ތަފާތު ލޯތްބެއް (27)

"ޒޯއީ މިގެއަށް ގެންނަންތަ؟ "

"ފޯ ވަޓް؟ " ކެމީލާގެ މޫނުމަތިން އެއްވެސް ޝުއޫރެއް ނުފެނެއެވެ. މަތިމަރުވެފައިވާ އަންހެންކުއްޖެކޭ މިހާރު ތަފާތެއް ނުހުރެއެވެ. ގިނަފަހަރު އިންނަނީ މާޔޫސްވެ ގެއްލިފައެވެ. އެސްފިޔަތަކުގެ ފުރަގަހުގައި ފިލާ ހުންނަ ކަރުނަތައް ކޮންމެ އިރަކުވެސް ފައިބައިގަންނާނެފަދައެވެ. ނާޔަލް ކެމީލާގެ ދަތްދޮޅީގައި ހިފާ އިސްއުފުލުވައިލިއެވެ. އޭނަގެ ދެލޮލަށް ބަލަން މަޖުބޫރުކުރުވިއެވެ. އެވަގުތު ނާޔަލްގެ މޫނުމަތިން ފެނުނީ ސީރިޔަސްކަމުގެ އިންތިހާއެވެ. އެތޫނު ދެލޮލުގައިވަނީ ފިރިހެނުންވެސް ޖެހިލުންވާ ފަދަ ގޮތެކެވެ.

"ތިވެގެން އުޅޭގޮތެއް ބުނެބަލަ. އޭރުން އަހަންނަށް އެހީއެއް ވެވޭނީވެސް. އަހަރެން އަތް ލީމަ ކަމުނުދަނީތަ؟ ކައިޒާންއާއިއެކު ސިއްރު ގުޅުން ހިންގަން ދޯ ބޭނުމީ. އޭނަ ކުރިމަތީ ބުރުގާ އަޅައިގެނެއްވެސް ނުވޭ. އަހަރެން ހުރީމަ ފޮތިބޮނޑިއަކަށްވެފައި. ވެގެން އުޅޭގޮތެއް ނޭގިގެނެއް ނޫޅެން. ހޫމް އަދި ބުނެބަލަ. މި ބޮލުގައި ފަހާފައި ހުރީ ކިހިނެއްވީ ތަނެއް. ކާކު ހޮސްޕިޓަލަށް ގެންދިޔައީ؟ އަހަންނަށް ނުވެސް އެނގި މިގޭތެރޭ ހާދަ ކަމެއް އެބަ ހިންގާލާ......" ނާޔަލް ތަނބަށް ލެނގިލައިގެން ހުއްޓި ބަލަން ހުރީ ބުމަ ގޮށްޖަހާލައިގެންނެވެ.

"ވެއްޓިފައި ބޯ ފެޅުނީ. ކައިޒާން ހުރީމަ....ހީ ހެލްޕްޑްމީ..." ކެމީލާ ނަތާލީގެ ވާހަކަ ކިޔައިދޭން ބޭނުންވިޔަސް މަންމައާއި ފިރިހެންދަރިއާއި ދޭތެރޭ މައްސަލަޖައްސަން ވާހަކަދައްކަންވީ ކީއްވެހެއްޔެވެ؟ ކައިޒާން އެދުވަހު ނައިނަމަ އޭނަގެ މަންމަގެ އަތުން މަރުވާނެއެވެ. ނާޔަލްއަށް ފެންނާނީ އޭނަގެ ފުރާނަނެތް މަސްގަނޑެވެ. ނުބައި ނިޔަތެއްގައި ނާޔަލްގެ މަންމަ ނޯޔާ ފޯނުން އެފޮޓޯ ފޮނުވިކަން އެނގޭނަމަ ނާޔަލްގެ ހިތް މަންމައާއިމެދު ނުސާފުވާނެކަން ގައިމެވެ.

"ބުރުގާވެސް ނާޅާ ހުރެ އިންވައިޓްކުރީ؟" ނާޔަލްގެ ހިތުގައި ފޫހިކަމެއް އުފެދުނެވެ.

ނޯޔާއަށް އެ މަންޒަރު ފެނިފާ ސިއްރުން ފޮޓޯ ނަގާފައި އޭނައަށް ފޮނުވާނީ ނޯޔާވެސް ކެމީލާދެކެ ހާދަ ގަދަޔަށް ރުޅިއައީމައެވެ. ތިމާގެ ގާތް އެކުވެރިޔާ އުޅުނުގޮތް ބޭބެއަށް ހާމަކުރަން އުދަގޫވީމަ އެއޮތީ ފޮޓޯއަކުން މެސެޖެއްދީފައެވެ. ނޯޔާއަށް އެކަން ފަސޭހަކަމަކަށް ނުވެސް ވާނެއެވެ. އެއީ ދޭތެރެ ޖައްސާކަހަލަ ކުއްޖެއްނޫނެވެ. އެދެމީހުން ގުޅުވަން އެންމެ ބޭނުންވި އެކަކީ ނޯޔާއެވެ.

ކެމީލާގެ ހިމޭންކަން ނާޔަލްއަށް މާނަކުރެވުނީ އެކަމަށް އެއްބަސްވުންކަމަށެވެ. އެންމެ ރަގަޅެވެ. ނާޔަލް ބޭނުންވިކަންތައް އޭނައަށް ވެއްޖެއެވެ. އެ ނާޒުކް ރީތި ފިނިފެންމަލެއްފަދަ އަންހެންކުއްޖާ މިލްކަކަށް ހެދިއްޖެއެވެ. މަލުގެ ފޮނިކޮޅު ބޯލުމަށްފަހު މާބުރުވެސް ދެންދަނީ އެހެން މަލަކާއި ދިމާލަށް ނޫން ހެއްޔެވެ. ކެމީލާ ހީކުރީ އޭނަ އާދޭސްކުރަމުން ފަހަތުން ދުވާނެކަމަށް ހެއްޔެވެ. އޭނައަށް މިފަދަ ކިތަންމެ ކެމީލާއެއް ލިބިދާނެއެވެ. ނޫނެކޭ ބުނެފައިވެސް އެންމެފަހުން އޭނަގެ ތަންމަތި ފަޅުފިލުވައިދޭން ނުޖެހޭހެއްޔެވެ. އޭނަގެ ބޭނުން ފުދިއްޖެއެވެ. ދެން ކައިޒާންއާއިއެކު އުޅޭނެ ގޮތަކަށް އުޅެން ދިޔައީމަ ވީ ނޫންހެއްޔެވެ. ނަމަވެސް ކައިޒާންއަށް އެވަރުގެ ލަނޑެއްދޭން ވާނެހެއްޔެވެ. ކައިޒާންއަށްވެސް ލިބެންޖެހޭނީ އާ ކުއްޖެކެވެ. ރުޅިގަދަވީވަރުން ނަފުސް ކޮންޓްރޯލްކުރަން ނާޔަލް ހޭންފެށިއެވެ.

"އަހަރެން ޔޫޒްކޮށްފައިވާ އެއްޗެއް ކައިޒާން އަށް ދޭ ހިތެއް ނުވެސް ވޭ. ކޮންމެގޮތެއްވިޔަސް މިހާރު ނުވާނެ ދޯ އަންޓަޗްޑް އިނޮސެންޓް ގާލްއަކަށް. ބްރޯކެން ޓޯއި އެއް އަހަރެން ހިތްފުރޭވަރުކޮށްލާފައި ދިނަސް ކައި ގަބޫލުކުރާނެހެނެއް ހިޔެއްނުވޭ. ކައިވެސް ބާ އެއްޗެއް ބޭނުމެއްނުވޭ. އޭނަވެސް ފައިޓްކުރާނީ އާ އެއްޗެހި ހޯދަން. އޭނަވެސް ރިޗް ވީމަ ވާނީ އެހެން ދޯ. އަހަރެންވެސް މިހާރު އެހާ އިންޓެރެސްޓެއްނެތް. ކުޅެފައި ޓޯއިތައް އެއްލާލާފައި އާ އެއްޗެއް ގަންނަން ޖެހޭނީ................" ނާޔަލް އެހުރިހާ ވާހަކަތައް ދެއްކިއިރު ކެމީލާ އެހާ ދެރައެއްނުވެއެވެ. ނާޔަލް ބޭނުމިއްޔާ އަވަހަށް ވަރިކޮށްފައި ފޮނުވާލަން ވީ ނޫންހެއްޔެވެ. ސިއްރުން އިންތިޒާރުކުރެވެނީ އެފަދަ ދުވަހަކަށެވެ.

"އައި .........ޔޫ. އެއީ އަހަރެން ކުރަން އުޅުނުކަމަކީ. އެކަން ކޮށްފައެއްނު އެއޮތީ. ދެން ކިތަންމެ މާބުރެއް ތިރިކުރިޔަސް ތި މަލުގައި ފޮނިކޮޅެއްނެތް. އެންމެކުރިން އެ ޝަރަފު ހޯދި މިހަކަށް އަހަރެން ނޫން މީހެއް ނުވާނެ........... " ނާޔަލް އެންމެ ކުރިން ބުނެލި ޖުމްލައިން ކެމީލާ ހަމަ ސިހިފައި ދެލޯ ބޮޑުވެ ޝޮކަކަށް ދިޔައެވެ. ތިމާގެ އަންހެނުންނާއި ދިމާލަށް ކައިވެނީގެ މާތް ގުޅުމެއް އެހާ ހަޑި ބަހަކުން ބުނާނީ ނާޔަލްގެ ހިތުގައި ލޯބީގެ ކުނޑިފުކެއް ވެސް ނެތީމައެވެ. އެ ލަފުޒު ބޭނުންކުރަން ޖެހޭނީ ޒޯއީ ކަހަލަ އަންހެނުންނާއި ދިމާލަށް ނޫންހެއްޔެވެ. އަދި ދިވެހި ބަހުން މަލާއި މާބުރުގެ ވާހަކަ ދެއްކުމުން ކެމީލާއަށްވެސް އެއްޗެއް ވިސްނޭނެ ނޫންހެއްޔެވެ. އޭނައަކީ ކުޑަކުއްޖެއް ނޫނެވެ. ނާޔަލް އޭނައަށް މަލާމާތްކޮށްލީއެވެ. އެ ޖުމްލަތަކުން ހީވީ ކެމީލާ ވަރަށް ދަށްކޮށްލިހެންނެވެ. ހިތުގައި ކޫރުން އެޅުނެވެ. ލޮލުންދިލަ ނަގަންފެށިއެވެ.

"ހައު ޑެއަރ ޔޫ........." ކެމީލާގެ ދެލޮލުން ކަރުނައިގެ މުތީތައް ފެނުނެވެ.

"ހޫމް ދެން ހަމަ ވަރަށް މާތް ކުއްޖެއް ދޯ. ބުރުގާ އަޅާފައި ނަމާދުކުރިޔަސް އަދި ސެއިންޓަކަށްނުވާނެ އިނގޭ ކްރައި ބޭބީ. ތީ ކުރަން އެނގޭ ކަމަކީ. ރުޔަސް އެކަމާ އުދަގޫވާނެ މީހެއް މިތާ ނެތް............" ނާޔަލް އިތުރު އެއްޗެއް ނުބުނެ ކޮޓަރިއަށް ވަނެވެ. ފާރުގައި ބޯ ޖައްސައިލިގޮތަށް ދެލޯ މަރާލައިގެން ހުރިއިރު ކެމިލާއާއި ދިމާލަށް ބުނެވުނީ ބުނެގެން ނުވާނެ ބަސްތަކެއްކަން ވިސްނުނެވެ. އޭނަ ހެދި މުޅިން ތެދެއްނޫނެވެ. އޭނަ ހިތް ފުރޭވަރެއް އަދިވެސް ނުވެއެވެ. ދުވަހަކު ވާނެކަމެއްވެސް ނޭގެއެވެ. އެހެން އެއްވެސް އަންހެންކުއްޖެއްގެ ފަރާތުން އެހާ ބޮޑު ހިތްހަމަޖެހުމެއް އޭނައަށް ލިބިފައެއްނެތެވެ. އެހެން ކުއްޖަކު އެހާ ޚާއްސައެއްވެސް ނުވެއެވެ. ކެމިލާ ބޭނުންކޮށްފައި އެއްލައިލާ ވަރަށްވުރެ ޚާއްސައެވެ. މިހާރު ކެމީލާއާއި އެކު ދެވިފައިވާ ހިސާބުން ދެން ދޫކޮށްލާކަށް އޭނައަކަށް ފަސޭހައެއްވެސް ނޫނެވެ. ނަމަވެސް ކެމީލާ ކައިޒާން އެގެއަށް ދައުވަތުދީގެން ގެނެސް އެ ބަހައްޓާ ގާތްކަމާއި އެއޮތް ގުޅުމެއް އެނގުމުން އޭނައަށް އެގޮތަށް ވާހަކަ ދެއްކުނީއެވެ.

ނާޔާލް ރުޅި ފިނިވާނީ އެންމެ ގޮތަކުންނެވެ. އޭނަ ނުކުމެގެން އައިސް ކެމިލާގެ އަތުގައި ހިފައިލިއެވެ. އަދި ބުނެލި ޖުމްލައިން ކެމީލާގެ ދެލޮލުން ރުޅީގެ އަސަރުތައް ފައުޅުވިއެވެ. އެދޭ ކަމެއްވިއްޔާ ރީއްޗަށް ބުނެވިދާނެ ނޫންހެއްޔެވެ. ނަމަވެސް ނާޔަލްގެ މިހިރަ އަޚުލާގެއްވެސް މީހަކު ހައިރާންކޮށްލާނެއެވެ. މިފަހަރުވެސް ކެމިލާ ރުޅި އަރުވައިލަން އޭނަ ބޭނުންކުރީ ހަމަ އެ ދަށް ބަހުރުވައެވެ. އެމެރިކާމީހުން ވާހަކަދައްކާއިރު އާއްމުކޮށް ކިޔާ އުޅޭ ލަފުޒަކަށްވިޔަސް އެ ބަސް އިވުމުން ބޮލުގައި މީހަކު މަރުތޭލަކުން ޖަހާހެން ކެމީލާއަށް ހީވެއެވެ. އޭނައަށް ލިބުނު ޝޮކުން ނާޔަލް އެތެރެ އެތެރެއިން ހީލިއެވެ.

" ރޫޑް އެންޑް އޮފެންސިވް ލަފުޒު ނުކިޔަސް ވެދާނެ..." ކެމީލާ ތުން ފިތާލިއެވެ.

"އަހަރެން މިއީ ތިހާ މާތް މީހެއްނޫނޭ. ކްރައިބޭބީހެން ބޭރުފުށް އޮމާންކޮށްލައިގެން ތަ ހުންނަންވީ؟" ނާޔަލް އެއް ބުމަ އަރުވައިލިއެވެ. ކެމީލާ ހިމޭންވިއެވެ. ނާޔަލްއާއި ޖަދަލުކުރުމުގެ މާނައެއްނެތެވެ. ނަތާލީ ބުނާހެން ނާޔަލް ބޭނުންގޮތަކަށް ކުޅެން ހުރި ޖާރިޔާއެކޭ އޭނަ ތަފާތެއްނެތެވެ. އެއްވެސް އޯގާތެރިކަމެއް އެ ވާހަކަތަކުގައިވެސް ނުވެއެވެ. ނާޔަލް ވާހަކަދައްކަނީ ލޯބިވާ މީހަކާއި ވާހަކަދައްކާނެ ބަހުރުވައަކުންނެއް ނޫނެވެ.

ނާޔަލް ކާކޮޓަރިއަށް ވަންއިރު ކެމީލާ ހުރީ ކަބަޑުގައިވާ ދަޅުތަކުގެ ބޭރުކިޔާށެވެ. ހަލާލު ނުޖަހާ ހުރި އެއްޗެއް ކައްކަން ބޭނުމެއް ނުކުރާނެއެވެ. އެކިފުޅިތަކާއި ދަޅުތައް ޗެކްކުރަމުންގޮސް ނަޓްމެގް ޖަހާފައި ހުރި ކުޑަ ދަޅެއް ނެގިއެވެ.

"ސިމްޕްލީ އޯގޭނިކް ގްރައުންޑް ނަޓްމެގް...." ކެމީލާ އެ ދަޅަށް ބަލަން ހުރެ މަޑުމަޑުން ކިޔައިލިއެވެ. ނަޓްމެގަށް ކިޔާ ދިވެހި ނަމަކީ ތަކޫވަކެވެ. އެއީ ދިވެހި ބޭސްހަދަން ބޭނުންކުރާ ފައިދާ ހުރި އެއްޗެކެވެ. ގިނައިން ބޭނުންކޮށްފިއްޔާ މަރުވުމުގެ ފުރުސަތު އެހާ ބޮޑެވެ. ކުއްލިއަކަށް ނާޔަލް ފަހަތުން އައިގޮތަށް އޭނަގެ އަތާއި އެކު ދަޅުގައި ހިފެހެއްޓިއެވެ. ދެންމެ ފެންވަރާލައިގެން އައުމުން ތާޒާ މީރުވަހެއް އެތަނުގައި ހިފައިލިއެވެ. ނާޔަލް ދެން ކެމީލާއާއި ހަތަރުކަޅިހަމަކޮށްލުމުން ކަޅު ބޯ އެސްފިޔަތައް ފާހަގަވިއެވެ. އެ ތޫނު ނަޒަރުން ކެމީލާއަށް ދުރު ބަލައެއްވެސް ނުލެވުނެވެ. ވެމްޕަޔަރެއްގެ ލޮލަށް ބެލުމުންވެސް ވާނީ އެކަހަލަގޮތެއް ނޫންހެއްޔެވެ. ބިރާއި ހާސްކަމުގެ ސަބަބުން ކެމީލާގެ ހަށިގަނޑު ފިނިކަމުން ގަނޑުފެނަށް ހަދާލައިފިއެވެ. ނާޔަލް ކޮށްފާނެކަމެއް ނޭގޭތީ ހަމަ ބިރުގަންނަނީއެވެ.

"ތިއުޅެނީ އަމިއްލައަށް މަރުވާންތަ؟ " ނާޔަލް ސުވާލުކުރިއެވެ. ކެމީލާ ހައިރާންވެފައި ދެލޯ ބޮޑުކޮށްލިއެވެ. ނާޔަލް މޮޔަވީހެއްޔެވެ. ކައްކަން ބޭނުންކުރާ ހަވާދުގެ ބާވަތަކުން މީހަކު މަރުވެދާނެހެއްޔެވެ.

"އެނގޭތަ މިވެސް ސައިކޯ އެކްޓިވް ޑްރަގެއްކަން؟ ޕޭރެންޓަކަށް ވި ދުވަހަކުން ކުދިން އަތުގައި ނުޖެހޭ ހިސާބުގައި ބަހައްޓަންވާނީ. ސަބަބަކީ މީގައި މައިންޑް އޯލްޓަރިން މާއްދާއެއްކަމަށްވާ މައިރިސްޓިސިން ހުރޭ. އެހެންވެ ކާއެއްޗެހީގައި ކުޑަ ކުޑަ އެތިކޮޅެއް ބޭނުންކޮށްލަންވާނީ. މެދުމިނުންވެސް ހެލުސިނޭޓްވާނެ. މި މާގިނައިން ޔޫޒްކޮށްފިއްޔާ ސައިކޯސިސްވެސް ވުމާއި މަރުވުމުގެ ރިސްކު ވަރަށް ބޮޑު. ހައި ވާންވެގެން މި ބޭނުންކުރުން ވަރަށް ނުރައްކާތެރި. ޑްރަގުތަކަށްވުރެވެސް މާ ބިރުބޮޑު. އެނީވެސް އެހެނޭ ކިޔާފައި ހަރާމް އެއްޗެކޭ ނުބުނައްޗޭ. ރާ ވެސް މޭބިސްކަދުރުން ހަދައޭ ކިޔާފައި މޭބިސްކަދުރު ހަރާމް ނުވާނެއްނު. ސްޓިލް ޔޫ ވިލް އާސްކް ފްރޮމް އެ ސްކޯލާ؟" ނާޔަލް ސުވާލުކުރިއެވެ.

"ދޮންނުވާ މުލްބެރީ ގިނައިން ކެޔަސް ހެލުސިނޭޓްވޭ. އަދި ސްޓާބަކްސް ޓޯލް ކޮފީއަކާއި ރެޑްބުލްއެއްކަހަލަ އެއްޗެއް އެއްފަހަރާ ބޯލިޔަސް ތިކުއްޖާ އޮންނާނީ މަރުވެފައި. އީވެން ވަން ސިޕް އޮފް ސްކޮޗްވެސް ދޯ..." ނާޔަލް އެއް ލޯމަރައިލިއެވެ. ކެމީލާ ވަކި އެއްޗެކޭ ނުބުނެ ތަރުކާރީ ކޮށަންފެށިއެވެ. ނާޔަލް ގޮނޑިއެއްގައި އިށީދެ ކޭއެފްސީ ކުކުޅު ފަޔެއް ނަގައިގެން ކާންފެށިއެވެ. އިރުއިރުކޮޅާ ކެޔަސް ނާޔަލް ފަލަވާގޮތެއްނުވެއެވެ.

"ކުރީދުވަހު ބުނީމެއްނު ޒޯއީ ގެންނަނީ ކީއްކުރަންހެއްޔޭ. އަހަރެން ޒޯއީ ގެނައީމަ ޖޭވަނީތަ؟ " ނާޔަލް ހީލާފައި އަހައިލިއެވެ. ކެމީލާގެ މަޑުމައިތިރިކަމާއި ބަސްމަދުކަން އަދި ހިތާމަވެރިކަން ނާޔަލް ފޫހިކުރުވައެވެ.

"ޖޭވަނީއެއްނޫން. އޭނައާއިއެކު ސްލީޕްކުރަންޏާ ކައިވެނިކުރަންވީނު. އައި ޑޯންޓް މައިންޑް. ހެޔޮ ހަތަރު އަނބިން ގެނަޔަސް........" ކެމީލާ މަޑުމަޑުން ބުނެލުމުން ނާޔަލް ހޭންފެށިއެވެ.

"ވޯ.......ވަޓް އެ ސްވީޓް އައިޑިއާ. އާ ޔޫ ޝުއާ ޔޫ ވޯންޓް މައިންޑް؟ " ނާޔަލް އެއް ބުމަ އަރުވައިލިއެވެ. " އިމޭޖިން ކައިޒާންކަހަލަ ޑިސްއޯޑާ އެއް ހުރި އަންހެންކުއްޖެއް. އިފް ޔޫ މެރީ އެ ގާލް ލައިކް ދެޓް ދެން ހަތަރު އަނބިން ބޭނުމެއް ނުވާނެ. ހަތަރު ޕާސެނެލިޓީސް ވިލް ބީ އިނަފް.........."

"އެއީ ޖޯކް ޖަހަންވީކަމެއް ނޫން. ހައު އާ ޔޫ އީވަން އެ ތެރަޕިސްޓް؟ ޑޮކްޓަރެއްގެ ގޮތުގައި ހުރެ ނަފްސާނީބަލި މީހުންނަށް ތިގޮތަށް މަލާމާތްކުރަނީ......" ކެމީލާ ހިތްހަމަނުޖެހިފައިވާ ރާގެއްގައި ބުނެލިއިރު ހިތުގައި ރިއްސާލައިފިއެވެ. ކައިޒާންގެ ވާހަކަދެއްކީ ހަމަ ކެމީލާގެ ހިތަށް ތަދުކުރުވާށެވެ. އެކަން ނާޔަލްއަށް ވެއްޖެއެވެ. ކައިޒާންގެ ނަން އިވުމުންވެސް ހިތަށް ހާދަ ގޮތްގޮތް ވެއްޖެއެވެ.

"ކައިޒާންއަކީ އަހަރެންގެ ކޮއްކޮއެއް. އެހެންވެ ކައިޒާންގެ ވާހަކަ އެގޮތަށް ދެއްކީ. ޖޯކު ޖެހުމުގެ ނިޔަތުގައެއް ނޫން. އެއީ ނަފްސާނީ ބައްޔަކަށްވިޔަސް ވަރަށް މަދުން ނޫނީ މީހުންނަށް ދިމާވާ ކަމެއްވެސް ނޫން. އައިމް ޖެލަސް އޮފް ހިމް...އެކަހަލަ ބައްޔެއް ހުރިނަމަ ކެމީލާ އަހަންނާއި ހެދި އުޅޭނަންތަ؟ އަންފޯޗުނޭޓްލީ އައިމް ނޮޓް ސިކް އޯލް ހެލްދީ ދޯ..........." ނާޔަލް ސުވާލުކުރިއެވެ.

"އެހެންވެ ތިގޮތަށް ބިރެއްނެތި އުޅެނީ؟" ކެމީލާ ގަސްތުގައި ނާޔަލް ރުޅިއަރުވާލާ ހިތްވިއެވެ. ނަމަވެސް ނާޔަލް އެ ސުވާލު އިވުނުކަމަކަށްވެސް ނެހެދިއެވެ.

"އީޓް......" އޭނަ ކައިކައި ހުރި ކުކުޅު ފައި ކެމީލާގެ އަނގަޔަށް ކޮށްޕާލައިފިއެވެ.

އެކަހަލަ ކޮންމެވެސް ޖެއްސުމެއް ކޮށްނުލާ އޭނައަކަށް ނުހުރެވޭނެއެވެ.

ކެމީލާ ސޯސްގަނޑު ހަދަންފެށުމުން ނާޔާލް ކައިރީގައި ހުއްޓުނެވެ. އިނގިލިން ރަހަ ބަލައިލިއެވެ. ބައެއްދުވަހު އޭނަ ކެމީލާއާއި އެހީވިޔަސް މިއަދު މޫޑެއްނެތެވެ. ކެމީލާ މަސައްކަތްކުރާތަން ފެނުމުން ކޮންމެވެސް ވަރަކަށް އުދަގޫވެސްވިއެވެ. ގޭގައި ކައްކާ ސާފުކުރާނެ މީހެއް ހުރުމުގެ މުހިއްމުކަން ވިސްނުނެވެ. ނަމަވެސް ކެމީލާ ކެއްކުމުން ނޫނީ ހިތްހަމަޖެހިގެން ކާލެވޭވަރެއްނުވެއެވެ. ކޭއެފްސީ ތަންތަނުގެ ކުކުޅަށްވުރެ ކެމީލާ ފިހާ ކުކުޅުގެ ރަހަ މާ ރަނގަޅެވެ.

ކެމީލާ ދިވެހިވައްތަރަށް އާޓާފުށުން ރޮށިފިހެލާފައި ކުކުޅު ފައިތައް ފިހެލިއެވެ. ހަވާދުގަނޑު ހަދާލީ އެހާ މީރުކޮށެވެ. ތަރުކާރީ ސެލެޑާއިއެކު ކަޕުޗިނޯ ތައްޔާރުކޮށްލުމަށްފަހު ކާން އަންނަން ނާޔަލްއަށް މެސެޖްކޮށްލިއެވެ. ނާޔަލް އުއްބައްތިތައް ދިއްލާލުމަށްފަހު ކެމީލާގެ މޫނަށް ބަލަން އިނީ ހިނިތުންވެލައިގެން އިނދެއެވެ. އެ ނަޒަރުން ކެމީލާއަށް އުނދަގޫވިއެވެ. ނާޔަލް ކެމީލާގެ އަނގައިގާ މަސްކޮޅެއް ލައްވާދިނެވެ.

"ގިނައިން ކައިބަލަ މިހާރު ބަލިކަށިކަމާއި ނާޒުކްކަމުން ބާރަށް ހިފައިލަންވެސް ބިރުގަނޭ....."ނާޔަލް އިނީ ކެމީލާގެ ލޮލަށް ބަލާށެވެ. ކެމީލާ މިހާވަރަށް ހިތާމަކުރާތީ އޭނައަށް ބައެއްފަހަރު ހާދަ އުދަގޫވެއެވެ. ނަމަވެސް އޭނަ މަސައްކަތްކުރަނީ ކެމީލާ އުފާކޮށްދެވޭތޯއެވެ. މާމައައި ޖޫލްއަށް ޒިޔާރަތްކުރެވޭނެ ގޮތަށް އޭނަ ދުވާލުގެ ވަގުތު ތާވަލްކުރެއެވެ. ތިމާގެ އުފާތައް ފަހަށް ޖައްސާލާފައެވެ. ރޭގަނޑު ނޫނީ އަނބިމީހާއާއި އެކަނިވެލާނެ ފުރުސަތެއް ލިބެނީއެއްނޫނެވެ. އެވަގުތުތަކުގައި ކެމީލާ އިންނަނީ މޫނު ހަދައިގެންނެވެ.

"ބޭނުން ވާހަކައެއް ބުނެލަން...." ކުއްލިއަކަށް ކެމީލާ ބުނެލިއެވެ.

"ޓެލްމީ...." ނާޔަލް ކެއުން ކުރިއަށް ގެންދިޔައެވެ.

"އައި ނީޑް އޯސީ ޕިލްސް....." ކެމީލާ ޖެހިލުންވެފައި ހުރެ ބުނެލި ޖުމްލައިން ނާޔަލް އެއް ބުމަ އުފުލައިލިއެވެ. ކެމީލާ އެވާހަކަ ބުނުމުގެ މަގުސަދަކީ ކޮބާހެއްޔެވެ. އެއީ ނާޔަލް ވިސްނާފައި ނުވެސް ވާކަމެކެވެ. ދޭތެރެދުރުކުރަން ޚިޔާލެއްވެސް ނުކުރެއެވެ. މިކައިވެނީގެ ގޮންޖެހުންތަކާއި މައްސަލަތައް ގިނަކަމުން މާ ގިނަދުވަހު ދެމިގެންދާނެކަމަށްވެސް ހިޔެއްނުކުރެއެވެ. ކެމީލާ އެވާހަކަ ބުނުމުން އެކަމާއި ވިސްނައިލަން މަޖުބޫރުވިއެވެ.

"އަހަރެން ކުއްޖަކު ބޭނުމޭ ބުނެފިއްޔާ؟ " ނާޔަލް ކުރީ ސުވާލެކެވެ.

