އިންޑޮނޭޝިއާއަށް އައި ބިންހެލުމުގައި 82 މީހަކު މަރުވެއްޖެ

އިންޑޮނޭޝިއާއަށް ބިންހެލުމުގެ ސަބަބުން ބާލީގެ ހޮސްޕިޓަލެއްގެ ބޭރުގައި ބަލި މީހުންނަށް ފަރުވާ ދެނީ -- ފޮޓޯ: ރޮއިޓާސް

ޖަކާޓާ (އޮގަސްޓު 6): އިންޑޮނޭޝިއާގެ ރަށެއް ކަމަށްވާ ލޮމްބޮކްއަށް އިއްޔެ އައި ބާރުގަދަ ބިންހެލުމުގައި 82 މީހަކު މަރުވެއްޖެ ކަމަށް އޮފިޝަލުން ވިދާޅުވެއްޖެއެވެ.

އިންޑޮނޭޝިއާގެ ޑިޒާސްޓާ މިޓިގޭޝަން އޭޖެންސީން ރޭ ކުރި ޓުވީޓެއްގައިވާ ގޮތުން އެބިންހެލުމުގައި މަރުވި ކަން މިހާތަނަށް އެނގިފައި ވަނީ 82 މީހުންނެވެ. އަދި އެތައް ސަތޭކަ މީހުންނަށް އަނިޔާވެ، އެތައް ހާސް ގެޔަކަށް ގެއްލުންވެފައިވާ ކަމަށް އެޓުވީޓުގައިވެ އެވެ.

ޔޫއެސް ޖިއޮލޮޖިކަލް ސާވޭއިން ބުނި ގޮތުގައި އިއްޔެ 6.9 މެގްނިޓިއުޑުގެ ބާރުމިނުގައި އެބިންހެލުން އައީ ބިމުގެ 31 ކިލޯމީޓަރު އަޑިންނެނެވެ. އަދި އެބިންހެލުމުގެ އަސަރު ލޮމްބޮކް ކައިރީ އޮންނަ ބާލީއަށްވެސް ކުރި އެވެ.

އެ ބިންހެލުމުގެ ސަބަބުން ސުނާމީއެއް އަރާފާނެ ކަމުގެ އިންޒާރު ދިން ނަމަވެސް ފަހުން އެއިންޒާރު ވަނީ އުވާލައިފައެވެ.

އިންޑޮނޭޝިއާއަށް އެ ބިންހެލުން އައީ މީގެ ހަފްތާއެއްހާ ދުވަސް ކުރިން އެގައުމަށް 6.4 މެގްނިޓިއުޑުގެ ބާރުމިނުގައި ބިންހެލުމެއް އައިސް، އޭގެ ސަބަބުން 17 މީހަކު މަރުވި ފަހުންނެވެ.

އިންޑޮނޭޝިއާ އޮންނަނީ އަލިފާން ފަރުބަދަ ގޮވުމާއި، ބިން ހެލުން އައުން ފަދަ ކަންތައްތައް ގިނައިން ހިނގާ "ޕެސިފިކް ރިންގް އޮފް ފަޔާ"ގެ ތެރޭގައި ކަމުން، އެގައުމަށް ވަރަށް ގިނައިން ބިންހެލުން އާދެ އެވެ. (އަލްޖަޒީރާ)

comment ކޮމެންޓް