ވެނަޒުއޭލާގެ ރައީސަށް އަމާޒުކޮށް ހަމަލާއެއް ދީފި

ޑްރޯން ގޮވުމުން ސިފައިން ބުލެޓްޕްރޫފް ޝީލްޑް ބޭނުންކުރަނީ -- ފޮޓޯ: ޒިންހުއާ

ކަރާކަސް (އޮގަސްޓު 5): ވެނަޒުއޭލާގެ ރައީސް ނިކޮލަސް މަޑޫރޯއަށް އަމާޒުކޮށް އިއްޔެ ދިން ބޮމުގެ ހަމަލާއަކުން އޭނާ ސަލާމަތްވެވަޑައިގެންފިއެވެ.

އެހާދިސާ ހިނގީ ވެނަޒުއޭލާގެ އަސްކަރިއްޔާގެ 81 ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން އިއްޔެ ބޭއްވި ހަފްލާއެއްގައި ރައީސް މަޑޫރޯ ހިތާބެއް ދެއްވަން ފެއްޓެވި ފަހުންނެވެ.

ވެނަޒުއޭލާގެ ކޮމިއުނިކޭޝަންސް މިނިސްޓަރު ވިދާޅުވި ގޮތުގައި އެހާދިސާގައި ބޮން ހަރުކޮށްފައިވާ ދެ ޑްރޯން ވަނީ ރައީސް ހުންނެވި ސްޓޭޖާ ކައިރީގައި ގޮއްވާލާފައެވެ.

އަދި މަޑޫރޯ ފަހުން ވިދާޅުވި ގޮތުގައި، ސްޓޭޖް ކައިރީ އެއްޗެއް ގޮވުމުން އެނާއަށް ފުރަތަމަ ގަބޫލު ކުރެވުނީ އެއީ ބަޑިބޭހުގެ އަޑު ކަމަށެވެ. ނަމަވެސް އޭގެ ފަހުން ދެވަނަ ފަހަރަށްވެސް އެއްޗެއް ގޮއްވާލި އަޑު އިވުނެވެ.

މަޑޫރޯ ތުހުމަތު ކުރައްވާ ގޮތުގައި އެހަމަލާގެ ފަހަތުގައި ވަނީ އެގައުމުގެ ކަނާތު ފިޔައިގެ މީހުންނާއި އަވަށްޓެރި ކޮލަމްބިއާއެވެ. އަދި އެހަމަލާ ދިނުމަށް އެމެރިކާއިން ހިތްވަރު ދިން ކަމަށްވެސް މަޑޫރޯ ވިދާޅުވިއެވެ.

ކޮލަމްބިއާގެ ސަރުކާރުން ވަނީ އެއީ އެއްވެސް ބުރަދަނެއް ނެތް ތުހުމަތުތަކެއް ކަމަށް ބުނެ އެތުހުމަތުތައް ދޮގުކޮށްފައެވެ.

އިއްޔެގެ ހަމަލާގައި ހަތް ސިފައިންނަށް އަނިޔާވި ކަމަށާއި ހަމަލާއާ ގުޅުން ހުރި މީހުން ހައްޔަރު ކުރަމުންދާ ކަމަށް ވެނެޒުއޭލާގެ ކަމާ ބެހޭ ފަރާތްތަކުން ބުންޏެވެ. (ބީބީސީ)

comment ކޮމެންޓް