"ކިޔަވާ ނިމިގެންނޫނީ ދަރިއަކު ނުބެލޭނެ........" ކެމީލާ ހަނދާނަށް އައީ ނަތާލީގެ އިންޒާރުތަކެވެ. އެބިރުވެރި އިންޒާރު ހިތަށް އެރިޔަސް ގައިން ހީބހިނަގައެވެ.

"އެކަމަކު ޖޫލް ގެނައިއްޔާ ހަމަ އުފަލުން ބަލާނަން ދޯ. ކައިޒާންގެ ކިޑްއަކަށްވީމަ؟ " ނާޔަލްގެ ހިނިތުންވުން ފަނޑުވެގެން ދިޔައެވެ.

"އެހެނެއްނޫން.....ޖޫލް އަކީ ބޮޑުކުއްޖެއް..."

"ހޫމް ކެމް. ޕިލްސްކާކަށް އަހަރެން ހުއްދައެއް ނުދޭނަން. ދަރިއަކު ލިބުނަސް އަހަރެމެންނަށް ބެލިދާނެ. ނެނީއިން ގެނެސްގެންވެސް ބެލޭނެ. ގާލްއެއް ލިބިއްޖެއްޔާ ކިޔާނީ ލިލީ ދޯ ބޯއި އެއްވިއްޔާ ލައުން.....އޭރުން ދެމީހުންގެ ނަމާއި ގުޅޭނެ........" ނާޔަލްގެ ވާހަކަތަކުން ކެމީލާ މާޔޫސްވިކަހަލަ ގޮތަކަށް ބަލަހައްޓައިގެން އިދެފައި ކާތަށްޓައް ނަޒަރު ހުއްޓައިލިއެވެ.

ކެމީލާގެ ފޯނު އޮތީ މޭޒުމަތީގައެވެ. ކުއްލިއަކަށް ފޯނު ރިންގުވާން ފެށިއިރަށް ނާޔަލްއާއި ކެމީލާއަށް އެކީގައި ކަހަލަގޮތަކަށް ބަލައިލެވުނެވެ. "ލަވް ކޯލިން" އެރުމުން ނާޔަލްގެ މޫނަށް ވެރިވި ނުރުހުމުގެ ކުލަތައް ކެމިލާއަށް ފެނުނެވެ. ކައިޒާންގެ ނަމްބަރު އޭނަ ސޭވްކޮށްފައިވަނީ "ލަވް" ގެ ނަމުގައެވެ. މީހަކާއި އިނުމަށްފަހު ރުހުނަސް ނުރުހުނަސް ފިރިމީހާއަށް އިހިތިރާމް ކުރަން އެނަން ބަދަލުކުރަން ޖެހޭނެއެވެ. ނަމަވެސް އެފަދަ ކަމެއްކުރާނެ ހިތްވަރެއްވެސް ނެތީއެވެ.

ނާޔަލްވެސް ރުޅިމަޑެއް ނޫނެވެ. ކުއްލިއަކަށް ތަށި އެއްފަރާތްކޮށްލާފައި ހަރުކޮށް ހިނގާފައި ނުކުމެގެން ދިޔުމުން ކެމީލާ ކުޑަކޮށް އެނބުރި ބަލައިލިއެވެ. ނާޔަލް މިކަމާއި ނުރުހެންވީ ކިއްވެހެއްޔެވެ. އެދެމީހުންގެ ދޭތެރެއަށް ވަން މީހަކީ ނާޔަލްއެވެ. ނާޔަލް ގަދަކަމުން އޭނަ ފޭރިގަތީއެވެ. ނާޔަލްވެސް ހަގީގަތް ގަބޫލުކުރާށެވެ. ހަސަދަވެރިވިޔަސް ބޮޑުވަރެވެ. ނާޔަލް ކައިޒާން އާއި ހަސަދަވެރިވަނީއޭ ހިތަށް އެރުމުން ކެމީލާއަށް މަޖާކަމަކަށްވިއެވެ. ނާޔަލް އޭނައާއިހެދި ނޫޅޭއިރުވެސް ހަސަދަވެރިވާވަރު ދެކެ ބަލާށެވެ. ތިމާގެ އަޚާއަށް މޮޅުކަމެއް ވުން ނޭދެނީ ނޫންހެއްޔެވެ. އަޖައިބެކެވެ. ކިތަންމެ ރުޅިއަޔަސް އޭނަގެ ހިތް އޭނައަކަށްވެސް އަނބުރައެއް ނުލެވޭނެއެވެ. އޭނަގެ ޖިސްމު މިލްކުކުރިޔަސް ހިތަކީ އަދިވެސް ކައިޒާންގެ ހައްގެކެވެ.

ކެމީލާ އޭނައަށް ވީ ރޮށްޓާއި ކުކުޅުފައިތައް ކައިލީ ގަދަކަމުންނެވެ. އަރުތެރެއިން އެއްޗެއް ދިރުވަން އޭނައަށްވެސް ފަސޭހައެއްނޫނެވެ. ކައިޒާން ގުޅި ސަބަބެއް ބަލަންވެސް ބޭނުމެވެ. ގުޅަންވެސް ބޭނުންވިއެވެ. ނަމަވެސް އޭނަ ފޯނު އެއްފަރާތުގައި ބާއްވާފައި ސިންކުކައިރިއަށް ދިޔަގޮތަށް ރޮވެންފެށިއެވެ. ހިތަށް ތަދުވަނި ހާދަ ބޮޑަށެވެ. އުމުރު ހުސްވާނީ މިގޮތަށް ރޮއިރޮއި ހުރެހެއްޔެވެ.

ނާޔަލް ރަލުގައި އަތްނުލާން ނިންމައިގެން ހުއްޓަސް އެފަދަ ހިތާމައެއް ކުރިމަތިވުމުން ހިތާމައިގެ ބައިވެރިޔަކަށްވީ ރަލެވެ. ސްކޮޗް ބޯންފެށުމުން ސިކުނޑިން ނުތަވަސްކަންފިލިއެވެ. ހަށިގަނޑު ހޫނުވެލިއެވެ. އަމިއްލަ ނަފުސް ކޮންޓްރޯލް ކުރެވޭވަރަށް ބުއިމަށްފަހު ކޮޓަރިއަށް ވަންއިރު ކެމީލާ ފާޚާނާއިން ނުކުމެގެން އަންނަނީއެވެ. ނިދަންލާ ކެހެރި ޕިޖާމާއާއިއެކު ޝޯލް އަޅާލައިގެން ހުރިއިރު ރަތްއަލީގައި އެދޮންމޫނު އަލިފާންގަނޑެއްފަދައެވެ. ތުންފަތްވެސް ލޭކޮޅެއްފަދައިން ވިދަ ވިދާ ހުއްޓެވެ.

"ތިއައީ ކައިޒާންއަށް ގުޅާފައި ދޯ. ކޮންކަމެއް ދެމީހުން ކުރީ. ބުނޭ....ކީއްކުރީ ކައިޒާންއާއިއެކު........." ނާޔަލް ހަރުކަށިކޮށް ވާހަކަދެއްކިއެވެ. އޭނަގެ ހަނދާނަށް އައީ ކެމީލާ ކައިޒާންގެ ކުރިމަތީގައި ބުރުގާ ނާޅާ ހުރި ފޮޓޯއެވެ. ކެމީލާގެ ހިމޭންކަން ޖަވާބަކަށް ފުދުނެވެ.

ކެމީލާ ގެނެސް ގަޔާ ފިތާލުމާއިއެކު ހޫނު ނޭވާތައް އޭނަގެ މޫނަށް އެޅުނެވެ. ރަލުގެ ވަސް ނޭފަތުގައި ޖެހި ކެމީލާ ބިރުން ނާޔަލްގެ މޭގައި އަތް އަޅާ ކޮށްޕާލަން އުޅުނެވެ. ރާ ބޮއިގެން ހުރެ ނާޔަލް ކޮންމެފަދަ ކަމެއްވެސް ކޮށްފާނެއެވެ. އޭނަ މަސައްކަތްކުރީ ސަލާމަތްވާށެވެ. ނަމަވެސް ނާޔަލްގެ ބާރުގަދަކަމާއެވެ. ހިލައިގެ ފާރެއް ގުޑުވާލަންވެސް މާ ފަސޭހަވާނެއެވެ. ބޮއިގެން ތިބުމުން އަދި މާ ވަރުގަދަވަނީބާވައެވެ. ނޫނީ ރުޅީގެ ސަބަބުން އޭނަގެ ހުރި ބާރާއި ނުލަފާކަން ކެމީލާއަށް ދައްކާލަނީހެއްޔެވެ. އެދެލޮލުން ހަމްދަރުދީގެ އެއްވެސް ކުލައެއް ނުފެނުނެވެ. ކެމީލާގެ ޝޯލް ދަމައިގަތްގޮތަށް ހޫރައިލިއެވެ. ޕިޖާމާގެ ގޮށްފަތީގައި ހިފާލިގޮތަށް އިރާލައިފިއެވެ. މާބްލް މައްޗަށް ވައްޓައިލުމުން ބޯ ނުޖެހުނީ އޭނަގެ ނަސީބު ރަގަޅުކަމުންނެވެ. ތަދުވީ އަތަށެވެ. ކެމީލާ އަށް ރޮއިގަނެވުނެވެ. ކޮޓަރީގައި ހިފައިލީ ކެމީލާގެ ވޭނީ ރުއިމުގެ އަޑެވެ. އެހީއަކަށް އެދި އޭނަ އާދޭސްކުރިއެވެ. ނަމަވެސް ނާޔަލްއަށް އެއްވެސް އަސަރެއްނުކުރިއެވެ. އޭނަގެ ބޮލަށް ޝައިތާނާ އަރާފައި އިންފަދައެވެ. މިރޭ ކެމީލާއަށް ފެނުނީ އޭނަގެ ކަޅު ފަރާތެވެ. ހިތުގައި ކުޑަ ކުޑަ ކުލުނެއް އޮތްނަމަ އެ ކުލުނެއްވެސް ނެތިގެން ހިނގައްޖެއެވެ. ރާބުއިން ހަރާމްވެފައިވާ ސަބަބަކީއެއީއެވެ. ތިމާގެ ހޭވެރިކަން ނެތި ލޯބިވާ މީހުންނަށް އަނިޔާކުރެވޭތީއެވެ. ނަމަވެސް އެރޭ އޭނަ ހިތަށް އެރިހާ އަނިޔާއެއް ދީފައި ހިތްފުރޭވަރު ވުމުން އެންމެފަހުން އެނދަށް ވެއްޓިގެން ނިދީއެވެ.

ކެމީލާ ހެދުނު ހޭލިއިރު ހަށިގަނޑުގައި ނުރިއްސާ އެންމެ ތަންކޮޅެއްވެސް ނެތެވެ. ބައެއް ތަންތަން ރަތްވެފައެވެ. ދުޅަވެފައެވެ. ގަނޑުފެން އަޅާފައި ތަދުކަނޑުވާ ޒާތުގެ ބޭހެއް ލުމުން ދިލަ ނަގައިގަތެވެ. އަނގަމަތި ފެޅިފައިވާ ތަނުގައި ފިނިފެނުން ބޮނޑިތާންކުރަން އިންއިރު ލޮލުން ހިފެހެއްޓުމެއްނެތި ކަރުނަ ފައިބަމުން ދިޔައެވެ. މި "މޮންސްޓާ" ގެ ފަރާތުން ސަލާމަތްވާނީ ކިހިނެއްހެއްޔެވެ. ކައިޒާން ނަފްސާނީ މައްސަލައެއް ޖެހިފައިވާއިރުވެސް ނާޔަލްހާ ނުލަފާ ކަމެއް ނުދައްކައެވެ. ވާނީވެސް އެހެންނެވެ. ކައިޒާން ލޯބިވާ ފަރާތަކަށް ހާނިއްކައެއް ނުކުރާނެތާއެވެ. ނާޔަލްގެ ހިތުގައިވަނީ އެހެން އެއްޗެކެވެ. އޭނަ ބޭނުމީ ނޫނެކޭ ބުނީތީ ބަދަލު ހިފުމެވެ. އެހިތުގައި ކިރިޔާވެސް ލޯތްބެއްވާނަމަ މިހެނެއް ނެހެދީސްކަން ޔަގީނެވެ. އޭނަ ހާދަ ނަސީބުދެރައެވެ.

ކުއްލިއަކަށް ނާޔަލް ދޮރުމައްޗަށް އެރިއެވެ.

އެދެލޮލުން މިހާރު ފެންނަން އެހެރީ ރުޅިވެރިކަމެއް ނޫނެވެ. ހަމްދަރުދީއާއި އަޅާލުމެވެ. އެހާ އިހާނެތިކޮށް ތިމާގެ އަންހެނުންނާއި ދޭތެރޭ ކަންތައްކުރެވުމުން ކޮންމެ މީހަކަށްވެސް އަސަރުކުރާނެއެވެ. ކެމީލާ އިން ހާލު ފެނި ހިލޭ މީހެއްގެ ހިތަށްވެސް ރަހުމްވަންނާނެއެވެ. ހިލަ ހިތެއްގެ ވެރިޔަކުވެސް މަޑު ހެވާކޮޅެއް ފަދަވާނެއެވެ. ނާޔަލްއަށްވެސް ވީ އެފަދަ ގޮތެކެވެ. ރޭގެ ހާދިސާ ބިރުވެރި ވެމްޕަޔާ ފިލްމެއްގެ މަންޒަރުހެން ލޮލުގެ ކުރިމަތީގައި ނިއުޅެމުންފެށިއެވެ. ހުރިހާ ހަނދާންތަކެއް ސިކުނޑީގެ އެންމެ ފުނުގައި ރައްކާކުރެވިފައިވިއެވެ. އިރުކޮޅެއްވާންދެން ސްތެޗޫއެއްހެން ހިރި ނުލާ ނާޔަލް ބަލަން ހުރީ ބުނާނެ އެއްޗެއްވެސް ނޭގިފައި ކަހަލަގޮތަކަށެވެ. އަމިއްލަ ނަފުސްދެކެ ނުރުހިފައެވެ.

"އާ ޔޫ އޯކޭ؟ " ނާޔަލް ސުވާލުކޮށްލީ ކެމީލާގެ ކުރިމަތީގައި ހުއްޓިލަމުންނެވެ.

"ތިހެން އެހިއިރުވެސް އެނގޭނެއްނު. ހުރިހާ އަނިޔާއެއް ނުކޮށް އެއްފަހަރާ މަރާލިޔަސް މާ ރަގަޅު. އަދި އަހަރެން ބޭނުމެއްނޫން ނާޔަލްގެ ހަމްދަރުދީ....." ކެމީލާ ރޮމުން ވާހަކަދެއްކިއެވެ. އަދި ތެދުވެގެން ދާން އުޅުނެވެ. ނަމަވެސް ނާޔަލް ކެމީލާއަށް ދެވުނަ ނުދީ ހިފެހެއްޓިއެވެ. ގެންގޮސް ގޮނޑީގައި ބައިންދާފައި ފަސްޓްއެއިޑް ބޮކްސް ގެނެސް ހުޅުވައިލިއެވެ. ކެމީލާގެ ނިތްކުރީގައި ހުރި ޒަޚަމް ސާފުކޮށްލުމަށްފަހު ބޭސް އަޅާދިނެވެ. ބެންޑޭޖްކޮށްދިނެވެ. ނާޔަލްގެ ނަޒަރު ކެމީލާގެ މޫނަށް ކިތަންމެ ގިނައިން ހުއްޓުނަސް ކެމީލާ އެންމެ ފަހަރަކުވެސް ނާޔަލްގެ މޫނަށް ބަލައިނުލައެވެ. ނާޔަލް ހެޔޮއެދިގެން އުޅުނަސް މާފެއްވެސް ނުކުރާނެއެވެ.

"ސޮރީ..." ނާޔަލް ތެދުވެ ހިންދެމިލިއެވެ. ކެމީލާ ފާޑަކަށް ބަލާލާފައި ޖަވާބެއް ނުދިނެވެ. އޭނަ ދުވަހަކު މާފެއްނުކުރާނެއެވެ. މަރުވިޔަސް ހިތް ހެވެއް ނުކުރާނެއެވެ. އޭނަ ލައްވާ މާފުކޮށްފީމޭ ބުނުވާކަށް ނާޔަލްއަށް ކުޅަދާނައެއްނޫނެވެ. ހިތަކީ އޭނަގެ ބާރު ފޯރާ އެއްޗެއް ނޫނެވެ. ކިތަންމެ ވަރަކަށް ކައިޒާން މަތިން ހަދާން ނައްތާލަން އުޅުނަސް ހަނދާންވަނީ އޭނައެވެ. އެ ހިތްހެޔޮކަމާއި އޯގާތެރިކަމެވެ.

"އައިމް ސޮރީ ކެމް.....ރިއަލީ ސޮރީ. ވޯންޓް ހާޓް ޔޫ އެގެއިން.. އެވާ.." ނާޔަލް ހިތާހިތުން ވައުދުވިއެވެ.

ނާޔަލް ގޫގުލް ކޮށްލައިގެން ބެލީ ރާގެ ހުކުމްއެވެ. ރާ ހަރާމް ކުރެއްވި ސަބަބެވެ. ހަދީސްތަކާއި ގުރުއާންގެ ވަހީ ބަސްފުޅުތަކެވެ. އެއިން ކޮންމެ އާޔަތަކުން ހިތަށް އެހެން ކަހަލަ އަސަރުތަކެއްކުރުވިއެވެ. ރާ ބޮއިގެން ހަމަހޭވެރިކަން ގެއްލިފައި ތިބުމުން އަތުން ފައިން ގޯސްހެދި ލޯބިވާ މީހެއްގެ ފުރާނަ ދިޔަސް އެމީހަކަށް އެނގުމެއް ނުވާނެއެވެ.

ނާޔަލް އެދިޔަ ބާރުމިނުގައި މިނި ބާ ހުރި ކޮޓަރިއެއް ވަދެ ހުރިހާ ފުޅިތަކެއް ތަޅާލައިފިއެވެ. އޭނަ އަމިއްލަ ނަފުސަށް ވައުދުވީ ދުވަހަކުވެސް ރަލާއި މަސްތުވާ އެއްވެސް އެއްޗަކާއި ކައިރިނުވުމަށެވެ. ބޮލުގައި ރިއްސުމުގެ އެއް ސަބަބަކީ ރާ ބުއިމެވެ. ނޫނީ ބޮލަށް ލިބިފައިވާ އަނިޔާއެއްގެ ސަބަބުން ވެގެން އުޅޭގޮތެއް ހެއްޔެވެ. ދުވަސްކޮށްލާފައިވެސް ބައެއްފަހަރު މައްސަލަޖެހިދާނެއެވެ. އައިސީޕީ މަތިވާކަމުގެ އަލާމާތްތައް ފެންނާން ފެށީ ޖޯން އޭނަގެ ގައިގާ ތަޅައިގަތް ފަހުންނެވެ. ބޮލުގައި ރިއްސާފައި ހޮޑުލެވުމުން ފިޒިޝަންގެ ޚިޔާލު ހޯދާލަން ނިންމިއެވެ. ކެމީލާ މާމަ ކައިރީ ބަހައްޓާފައި އޭނަ އެންމެކުރިން ދިޔައީ އެކުވެރިއެއްގެ ގެއަށް ކެއުމަކަށެވެ. އެތާ ހުއްޓާ ބޮލާއި ލޮލުގައި ރިއްސާފައި ހޮޑުލަވާގޮތްވުމުން ހޮސްޕިޓަލަށް ގޮސް ޑޮކްޓަރަކައި މަޝްވަރާކުރިއެވެ. ނުކުމެގެން އައިއިރު ފެނުނު މަންޒަރަކުން ނާޔަލްގެ މޫނުގެ ކުލަވަރު ބަދަލުވިއެވެ.

ކެމީލާއާއި ޖޯން އެކީގައި ހިނގާލާފައި ގޮސް ލިފްޓަކަށް އެރިތަނެވެ.

"ޑޭމިޓް.....މަށަށް ފެންނަގޮތް ބާ.....އެއީ ޔަގީނުންވެސް ކެމީލާ ދެން ހުރީ ޖޯން. ޖޯން ހެދުން އަޅާގޮތާއި ހިނގާގޮތް ނޯޅޭނެ........" ނާޔަލް ބުމަގޮށްޖަހާލައިގެން ހުރެ ފުންނޭވައެއް ދޫކޮށްލިއެވެ. ކެމީލާގެ ފޯނަށް ގުޅުމުން އެކުއްޖާ ފޯނުނެގީއެއްވެސް ނޫނެވެ. ކައިޒާންގެ ފޯނަށްވެސް ގުޅިއެވެ. އެދެމީހުން އޭނައަށް ސިއްރުން މިކުޅޭ ކުޅިގަނޑު ކޮންމެހެންވެސް ނިމުމަކަށް ގެންނަންޖެހޭނެއެވެ. ކުއްލިއަކަށް ނާޔަލްއަށް ވަގުތު އޮޅޭކަހަލަ ގޮތެއްވިއެވެ. މިއީ ކޮން ގަޑިއެއްހެއްޔެވެ. ނާޔަލް އޭނަގެ އަތުގައިވާ އަގުބޮޑު ގަޑިއަށް ބަލައިލިއެވެ. މަޑުމަޑުން ތުންފަތުގައި ދަތްއަޅައިލިއެވެ.

ނާޔަލް ކެމީލާ ބަލާ ދިޔުމުގެ ކުރިން އޭނަގެ މަންމަގެ ގެއަށް ޒިޔާރަތްކޮށްލީ ނޯޔާގެ ކައިރިން ކޮންމެހެން އޮޅުން ފިލުވަން ޖެހޭކަމެއް އޮތުމުންނެވެ. ނޯޔާ ސްނޯމޭންއެއް ހަދާފައި އޭގެ ބޮލުގައި ރަތްކުލައިގެ ތޮތްޕެއް އަޅުވާފައި ސެލްފީއެއްނެގިއެވެ. ނާޔަލް އެމަންޒަރުތައް ބަލަން އިރުކޮޅަކު ހުރެލާފައި ހިނިތުންވެލިއެވެ. އެގޭގެ ލޯނުގައި ފުނިޖެހިފައިވާ މަޑުމަޑު ސްނޯގެ ތެރެއިން ހިނގާފައި ދިޔައިރު ނާޔަލްގެ ބޫޓު ކޮންމެވެސް ވަރަކަށް ގެނބެމުން ދިޔައެވެ.

"ހޭ ޕަމްޕްކިން.....ތީ ބޯއިފްރެންޑްތަ؟" ނާޔަލް ދިމާކޮށްލުމުން ނޯޔާ ހޭންފެށިއެވެ.

"އޭނައާއި ވައްތަރުތަ؟ ދޮންބެ ރަގަޅަށް ބަލާލާފައި ބުނެބަލަ.............ދޮންބޭ......ކޮބާ މަގޭ ސްވީޓް ސްވީޓް ފަހަރި. މެރީކުރިފަހުން ފަހަރިއާއިއެކު މިގޮތަށް މަޖާކޮށްލާ އުޅޭނެ ޗާންސެއްވެސް ނުލިބޭ. ކުރީ ދުވަހުވެސް ފޫހިވެގެން އުލާ އާއިއެކު ބައިކް ދުއްވާލަން ދިޔައީ. ދޮންބެ ކެމްއަށް ބައިކް ދުއްވަން ދަސްކޮށްދީބަލަ... ޕްލީޒް" ނޯޔާ ސްނޯގަނޑުމަތީ ދެފައި ދަމާލައިގެން އިށީނދެ ކެހެރި އަންގިލައްވާފައި ހުރި އަތުން ސްނޯއާއި ކުޅެންފެށުމުން ނާޔަލް ހަނދާންވީ ކުޑައިރު ނޯޔާ އުޅޭގޮތެވެ. ސްނޯއާއި ކުޅެން ކުޑައިރުވެސް ފޯރި ހުންނަވަރެވެ. އަދިވެސް ނޯޔާގެ ޅަކަމެއްނުފިލައެވެ. އެ މައުސޫމްކަމެވެ.

އުލާ އެހެން ބުނުމުން ކެމީލާ ގޮވައިގެން ބައިސްކަލް ދުއްވާލަންދާ ހިތްވިއެވެ. ނަމަވެސް ކެމީލާއާއިއެކު އެއްވެސް ކަމެއް ލޯބިން އެކީ ކުރެވޭހެއްޔެވެ؟ މަޖުބޫރުކޮށްގެން ބައިސްކަލަށް އެރުވިދާނެއެވެ. ކަމެއް ދަސްކޮށްދެވޭކަށްވެސް ނޯވެއެވެ. ހާދަ ބޯ ހަރުކުއްޖެކެވެ. ކައިވެންޏަށްފަހު އެކުއްޖާގެ މިޒާޖު މުޅިން ބަދަލުވީކަން ނޭގެއެވެ.

"ކުޑަކޮށް ބަލިކޮށް އުޅުނީމަ ނުގެނައީ....."

"މޯނިން ސިކްނެސްތަ؟ ޔޭ.......އައިމް ސޯ ހެޕީ. ވަރަށް ކިއުޓް ބޭބީއެއް ދޮންބެއަށް ލިބޭނީ. އެންމެ ބިއުޓިފުލް ކަޕްލްވިއްޔަ..ކޮއްކޮއެއް ބޭނުން........" ނޯޔާ ފުންމައިގެން އައިސް ނާޔަލްގެ ގައިގާ ބައްދައިގަތީ ފުޅާކޮށް ހީލަމުންނެވެ. ދެލޯވެސް މަރާލައިގެން ހުރެއެވެ.

"ނޯ އާންޓަކަށްވާ ހިތުން ކެތްނުލަވާފައި ހުއްޓަސް އަދި ދޮންބެ ރެޑީއެއްނޫން ބައްޕައަކަށްވާން. އައިމް ސްޓިލް ޔަންގް. އައިވް ގޮޓް އޯލް ދަ ޓައިމް އިން ދަ ވޯލްޑް.........." ނާޔަލްގެ ވާހަކައިން ނޯޔާ ތުންފިތައިލިގޮތުން ހީވީ ހަމަ ރޮއިގެންފާނެހެންނެވެ. ހުރިހާ އުފާތަކެއް އެއްފަހަރާ ވިއްސިވިހައިލިވެގެން ދިޔުމުން މޫނުމަތިން ފެންނާނީ އެކުލަވަރެވެ. އެދެމީހުންގެ ކައިވެނި ކުރެވުނު ދުވަހުން ފެށިގެން އޭނަ ކެތްމަދުވެފައިވަނީ އެ އާއިލާއަށް ތުއްތު ފުރާނައެއް ލިބޭނެ ދުވަހަކަށެވެ. ނާޔަލްގެ ވާހަކަތަކުން މާޔޫސްވި ވަރުން އަނގައިން ބުނާހިތެއްވެސް ނުވިއެވެ.

"ވައި ދަ ލޯންގް ފޭސް ޕަމްޕްކިން؟ ދުނިޔޭގައި ހުރެއްޖެއްޔާ އަދި އެދުވަސް އަންނާނެ. ބާރަ ކޮއްކޮމެންވެސް ހޯދާނީ. ހެޕީ؟" ނާޔަލް ނޯޔާގެ ކޮލުގައި ހިފާ ފިތާލުމުން ނޯޔާ ހިނި އަތުވެއްޖެއެވެ.

އަދި އެއް ވާހަކަ. ނޯ ކުރީ ދުވަހު ފޮނުވީމެއްނު ފޮޓޯއެއް. އެ ދުވަހު ވީގޮތް ކިޔާދީބަލަ........ " ނާޔަލްގެ ސުވާލުން ނޯޔާ ލޮލަށް ގޮތެއް ހަދައިލަމުން ދުރަށް ބަލަންފެށިއެވެ. ނާޔަލް ކައިރީ ހަގީގަތް ކިޔައިދޭން ވީހެއްޔެވެ. އެ ފޮޓޯއަކީ އޭނަގެ މަންމަ އޭނަގެ ފޯނުން ނާޔަލްއަށް ފޮނުވި ފޮޓޯއެކެވެ. މަންމަ ކެމީލާދެކެ ނަފްރަތުކުރާކަމީ އެންމެނަށް އެނގޭ ހަގީގަތެކެވެ.

"ދޮންބެ. އަސްލުވެސް އެކަންވީގޮތެއް ނޭގޭ......." ނޯޔާ ގެ މޫނުމަތިން ހާސްކަން ފެނުނެވެ. އެވަގުތު އާއިލީ ކުދިންކޮޅެއް ގުޅާފައި އައުމަށް އެދުމުން ނޯޔާ އަވަސްވެގަތީ އެކުދިންނާއި ބައްދަލުކުރަން ދާށެވެ.

"ކަމޯން ނޯޔާ. ނޯޔާގެ ފޯނުން ދެން ބީރައްޓެއްސަކު ފޮޓޯ ނަގާފައެއް ނުފޮނުވާނެ ދޯ..." ނާޔަލް އެނބުރި ބަލައިލިއިރު ނޯޔާގެ ހިޔަނިވެސް ފެންނާކަށް ނެތެވެ. އެހާ އަވަސް އަރުވާލާފައި ދުއްވައިގަތީ ފޮޓޯއާއިބެހޭ ގޮތުން ވާހަކަދައްކަން ބޭނުންނުވާތީއެވެ. ނާޔަލް އެ ފޮޓޯ ހުޅުވާލައިގެން ފަރުވާތެރިކަމާއިއެކު ބަލާލުމާއިއެކު ލޮލުގައި އަޅައިގަތީ ސިޑިކައިރީ އެއްފަރާތުގައި ހުންނަ ޑިޒައިނާ ލޯގަނޑެކެވެ. އެލޯގަނޑަށް އަރާފައި ހުރީ އޭނަގެ މަންމަގެ ސޫރައެވެ. ނުސާފުކޮށް ފޮޓޯ ހުރިނަމަވެސް މަންމަކަން ޔަގީންވިއެވެ. ފޮޓޯ ނެގި މީހަކީ މަންމައެވެ. އެދެމީހުން ޑްރާމާ ކުޅުނުއިރު ކެމެރާމަނަކަށް ހުރީ މަންމައެވެ. ނާޔަލްގެ ހިތުގައި އެތައް ސުވާލުތަކެއް އުފެދުނެވެ.

(ނުނިމޭ... )

comment ކޮމެންޓް