދިވެހި ސަރުކާރާއި ރައްޔިތުންނާއި، ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަ ނަންފުޅުގައި އިންޑޮނޭޝިއާގެ ސަރުކާރަށާއި ރައްޔިތުންނަށް ވަރަށް އިޚްލާޞްތެރިކަމާ އެކު ހަމްދަރުދީ ފޮނުއްވާ ކަމަށް ވިދާޅުވެފަ އެވެ.

އަދި ބިންހެލުމުގައި މަރުވި މީހުންގެ ޢާއިލާތަކަށް ތަޢުޒިޔާ ރައްދުކޮށްދެއްވުމަށް ވެސް ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި އެދިވަޑައިގެންފައިވެ އެވެ.

އިއްޔެ އިންޑޮނޭޝިއާގެ ލަމްބާކް އަދި ބާލީ ސަރަޙައްދަށް އައި ބާރުގަދަ ބިންހެލުމުގައި 82 މީހުން މަރުވެފައިވާ ކަމަށް އެގައުމުގެ އިންޑޮނޭޝިއާގެ ޑިޒާސްޓާ މިޓިގޭޝަން އޭޖެންސީން ވަނީ ބުނެފަ އެވެ.

ޔޫއެސް ޖިއޮލޮޖިކަލް ސާވޭއިން ބުނި ގޮތުގައި އިއްޔެ 6.9 މެގްނިޓިއުޑުގެ ބާރުމިނުގައި އެބިންހެލުން އައީ ބިމުގެ 31 ކިލޯމީޓަރު އަޑިންނެނެވެ.

އެ ބިންހެލުމުގެ ސަބަބުން ސުނާމީއެއް އަރާފާނެ ކަމުގެ އިންޒާރު ދިން ނަމަވެސް ފަހުން އެއިންޒާރު ވަނީ އުވާލައިފަ އެވެ.

comment ކޮމެންޓް