ސައުދީން ކެނެޑާ އެމްބެސެޑަރު ފޮނުވާލައި، ވިޔަފާރީގެ އާ އެއްބަސްވުންތައް ހުއްޓުމަކަށް

އދ. ގެ 72 ވަނަ ޖެނެރަލް އެސެމްބްލީގައި ސައުދީގެ ފޮރިން މިނިސްޓަރު އާދިލް އަލް ޖުބައިރު ވާހަކަދައްކަވަނީ ---

ސައުދީ އަރަބިއްޔާއާއި ކެނެޑާގެ މެދުގައި ބޮޑު ހިޔާލު ތަފާތުވުމެއް އުފެދި، އެ ދެ ގައުމުގެ މެދުގައި ސޮއިކުރުމަށް ތައްޔާރުވަމުން ދިޔަ ވިޔަފާރީގެ އެއްބަސްވުންތަކުގެ މަޝްވަރާތައް ހުއްޓާލަން ނިންމައިފިއެވެ.

ވިޔަފާރީގެ އެއްބަސްވުންތަކުގެ މަޝްވަރާ ހުއްޓާލަން ނިންމީ ސައުދީންނެވެ. އަދި ކެނެޑާއަށް ސައުދީން ކަނޑައަޅާފައި ހުންނަ ސަފީރު ވަނީ އަނބުރާ ގައުމަށް ގެނެސް، ކެނެޑާގެ ފަރާތުން ސައުދީގައި ހުންނަ ސަފީރު އެ ގައުމުން ފޭބުމަށް 24 ގަޑިއިރުގެ މުހުލަތެއް ދީފައެވެ.

ކެނެޑާއާ ދެކޮޅަށް ސައުދީން މިހާ ހަރުކަށި ފިޔަވަޅުތަކެއް އެޅީ، ސައުދީން ހައްޔަރު ކުރި އެކްޓިވިސްޓުންތަކެއް ދޫކޮށްލުމަށް ކެނެޑާގެ ފޮރިން މިނިސްޓްރީން މިދިޔަ ހަފްތާގައި ގޮވާލުމުންނެވެ. ކެނެޑާއިން ވަނީ އެ މީހުން ދޫކޮށްލުމަށާއި، އިންސާނީ ހައްގުތަކަށް އަރައިނުގަތުމަށް ސައުދީއަށް ގޮވާލާފައެވެ.

ސައުދީން ބުނަނީ ކެނެޑާއިން އެ މައްސަލައިގައި ވާހަކަދެއްކީ ވަކި ކޮޅަކަށް ބުރަވެގެން ކަމަށެވެ. އަދި އެ މައްސަލައިގެ ހަގީގަތަށް ވެސް އެ ގައުމުން ނުބަލާކަމަށް ސައުދީގެ ފޮރިން މިނިސްޓްރީން ވަނީ ބުނެފައެވެ.

ވިޔަފާރި އަދި އިންވެސްޓްމަންޓް އެއްބަސްވުންތައް ހުއްޓުމަކަށް ގެންނަ އިރު، އިތުރު ފިޔަވަޅުތައް އަޅަން ޖެހިދާނެކަމުގެ އިންޒާރު ވެސް ސައުދީން ވަނީ ދީފައެވެ.

ކެނެޑާގެ ސަފީރު ސައުދީން ފޭބުމަށް އެ ގައުމުން ދިން 24 ގަޑިއިރު މިއަދުގެ ވަގުތެއްގައި ހަމަވާނެއެވެ. ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި، މިއީ ފަހުގެ ތާރީޚުގައި ސައުދީއާއި ކެނެޑާގެ ގުޅުން އެންމެ ގޯސްވި ފަހަރަށް ވުން ގާތެވެ.

comment ކޮމެންޓް