ގައުމީ ފުޓުބޯޅަ ޓީމު ގަތަރަށް ފުރައިފި

ރާއްޖޭގެ ގައުމީ ޓީމު ގަތަރަށް ފުރުމުގެ ތެރެއިން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވުމަށް ރާއްޖޭގެ ގައުމީ ފުޓުބޯޅަ ޓީމު ގަތަރަށް ފުރައިފިއެވެ.

އަންނަ ސެޕްޓެމްބަރު ހަތަރަކުން 15އަށް ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގެ ކުރިން ގައުމީ ޓީމު، ގަތަރުގައި ގިނަ ދުވަސްތަކެއް ވަންދެން ކޭމްޕް ކުރާނެއެވެ.

ގައުމީ ޓީމުން މިއަދު ފުރާފައި ވަނީ 27 ކުޅުންތެރިންގެ ސްކޮޑަކާއެކުގައެވެ. އެއީ ފުރަތަމަ އިއުލާން ކުރި 30 ކުޅުންތެރިންގެ ޕްރިލިމިނަރީ ސްކޮޑުން ތިން ކުޅުންތެރިން އުނި ކުރުމަށްފަހުގައެވެ.

ރާއްޖޭގެ ގައުމީ ޓީމު ގަތަރަށް ފުރުމުގެ ތެރެއިން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ސްކޮޑުން އުނިކުރި ތިން ކުޅުންތެރިންނަކީ ޓީސީ ސްޕޯޓްސް ކްލަބުގެ އަބްދުﷲ އައްޒާމްގެ އިތުރުން ކްލަބު އީގަލްސްގެ ގޯލްކީޕަރު މިފްދާދު އަހުމަދު އަދި މާޒިޔާ ސްޕޯޓްސް ކްލަބުގެ މޫސާ ޔާމީން (ޔާންބެ)އެވެ.

ގަތަރުގައި ބާއްވާ ފަރިތަކުރުންތަކަށްފަހު އަދިވެސްް ޓީމުން ހަތަރު ކުޅުންތެރިން ބާކީ ކުރާނެއެވެ. ސާފް ޗެމްޕިއަންޝިޕަށް ބަންގާޅަށް ދާނީ 23 ކުޅުންތެރިންގެ ސްކޮޑެކެވެ.

މުބާރާތަށް ބަންގާޅަށް ދިއުމުގެ ކުރިން ޓީމު ދެން ރާއްޖެ ނާންނާނެއެވެ. ގަތަރުން ސީދާ ބަންގާޅަށްދާ އިރު، އެފްއޭއެމްއިން ބުނެފައި ވަނީ ޓީމުގެ ފަރިތަކުރުންތަކާ ގުޅޭގޮތުން ގަތަރުގެ ފުޓުބޯޅަ ފެޑަރޭޝަނާއެކު މަޝްވަރާތައް ކުރެވިފައިވާ ކަމަށެވެ. އަދި ޓީމަށް އެންމެ އެކަށީގެންވާ ވަސީލަތްތަކާއެކު ފަރިތަކުރުންތައް ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރާނެ ކަމަށާއި، އެކުވެރިކަމުގެ މެޗުތައް ކުޅުމަށް މަސައްކަތް ކުރާ ކަމަށްވެސް އެފްއޭއެމްއިން މައުލޫމާތު ދެއެވެ.

ގަތަރުގައި ކޭމްޕް ކުރުމަށް ކުރިން އޮތީ މުބާރާތް ފެށުމަށް މަދު ދުވަސްކޮޅަކަށް ވެފައި ވަނިކޮށް ނަމަވެސް، މިނިވަން ދުވަހުގެ ހަރަކާތްތަކާ ގުޅިގެން ދަނޑަށް ލިބުނު ގެއްލުންތަކާއެކު ޓީމުގެ ދަތުރު ވަނީ އަވަސްކޮށްފައެވެ. އަދި ގަތަރަށް ދިއުމުގެ ކުރިން ގައުމީ ޓީމުން ވަނީ ޓާފް ދަނޑުގައިވެސް ފަރިތަކުރުންތައް ފަށައިފައެވެ.

ސާފް ސުޒުކީ ކަޕްގެ ނަމުގައި ސެޕްޓެމްބަރު 4-15 އަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މިއަހަރުގެ ސާފް ޗެމްޕިއަންޝިޕް އޮންނާނީ ބަންގާޅުގައެވެ.

މިއަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ހިމެނެނީ ޖުމްލަ ހަތް ޓީމެވެ. ހަތް ޓީމު ދެ ގްރޫޕަކަށް ބަހާލައިގެން މުބާރާތް ގެންދިއުމަށް ހަމަޖެހިފައިވާ އިރު، ރާއްޖެ ހިމެނެނީ މުބާރާތުގެ ގްރޫޕް ބީގައެވެ.

ރާއްޖެއާއެކު ދެން ގްރޫޕްގައި ހިމެނެނީ ލަންކާ އަދި އިންޑިއާއެވެ. އޭގެ ތެރެއިން އިންޑިއާއަކީ ސާފް ޗެމްޕިއަންޝިޕްގައި މިހާތަނަށް އެންމެ ކާމިޔާބު ޓީމެވެ. އެޓީމު ވަނީ ހަތް ފަހަރެއްގެ މަތިން މުބާރާތުގެ ތަށި އުފުލާލައިފައެވެ.

ގްރޫޕް އޭގައި ހިމެނެނީ މުބާރާތް ބާއްވާ ގައުމު، ބަންގްލަދޭޝާއި ނޭޕާލްގެ އިތުރުން ބޫޓާން އަދި ޕާކިސްތާނެވެ.

ރާއްޖޭގެ ގައުމީ ޓީމު ގަތަރަށް ފުރުމުގެ ތެރެއިން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

މިއަދު ޓީމު ފުރި އިރު، ގައުމީ ޓީމަށް ހިތްވަރު ދިނުމަށްޓަކައި އެފްއޭއެމްގެ އިސް ބޭފުޅުންނާއެކު ރާއްޖޭގެ ގައުމީ ޓީމަށް 17 އަހަރު ވަންދެން ކުޅެ، ރިޓަޔާ ކޮށްފައިވާ ގޯލްކީޕަރު އިމްރާން މުހައްމަދު (އިންމަ)ވެސް ބައިވެރިވެފައިވެއެވެ.

comment ކޮމެންޓް