ގުލް ޕަނާގް ދަރިފުޅުގެ ވާހަކަ ސިއްރު ކުރީ ކީއްވެ؟

ގުލް ޕަނާގް އޭނާގެ އާއިލާ އާ އެކު--

ކުރީގެ ރީތީގެ ރާނީ، ޕައިލެޓް އަދި ބޮލީވުޑް ބަތަލާ ގުލް ޕަނާގް މިވަނީ މީގެ ހަ މަސް ދުވަސް ކުރިން މަންމައަކަށް ވެފައެވެ. ނަމަވެސް މިދިޔަ ހަފްތާ އާއި ޖެހެންދެން ވެސް އެކަން އޮތީ ސިއްރެއްގެ ގޮތުގައެވެ.

މިދިޔަ ހޮނިހިރު ދުވަހު ގުލް ވަނީ ފިރިމީހާ އަދި ދެމީހުންގެ ފުރަތަމަ ދަރިފުޅު، ނިހާލް އާއެކު ނަގައިފައިވާ ފޮޓޯއެއް އިންސްޓަގްރާމް ކޮށްފައެވެ. މިހާރު ސޯޝަލް މީޑިއާގައި އެންމެ ބާރަށް ދެކެވެމުން އަންނަނީ އެ ވާހަކައެވެ.

ފޮޓޯގައި ގުލް އަދި ފިރިމީހާ ރިޝީ އަތާރީ ތިބީ ދެމީހުންގެ ޔުނީފޯމުގައެވެ. އަދި ދަރިފުޅު ވެސް އިނީ ޕައިލެޓް ޔުނީފޯމެއް ކަހަލަ ޓީޝާޓެއް ލައްވައިފަ އެވެ.

ފޮޓޯ އާއެކު ގުލް ބުނެފައި ވަނީ އެންމެންގެ ފަރާތުން ލިބެމުން އަންނަ ލޯތްބާއި ހިތްވަރުގެ ބަސްތަކަށް ޝުކުރު އަދާކުރާ ކަމަށެވެ.

ނަމަވެސް ގިނަ ބަޔަކު އަންނަނީ ދަރިއަކު ލިބުނުކަން ސިއްރު ކުރީ ކީއްވެތޯ ސުވާލު ކުރަމުންނެވެ. އަދި ސޯޝަލް މީޑިއާގެ ޒަމާނުގައި ހަ މަސް ވަންދެން ގުލް އެހާ ބޮޑު ކަމެއް ސިއްރު ކުރި ގޮތެއް ހޯދަން ވެސް ގިނަ ބަޔަކު ތިބީ ބޭނުންވެފައެވެ.

މުމްބާއީ މިރާ ނޫހަށް ދިން އިންޓަވިއުއެއްގައި ގުލް ބުނީ ޕްރައިވެސީ އަކީ އޭނާ އަބަދުވެސް ވަރަށް ބޮޑަށް އިސްކަންދޭ ކަމެއް ކަމަށާއި، މައިންބަފައިންނަށް ވުމަކީ އެ ދެމަފިރިންނަށް ކުރެވުނު ވަރަށް ޚާއްސަ ތަޖުރިބާއެއް ކަމަށެވެ.

އެހެންކަމުން އެ ތަޖުރިބާ މީޑިއާގެ ސަމާލުކަމަށް ގެނެސް، އާމުންނާ ހިއްސާ ކުރަން ބޭނުން ނުވީ ކަމަށެވެ. ދެފަރާތުގެ އާއިލާ އަދި ގާތް އެކުވެރިންނަށް ނިހާލް ލިބުނުކަން އެނގޭނެ ކަމަށާއި، ސޯޝަލް މީޑިއާގައި ވެސް އެއްވެސް ފޮޓޯއެއް ހިއްސާ ނުކުރީ އެހެންވެ ކަމަށެވެ.

ގުލް ބުނީ ކުއްޖަކު ލިބުމުން ދިރިއުޅުމުގެ ބައެއް ކަންކަމަށް ބަދަލު ގެންނަން ޖެހުނަސް، އެއްވެސް ކަމަކަށް ހުރަސް ނޭޅޭ ކަމަށެވެ. އަދި ފިރިމީހާ އާއި ދެމީހުން ބަހާލައިގެން ދަރިފުޅުގެ ހުރިހާ ކަމެއް ކުރާތީ ވަރަށް ބޮޑަށް ފަސޭހަ ކަމަށް ގުލް ބުންޏެވެ.

ގުލް ބުނީ މަންމައަކަށް ވުމަކީ ކޮންމެ އަންހެނަކަށް ވެސް ކުރެވޭނެ ވަރަށް ޚާއްސަ ތަޖުރިބާއެއް ނަމަވެސް، ކުއްޖަކު ހޯދަން ވާނީ ވަރަށް ބޮޑަށް ވިސްނުމަށްފަހު އެކަމަށް ދެމަފިރިން ތައްޔާރުވުމުން ކަމަށެވެ.

އަދި ދަރިއަކު ހޯދަން ވާނީ މުޖުތަމައުއިން އެކަން ކުރަން މަޖުބޫރު ކުރުވުމުން ނޫން ކަމަށާއި، ދަރިފުޅަށް ދޭން ޖެހޭ ލޯތްބާއި އަޅާލުން ދެވޭނެކަން ޔަގީންވުމުން ކަމަށެވެ.

comment ކޮމެންޓް