11 ދާއިރާ އަކުން، 17 ކުންފުންޏަކަށް ރަން ލާރި އެވޯޑް ދީފި

ރަން ލާރި އެވޯޑާ ކުންފުންޏަކުން ހަވާލުވަނީ.-- ފޮޓޯ: ފަޔާޒް މޫސާ/ސަން

ޓެކްސް ނެގުމާ ބެހޭ ގާނޫނާއި ގަވާއިދުތަކާ އެއްގޮތަށް މިދިޔަ އަހަރުގެ ތެރޭގައި ގަވާއިދުން ޓެކްސް ދެއްކި 17 ކުންފުންޏަކަށް "ރަން ލާރި އެވޯޑު" ދީފި އެވެ.

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ އަށް ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމަށް ދަރުބާރުގޭގައި މިރޭ ބޭއްވި ޖަލްސާގައި ރަން ލާރި އެވޯޑު ދިނީ 11 ދާއިރާ އަކުންނެވެ.

އޭގެ ތެރޭގައި ބީޕީޓީ ދައްކާ ފަރާތްތަކާއި، ފަތުރުވެރިކަމުގެ ދާއިރާގެ އެކި ވިޔަފާރިތަކުގައި ވިޔަފާރިކުރާ ކުންފުނިތަކާއި ބޮޑެތި އަދި މެދު ފަންތީގެ އިތުރުން ކުދި ވިޔަފާރިތައް ހިމެނެ އެވެ. އަދި ވިތުހޯލްޑިން ޓެކްސް އާއި ބޭންކް ޕްރޮފިޓް ޓެކްސްގެ އިތުރުން ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން އެންމެ ގިނައިން ޓެކްސް ދައްކާފައިވާ ކުންފުނިތައް ހިމެނެ އެވެ.

އެވޯޑު ލިބުނު ކުންފުނިތައް:

އެންމެ ގިނައިން ބީޕީޓީ ދެއްކި ތިން ކުންފުންޏަކީ؛ އުރީދޫ އާއި ޓީއެމްއޭ އަދި މޯލްޑިވްސް އިންފްލައިޓް ކޭޓަރިން ލިމިޓެޑެވެ.

ޓޫރިސްޓު ރިސޯޓުތަކުގެ ތެރެއިން 150 އަށް ވުރެ މަދު އެނދު ހުންނަ ކެޓަގަރީން އެވޯޑް ލިބުނީ ޝެވަލް ބްލޮންކް ރަންދެލި ރިސޯޓަށެވެ. އަދި 150 އާއި 250އާ ދެމެދުގެ ކެޓަގަރީން ފޯ ސީޒަން ލަނޑާގިރާވަރަށް އެވޯޑް ލިބުނު އިރު، 250 އަށް ވުރެ ގިނައިން އެނދު ހުންނަ ރިސޯޓުތަކުގެ ކެޓަގަރީން އެވޯޑް ލިބުނީ ވަން އެޑް އޮންލީ ރީތި ރަށަށެވެ.

ޓްރެވަލް އެޖެންސީގެ ކެޓަގަރީން އެވޯޑް ލިބުނީ ކްރައުން ޓުއާސް ޕްރައިވެޓް ލިމިޓެޑަށެވެ. އެންމެ ގިނައިން ޓެކްސް ދެއްކި ޓޫރިސްޓު ހޮޓެލްގެ އެވޯޑު ހުޅުލޭ އައިލެންޑް ހޮޓެލަށް ލިބުން އިރު އެންމެ ގިނައިން ޓެކްސް ދެއްކި ޓޫރިސްޓު ގެސްޓް ހައުސްގެ އެވޯޑު ލިބުނީ ހުޅުމާލޭގައި ހިންގާ އޯޝަން ގްރޭންޑަށެވެ. އަދި އެންމެ ގިނައިން ޓެކްސް ދެއްކި ޓޫރިސްޓް ވެސެލްގެ އެވޯޑު ލިބުނީ ފޯ ސީޒަންސް އެކްސްޕްލޯރާ ސަފާރީއަށެވެ.

އެކި ފަންތީގެ ވިޔަފާރިތަކުގެ ކެޓަގަރީ އިން ބޮޑެތި ވިޔަފާރިތަކުގެ ތެރެއިން އެންމެ ގިނައިން ޓެކްސް ދެއްކި ކުންފުންޏަކަށް އުރީދޫ ހޮވި، ރަން ލާރި އެވޯޑު ހަވާލު ކުރި އިރު މެދު ފަންތީގެ ވިޔަފާރިތަކުގެ ތެރެއިން އެންމެ ގިނައިން ޓެކްސް ދައްކައިގެން އެ އެވޯޑު ލިބުނީ ޑީ ބްލޫ މެރިން އަށެވެ. ކުދި ވިޔަފާރިތަކުގެ ތެރެއިން އެ އެވޯޑު ހާސިލް ކުރީ ކޮޕިއާ ޕްލަސް ޕްރައިވެޓް ލިމިޓެޑުންނެވެ.

މީގެ އިތުރުން، ވިތު ހޯލްޑިންގްސް ޓެކްސް އެންމެ ގިނައިން ދައްކައިގެން ރީތިރަށަށް އެވޯޑު ލިބުނު އިރު ބޭންކް ޕްރޮފިޓް ޓެކްސް އެންމެ ގިނައިން ދައްކައިގެން އެވޯޑު ހާސިލް ކުރީ ބޭންކް އޮފް މޯލްޑިވްސް އިންނެވެ. އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން އެ އެ އެވޯޑު ހާސިލް ކުރީ ދިރާގުންނެވެ.

ރަން ލާރި އެވޯޑަކީ ކޮންމެ އަހަރަކު ވެސް، ގާނޫނާއި ގަވާއިދުތަކާ އެއްގޮތަށް އެންމެ ގިނައިން ޓެކްސް ދައްކާ ފަރާތްތަކަށް މީރާ އިން ކޮންމެ އަހަރަކު ވެސް ދެމުން އަންނަ އެވޯޑެކެވެ.

comment ކޮމެންޓް