ވެނެޒުއެލާގެ ރައީސް އަވަހާކޮށްލަން ދިން ޙަމަލާއާ ދެކޮޅަށް ތުރުކީން އަޑުއުފުލައިފި

ތުރުކީގެ ރިޔާސީ ތަރްޖަމަން އިބްރަހީމް ގަލިން

އަންކަރާ (އޮގަސްޓް 6) : ވެނެޒުއެލާގެ ރައީސް ނިކޮލަސް މަޑޫރޯއަށް އަމާޒުކޮށް ދިން ހަމަލާއާ ދެކޮޅަށް ތުރުކީން އަޑުއުފުލައި، މަޑޫރޯއަށް ހަމްދަރުދީ ފާޅުކޮށްފިއެވެ.

ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުދުޣާން، ރައީސް މަޑޫރޯއަށް ފޮނުއްވި މެސެޖްގައި ވިދާޅުވީ ބޭރުގެ ފަރާތްތަކުން ވެނެޒުއޭލާއަށް ބިރުދައްކައި، އެގައުމަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅައި، ދާޚިލީ ކަންކަމުގެ ތެރެއަށް ވަނުމަށް ކުރަމުން ގެންދާ މަސައްކަތްތައް ކުށްވެރިކުރާ ކަމަށެވެ.

އުރުދުޣާންގެ އިތުރުން ތުރުކީގެ ރިޔާސީ ތަރްޖަމާން އިބްރާހީމް ގަލިންވެސް ވަނީ މަޑޫރޯ އަވަހާކޮށްލުމަށް ދިން ޙަމަލާ ކުށްވެރިކުރައްވައި މަޑޫރޯއަށް ހަމްދަރުދީ ފާޅުކުރައްވައި ބަޔާނެއް ދެއްވާފައެވެ. އަދި މަޑޫރޯއަކީ ވެނެޒުއެލާގެ ރައްޔިތުން އިންތިޚާބުކޮށްފައިވާ ރައީސެއްކަންވެސް ތުރުކީގެ ރިޔާސީ ތަރްޖަމާން ވަނީ ހަނދާން ކޮށްދެއްވާފައެވެ.

https://sun.mv/109024

ވެނަޒުއޭލާގެ އަސްކަރިއްޔާގެ 81 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ބޭއްވި ހަފްލާގައި އެހަމަލާ ދީފައި ވަނީ ރައީސް ހިތާބެއް ދެއްވަނިކޮށެވެ. އަދި އެ ހާދިސާގެ ވީޑިއޯއިން ބާރުގަދަ ގޮވުމެއްގެ އަޑު ދެ ފަހަރަށް އިވިގެންދެއެވެ.

ވެނަޒުއޭލާގެ ކޮމިއުނިކޭޝަންސް މިނިސްޓަރު ހޮރްހޭ ރޮޑްރިގޭޒް ވިދާޅުވި ގޮތުގައި އެ ހާދިސާގައި ބޮން ހަރުކޮށްފައިވާ ދެ ޑްރޯން ވަނީ ރައީސް ހުންނެވި ސްޓޭޖް ކައިރީގައި ގޮއްވާލާފައެވެ.

މަޑޫރޯގެ ސަރުކާރުން ތުހުމަތު ކުރާ ގޮތުގައި އެ ހަމަލާގެ ފަހަތުގައި ވަނީ އިދިކޮޅު ފަރާތްތަކާއި އަވަށްޓެރި ކޮލޮމްބިއާއެވެ. އަދި އެމެރިކާއިން ވަނީ އެކަމަށް ހިތްވަރުދީފައި ކަމަށްވެސް އެ ސަރުކާރުން ބުންޏެވެ.

ނަމަވެސް ކޮލޮމްބިއާއާއި އެމެރިކާއިން ވަނީ އެ ތުހުމަތުތައް ދޮގުކޮށްފައެވެ.

comment ކޮމެންޓް