މިހާރު ކުރިއަށްދަނީ ރަންވޭގެ އެންމެ ފަހުގެ މަސައްކަތްތައް: އެމްއޭސީއެލް

ވީއައިއޭގެ އާ ރަންވެގެ މަސައްކަތް ކުރިއަށްދަނީ ---- ސަން ފޮޓޯ: ފަޔާޒު މޫސާ

ވެލާނާ އިންޓަނެޝަނަލް އެއާޕޯޓުގައި ގާއިމްކުރާ އާ ރަންވޭ އަންނަ އަހަރު ބޭނުންކުރެވޭނެ ކަމަށާއި މިހާރު ކުރިއަށްދަނީ ރަންވޭގެ އެންމެ ފަހުގެ މަސައްކަތްތައް ކަމަށް އެއާޕޯޓު ހިންގާ އެމްއޭސީއެލް އިން ބުނެފިއެވެ.

ރަންވޭ ޕްރޮޖެކްޓަކީ 400 މިލިއަން ޑޮލަރު ހަރަދުވާ ޕްރޮޖެކްޓެކެވެ. މި ޕްރޮޖެކްޓުގެ ދަށުން ރަންވޭގެ މަސައްކަތާއި ފިއުލް ފާމްގެ އިތުރުން ކާގޯ ކޮމްޕްލެކްސްއާއި އޭޕްރަން އަދި ބިންހިއްކުމުގެ މަސައްކަތް ކުރިއަށް ގެންދާނެއެވެ.

"ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އެމްއޭސީއެލްގެ މެނޭޖިންގ ޑިރެކްޓަރު އާދިލް މޫސާ ވިދާޅުވީ އެއާޕޯޓު ރަންވޭގެ މަސައްކަތް މިހާރު ގާތްގަނޑަކަށް ނިންމާލެވިފައިވާކަމަށެވެ.

އެމްއޭސީއެލްގެ އެމްޑީ ސަން އަށް އިންޓަވިއު ދެއްވަނީ --- ސަން ފޮޓޯ

"ރަންވޭ ޕްރޮޖެކްޓުގެ ތެރެއިން އެންމެ ބާރަށް ކުރިއަށްދާ އެއް ކޮމްޕޯނެންޓަކީ ރަންވޭގެ މަސައްކަތް. ރަންވޭގެ މަސައްކަތުގެ އިތުރުން ފިއުލް ފާމާއި ކާގޯގެ މަސައްކަތްވެސް ކުރިއަށް އެބަދޭ،" އާދިލް ވިދާޅުވިއެވެ.

"ރަންވޭގެ މިހާރު ތާރު އެޅުމުގެ މަސައްކަތާއި އެ އަޅަންޖެހޭ ހުރިހާ ލޭޔަރެއްގެ މަސައްކަތް މިހާރު ވަނީ ގާތްގަނޑަކަށް ނިމިފަ. މިހާރު އެ ދަނީ އޭގެ އެންމެ ފަހުގެ މަސައްކަތްތައް. ރަންވޭ މާކިންގެ މަސައްކަތްތަކާ ލައިޓް ހަރުކުރުމުގެ މަސައްކަތްތައް ކުރިއަށް އެބަދޭ،"

އެއާޕޯޓު އާ ރަންވޭގެ މަސައްކަތް ކުރިއަށް ދަނީ --- ފޮޓޯ: އެމްއޭސީއެލް

އާދިލް ވިދާޅުވީ، އަމާޒަކީ މި މަސް ނިމުމުގެ ކުރިން ރަންވޭގެ އަމަލީ މަސައްކަތް ނިންމައި، އަންނަ މަހުގެ ކުރީކޮޅު ޓެސްޓު ފްލައިޓު ޖެއްސުން ކަމަށެވެ.

"ރަންވޭ ބޭނުން ކުރަން ފެށުމުގެ ކުރިން އެބަޖެހޭ ވަރަށް ގިނަ ކަންތައްތަކެއް ކުރަން. ފުރަތަމަ ކަމަކަށް އިކާއޯ ގައިޑްލައިން އާ އެއްގޮތަށް އެތަނަނަށް އަދި ފްލައިޓް ކޮލަބްރޭޝަންގެ ކަންތައް ކުރަން އެބަޖެހޭ. އެއާ ގުޅޭ ނެވިގޭޝަނަލް ޓެސްޓުތައް ކުރަން އެބަޖެހޭ. އެއާ ގުޅިގެން އެބަ އާދޭވަރަށް ގިނަ މަސައްކަތްތައް. އާންމު ގޮތެއްގައި އިންޓަނޭޝަނަލް އެއާޕޯޓެއްގައި މިވަރު ރަންވޭއެއް ނިންމާފައި ތިންމަސް ވަރު ނަގާނެ ހުރިހާޓެސްޓު ތަކާ ފްލައިޓް ކޮލަބްރޭޝަންއާ ހުރިހާ ކަމަކަށް. އެކަންތައް ނިމުމަށްފަހު ރަންވޭ ދާއިމީކޮށް ބޭނުން ކުރަން ފެށޭނީ،" އާދިލް ވިދާޅުވިއެވެ.

އާ ރަންވޭ އާއެކު ވީއައިއޭގެ އޮޕަރޭޝަނަށް ފަސޭހަތަކެއް އަންނާނެ ކަމަށް އާދިލް ވިދާޅުވިއެވެ.

"މިހާރު މި އޮންނަނީ ސިންގަލް ރަންވޭއެއް، އޮންނަ އިރު މަތީގައި ފްލައިޓް ލޭންޑު ނުކުރެވުމާ، ގްރައުންޑުގައި އޮންނަ ފްލައިޓު ހޯލްޑު ކުރުމާ މިފަދަ އިންކޮންވީނިއަންސް ތައް އެބަ ދިމާވޭ."

އާދިލް ވިދާޅުވީ އާ ރަންވޭ ނިމުމާއެކު މިހާރު ބޭނުން ކުރާ ރަންވޭ ޓެކްސީ ވޭ އަކަށް ބަދަލުކޮށް ފްލައިޓުން ފަސިންޖަރުން ފޭބުމުގައި ދިމާވާ ލަސްތަކަށް ހައްލެއް އަންނާނެ ކަމަށެވެ.

ރަންވޭ ޕްރޮޖެކްޓުގައި ހިމެނޭ ހުރިހާ ކޮމްޕޯނެންޓެއް އަންނަ އަހަރު ނިންމައި އެތަން ބޭނުން ކުރެވޭނެވަރު ވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އާ ރަންވޭއަކީ 3.4 ކިލޯ މީޓަރު ދިގު، އަދި 60 މީޓަރު ފުޅާ ރަންވޭއެކެވެ. މިއީ ދުނިޔޭގައި ބޭނުންކުރާ އެންމެ ބޮޑެތި A380 ވައިޑް ބޮޑީ އެއާކްރާފްޓުތަކަށް އެއްވެސް ދަތިކަމެއް ނެތި ޖެއްސޭނެހެން ތަރައްގީކުރާ ރަންވޭއެކެވެ. ރަންވޭ އެޅުމުގެ މަސައްކަތް ކުރަނީ ޗައިނާގެ ބެއިޖިންގް އާބަން ކޮންސްޓްރަކްޝަން ގްރޫޕު (ބީޔޫސީޖީ) ންނެވެ.

comment ކޮމެންޓް