ވިޑާލް ބާސާއަށް ސޮއިކުރަނީ

ބަޔާން މިއުނިކްގެ މިޑްފީލްޑަރު އަރުޓޯ ވިޑާލް، ތިން އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ބާސެލޯނާއަށް ސޮއިކުރަން ވަނީ އެއްބަސްވެފައި-- ގެޓީ ފޮޓޯ: ގޯލް

ބަޔާން މިއުނިކްގެ ޗިލީ މިޑްފީލްޑަރު އަރުޓޯ ވިޑާލް، ބާސެލޯނާއަށް ބަދަލުވުމާ މެދު އެ ދެކުލަބުން އެއްބަސްވުމަކަށް އަތުވެއްޖެއެވެ.

ރިޕޯޓުތައް ބުނާގޮތުން، ކުރިން ބޭޔަރ ލެވަކޫސަން އަދި ޔުވެންޓަސްއަށް ކުޅުނު، އުރުން 31 އަހަރުގެ ތަޖްރިބާކާރު މިޑްފީލްޑަރު މިހާރު ދަނީ ބާސާގައި މެޑިކަލް ހަދަމުންނެވެ. އަދި އޭނާ މެޑިކަލްއިން ފާސްވެއްޖެ ނަމަ، ވަރަަށް އަވަހަށް، ތިން އަހަރު ދުވަހުގެ އެއްބަސްވުމުގައި ބާސާއާއެކު ސޮއިކުރާނޭ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ޔުވެންޓަސްއިން 2015 ވަނަ އަހަރު ބަޔާނާ ގުޅުނު ވިދާލް ވަނީ، ވޭތުވެ ދިޔަ ތިން އަހަރުވެސް އެޓީމާއެކު ޖަރުމަނު ލީގު ކާމިޔާބުކޮށްފައެވެ.

ބާސާގެ ކޯޗު އާނެސްޓޯ ވަލްވާޑޭ ބުނީ، ބުންޑެސް ލީގާ އަދި ކޮޕާ އެމެރިކާވެސް ކާމިޔާބުކޮށްފައިވާ ހުނަރުވެރި މިޑްފީލްޑަރު ބާސާއާ ގުޅުމުން އެޓީމުގެ މެދުތެރޭން ތަފާތު ވަރުގަދަ ކުޅުމެއް ފެނިގެންދާނޭ ކަމަށް އުންމީދުކުރާ ކަމަށެވެ.

ވަލްވާޑޭ ވަނީ، އެޓީމުގެ މިޑްފީލްޑަރު، އުމުރުން 25 އަހަރުގެ ރަފިންހާ ކްލަބު ދޫކޮށް ދާންއުޅޭ ވާހަކަތައްވެސް ދޮގުކޮށްފައެވެ. އަދި މިދިޔަ އަހަރު އަނިޔާގެ ސަބަބުން ރަފިންހާއަށް ރަނގަޅަށް ޓީމުގައި ބައިވެރި ނުވެވުނު ކަމުގައި ވިޔަސް މި ސީޒަންގައި އޭނާގެ ފަރާތުން ރަނގަޅު ބައިވެރިވުމެއް ފެންނާނޭ ކަމަށް ކޯޗު ބުންޏެވެ.

comment ކޮމެންޓް