މުސާރަ ނުދީގެން އަލިދޫ ރިސޯޓުގެ މުވައްޒަފުން ހަޅުތާލު ފަށައިފި

އޯގަސްޓް މަހުގެ މުސާރަ ނުލިބިގެން ހއ. އަލިދޫ ރިސޯޓުގެ މުވައްޒަފުންތަކެއް މުޒާހަރާ ކުރަމުން އެބަދެ އެވެ.

ސަން އަށް މައުލޫމާތު ދެމުން ނަންހާމަ ނުކުރުމަށް އެދި މުޒާހަރާގައި ބައިވެރިވާ މުވައްޒަފަކު ބުނީ އެ ރިސޯޓުގެ އެއްވެސް މުވައްޒަފަކަށް އޯގަސްޓް މަހުގެ މުސާރަ ނުލިބޭ ކަމަށާއި އަދި މިއަދު 11:30 އެހާކަންހާއިރުން ފެށިގެން އޯފް ޑިއުޓީގައި ތިބި 50 ހަކަށް މުވައްޒަފުން ބޯޑުތައް ހިފައިގެން ނުކުމެ މުޒާހަރާ ކުރަމުންދާ ކަމަށެވެ.

މަޝްހޫރު ވިޔަފާރިވެރިޔާ އަދި އެމްޑީޕީގެ ފަންޑް ރެއިޒިން ކޮމެޓީގެ ޗެއާމަން އަބްދުﷲ ޖާބިރުގެ އަލިދޫ ރިސޯޓުގެ މުޒާހަރާގައި ބައިވެރިވާ މުވައްޒަފު ބުނީ މުސާރަ ނުދީ ލަސްވަނީ ކީއްވެގެންކަން މެނޭޖްމަންޓަށް ބުނެދެވިފައި ނުވާ ކަމަށެވެ. އޭނާ އަދި ބުނީ މުވައްޒަފުންނަށް މުސާރަ ދެވޭނެ ދުވަސް މެނޭޖުމަންޓުން ބުނެދިނުމުން ހަޅުތާލު ހުއްޓައިލާނެ ކަމަށެވެ.

އަލިދޫގައި ހަޅުތާލު ކުރާ މީހުންގެ ތެރެއިން ވާހަކަ ދެއްކި ބައެއް މީހުން ބުނީ ޖޫން މަހުގެ މުސާރަ ވެސް ލިބުނީ ހަޅުތާލުކޮށްގެން ކަމަށާއި އެފަހަރު 12 މުވައްޒަފަކު ވަޒީފާއިން ވަކިވެސް ކުރި ކަމަށެވެ.

"އެފަހަރު ވަޒީފާއިން ވަކި ކުރީ ޑިއުޓީއަށް ނުނުކުމެގެން ކަމަށް ބުނެ. އެހެންވެ މިފަހަރު މުޒާހަރާ ކުރަނީ އޯފްޑިއުޓީގައި ތިބި ކުދިން. އެކަމަކު މިހާރު ވެސް ބައެއް މުވައްޒަފުންނަށް ވަޒީފާއިން ކަނޑާލާނެ ކަމުގެ އިންޒާރު ދީފައި ވަނީ،" ހަޅުތާލުގައި ބައިވެރިވާ މީހަކު ބުންޏެވެ.

އަލިދޫ މެނޭޖްމަންޓުގެ އިސް ބޭފުޅަކު ވިދާޅުވީ އެ ރިސޯޓުގައި މުޒާހަރާ ކުރާކަން އެނގިވަޑައިގެންފައި ނުވާ ކަމަށެވެ. އަދި ވިދާޅުވީ މުވައްޒަފުންނަށް މިދިޔަ މަހުގެ މުސާރަ ދެވިފައިނުވަނީ އިދާރީ ގޮތުން ހަމަޖައްސަން ޖެހޭ ބައެއްކަންކަން ހަމަނުޖެހޭތީ ކަމަށެވެ. ނަމަވެސް މުސާރަ ދޭނެ ދުވަހެއް ވިދާޅެއް ނުވެއެވެ.

މިދިޔަ ޖޫން މަހު ޖޭ ރިސޯޓުގައި ކުރި މުޒާހަރާ އާ ގުޅިގެން 12 މުވައްޒަފަކު ވަޒީފާ އިން ވަކިކުރީ ކުންފުންޏަށް ދިމާވި ދައްޗެއްގައި މުސާރަ ނުލިބިގެން ރިސޯޓުގައި މުޒާހަރާ ކުރަން ފެށުމުން ރިސޯޓަށް ގެއްލުންވެ އެ މުވައްޒިފުންނާ މެދު އިތުބާރު ގެއްލުމުން ކަމަށް އެ ރިސޯޓުން އެފަހަރު ވަނީ ބުނެފަ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު