ރިޒްގާމެދު ފިކުރު ބޮޑުނުވޭ، މާތް ﷲ ރިޒްގު ދެއްވާނެ: ޚުތުބާ

ޖޫން 10، 2016: ރޯދަ މަހުގެ ފުރަތަމަ ހުކުރު ނަމާދަށް އިސްލާމީ މަރުކަޒަަށް މީހުން ޖަމާވެފައި. -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރިޒްގާމެދު ފިކުރު ބޮޑުނުކުރުމަށާއި އަދި މާތް ﷲ އެމީހަކަށް ޔަގީނުންވެސް ރިޒްގު ދެއްވާނެ ކަމަށާއި އަދި އެކަމާމެދު މާތް ﷲ އަށް ވަކީލުކުރުމަށް މިއަދުގެ ޚުތުބާގައި ބުނެފިއެވެ.

މިއަދުގެ ޚުތުބާ ބިނާކޮށްފައިވަނީ މާތް ﷲއަށް ވަކީލުކުރުމާއި އަދި އީމާންކަން ހަރުދަނާ ކުރުމުގެ މައްޗަށެވެ. އެގޮތުން ހައްޖާ ގުޅިފައިވާ ކަންކަމުން ލިބޭ ފިލާވަޅުތަކުގެ ތެރެއިން އެންމެ މަތިވެރި ފިލާވަޅަކީ އީމާންކަން ބަލިކަށިވެފައިވާ މިފަދަ ޒަމާނެއްގައި މާތް ﷲއަށް ވަކީލުކުރުމާއި އަދި އީމާންކަން ހަރުދަނާ ކުރުމުގެ ފިލާވަޅުކަމަށް މިއަދުގެ ޚުތުބާގައި ބުނެފައިވެއެވެ.

" މާތް ﷲއަށް ވަކީލުކުރުމަކީ ހުރިހާ ކަމެއްގައި މާތް ﷲއަށް ބަރޯސާކޮށް އިތުބާރުކުރުމެވެ. އަދި އެކަަންތައްތައް ފުއްދަވާ ފަރާތަކީ މާތް ﷲ ކަމާއި ކަންކަން ހާސިލްކޮށްދެއްވަނީވެސް އެކަލާނގެކަން ހިތުން ކަށަވަރުކުރުމެވެ. އަދި އެއީ އެކަންތައްތައް ހޯދައިގަތުމަށް ތިމާ ކުރަން ޖެހޭ މަސައްކަތްތައް ކުރުމާއެކުގައެވެ." މިއަދުގެ ޚުތުބާގައި ބުނެފައިވެއެވެ.

އިބްރާހިމް ގެފާނުގެ، އަނބިކަނބަލުން ހާޖަރުގެފާނާއި އަދި ދަރިކަލުން އިސްމާއިލް ގެފާނު މައްކާގެ ހަނަފަސް ވާދީއަށް ދޫކޮށްލައްވާފައި ވަޑައިގެންނެވި ހާދިސާއަށް އިޝާރާތް ކޮށް، މިއަދުގެ ޚުތުބާގައި ބުނީ އެ ހާދިސާގައި ވެސް މާތް ﷲ އެ ދެމައިންނަށް ދެރަގޮތެއް ނުކުރައްވާނެ ކަަމަށް ގަބޫލުފުޅުކޮށް މާތް ﷲއަށް ވަކީލުކުރެއްވި ކަމަށެވެ. އަދި އެ ދެމެއިންނަށް މާތް ﷲ ޒަމްޒަމް ފެން ނެރެދެެއްވައި އެ ސަރަހައްދު އާބާދު ވުމުން ދޭހަކޮށްދެނީ މާތް ﷲ އެ ދެމައިންނަށް ކަންތައްތައް މަގުފަހިކޮށްދެއްވާނެ ކަމުގެ ފުރިހަަމަ އިތުބާރާއި ޔަގީންކަން އޮތް މިންވަރު ކަމަށްވެސް ޚުތުބާގައި ބުނެފައި ވެެއެވެ.

މިއަދުގެ ޚުތުބާގައި ބުނީ ވަކީލުކުރުމުން މީހާއަށް ހިތްހަމަޖެހުން ލިބޭނެ ކަމަށާއި އަދި އޭނާގެ ދިރިއުޅުމުގެ ހާލަތު ރަނގަޅުވެ އެއްގޮތެއްގައި ދެމި ހުރެވޭ ކަމަށެވެ. އަދި ބުނީ ރިޒްގާމެދު ފިކުރު ބޮޑުނުވެ ރިޒްގް ދެއްވާ ފަރާތަކީ މާތް ﷲކަން ޔަގީން ކުރެވިގެން ދާނެ ކަމަށެވެ.

comment ކޮމެންޓް