ޕްރިޔަންކާގެ "ކުއަންޓިކޯ" ދަތުރު ނިމުމަކަށް!

ބަތަލާ ޕްރިޔަންކާ ޗޯޕްރާ ލީޑު ރޯލުން ފެނިގެންދާ ހޮލީވުޑްގެ މަޝްހޫރު ޓީވީ ސީރީޒް "ކުއެންޓިކޯ" އަށް އޭނާ އަލްވަދާއު ކިޔައިފިއެވެ.

މިހާރު ދައްކަމުން އަންނަނީ ސީރީޒްގެ ތިންވަނަ ސީޒަނެވެ. އަދި އެއީ "ކުއަންޓިކޯ"ގައި އޭނާ ފެނިގެންދާނެ އެންމެ ފަހު ސީޒަން ކަމަށް ވެސް ޕްރިޔަންކާ ވަނީ ބުނެފައެވެ.

ޕްރިޔަންކާ ކުރި ޓުވީޓެއްގައި ބުނެފައި ވަނީ މިހާރު ދައްކަމުން އަންނަ ސީޒަން ނިމުމާއެކު އޭނާ އަދާކުރަމުން އަންނަ "އެލެކްސް ޕެރިޝް"ގެ ކެރެކްޓާ ނިމުމަކަށް އަންނާނެ ކަމަށެވެ.

އަދި އެއީ ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ވެސް ވަރަށް ޗެލެންޖިން ރޯލެއް ކަމަށާއި، ސީޒަން ނިމޭއިރު އެލެކްސް ޕެރިޝްގެ ވާހަކަ ހާމަވެގެންދާނެ ކަމަށެވެ.

"އަދި އެންމެ މުހިންމު ކަމަކަށް އަހަރެން އުންމީދު ކުރަން އެ ކެރެކްޓާގެ ސަބަބުން ކުޑަކޮށް ނަމަވެސް، ކަޅު އަންހެނުންނަށް ލީޑު ރޯލުތަކުން ފުރުސަތު ލިބޭނެ ދޮރެއް ހުޅުވައި ދެވުނު ކަމަށް،" ޕްރިޔަންކާ ބުންޏެވެ.

މީގެ ހަތަރު އަހަރު ކުރިން ޕްރިމިއާ ކުރި "ކުއަންޓިކޯ" އަކީ ޕްރިޔަންކާ ހޮލީވުޑަށް ތައާރަފުކޮށް، މުޅި ދުނިޔޭގެ ސަމާލުކަން އޭނާއަށް ލިބުނު ޝޯ އެވެ.

ޕްރިޔަންކާ ވަނީ ޝޯ އާ ވަކިވާން ޖެހުމުން ދެރަވާ ކަމަށާއި، ނަމަވެސް އެންމެންގެ ފަރާތުން ލިބުނު ލޯތްބަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރާ ކަމަށް ބުނެފައެވެ.

comment ކޮމެންޓް