10 މަހުގެ މި ތުއްތު ދަރިފުޅުގެ ކިޑްނީއާއި ލިވަރ ބަދަލުކުރަން ޖެހިފައި

އުދައްޔު ދާވޫދް ބިން މުހައްމަދު ސުޖާއު--- ފޮޓޯ/ އާއިލާ

"އެންމެ ފުރަތަމަ ހީކުރީ ދަރިފުޅަށް އާދައިގެ ރޯގާއެއް ޖެހުނީ ކަމަށް. ދަރިފުޅު މާގަދައަށް ކެއްސާތީ ހުޅުމާލެ ހޮސްޕިޓަލަށް ބޭސް ނަގަން ދިޔައީ. އެކަމަކު ބޭބީ ކުޑަވީމަ ނޭސަލް ޑްރޮޕް އެކަނި ދިނީ. އެހެން ބޭހެއް ދޭން ޑޮކްޓަރުން ދެކޮޅު ހެދީ،" އާމިނަތު ނަޝްފާ ހުސައިންގެ ވާހަކަ ފެށީ މިހެންނެވެ.

މުހައްމަދު ޝުޖާއު އާއި އަމިނަތު ނަޝްފާ ހުސައިންގެ ދެވަނަ ދަރިފުޅު، އެންމެ 10 މަހުގެ އުދައްޔު ދާވޫދު ބިން މުހައްމަދު ޝުޖާއު އަށް ވަނީ މަދުން ނޫނީ ނުފެންނަ ބައްޔެއް ކަމަށްވާ ޕްރައިމަރީ ހައިޕައޮގްޒަލުރިއާ ޓައިޕް 1 ތަހައްމަލު ކުރަން ޖެހިފައެވެ.

އޭރު ކެއްސުންގަނޑު މަތަނުވެގެން އަނެއްކާވެސް ހުޅުމާލޭ ހޮސްޕިޓަލަށް ދެއްކި ކަމަށާއި އެފަހަރު ޑަކްޓަރު ދިން ބޭސް ބޭނުންކުރުމުން ކެއްސުން ވަރަށް ބޮޑަށް ރަނގަޅުވި ކަމަށް އުދައްޔުގެ މަންމަ ނަޝްފާ "ސަން ކުލުނު" އަށް ބުންޏެވެ.

"ދަރިފުޅަށް ސިއްހީ މައްސަލަތަކެއް ކުރިމަތިވީ ހަމަ ކުއްލިއަކަށް. އެފަހަރު ކެއްސުން ރަނގަޅުވެ އެކަމަކު އޭގެ ދުވަހެއް ފަހުން އަނެއްކާވެސް އެހެން ކަމަކާ ދިމާވީ. ބޭބީ ކުޑަކަމުނުދާ ކަން އެނގުނީ. ކުޑަކަމު ދިޔުން ވަރަށް މަދުވި،" ނަޝްފާ ބުންޏެވެ.

ވަގުތުން ދަރިފުޅު އޭޑިކޭ ހޮސްޕިޓަލަށް ގެންގޮސް ޓެސްޓުތަކެއް ހެދިކަމަށާއި ޓެސްޓުތަކުގެ ނަތީޖާ ދެއްކީ ދުވަހަކުވެސް އުންމީދުކުރި ގޮތަކަށް ނޫންކަމަށް އޭނާ ބުންޏެވެ.

"ދަރިފުޅުގެ ކްރިއާޓިނިން ވަރަށް މަތިވެފައި ހުރީ. އަލުން ޓެސްޓް ހަދަން ބުނެފީމޭ ޑަކްޓަރުން ބުނީ. ނަތީޖާ ގަބޫލުކުރަން ވަރަށް ދައްޗޭ. ދެން އަނެއްކާ ވެސް ޓެސްޓް ހެދީ. ކިޑްނީ އެއްގޮތަކަށް ވެސް މަސައްކަތް ނުކުރާ ކަމަށް ނަތީޖާ ދެއްކީ. ދެން ހުސްވި ފެބްރުއަރީ 14ގައި ކުޑަކަމުދިޔުން ވެސް އެއްކޮށް ހުއްޓިފައި ހުރީ. އެކަމުގެ ސަބަބުން ބޭބީ ވަރަށް ބޮޑަށް ދުޅަވެސްވި،" ނަޝްފާ ސަން ކުލުނު އަށް ބުންޏެވެ.

އައިސީއޫއަށް ދަރިފުޅު ބަދަލުކުރުމަށްފަހުވެސް ކިޑްނީ މަސައްކަތްކުރޭތޯ ވަރަށް ބޮޑަށް ޑަކްޓަރުން ވެސް މަސައްކަތްކުރި ކަމަށާއި ނަމަވެސް އެކަން ކާމިޔާބުވާ ގޮތެއް ނުވި ކަމަށް ނަޝްފާ ބުންޏެވެ.

ޑަކްޓަރުން ވަގުތުން ބުނީ ޕްރިޓޯނިއަލް ޑައިލެސިސް ހެދުމަށް ކަމަށާއި ނަމަވެސް އެކަމަށް ދަރިފުޅުގެ ބަނޑަށް ލައްވަންޖެހޭ ހޮޅިކޮޅު ލެއްވޭ ޑޮކްޓަރެއް އެވަގުތު ރާއްޖޭގައި ނެތުމުން ރާއްޖެއިން ބޭރަށް ވީހާވެސް އަވަހަށް ދިއުމަށް ލަފާދިން ކަމަށެވެ.

"އެންމެ އަވަހަށް ދެވޭ ގައުމަކަށް ދާށޭ ބުނީ. ބޭބީގެ ފުރާނަ ސަލާމަތްކުރަން ވަގުތު ވަރަށް ކުޑަތަން ވެފައޭ ބުނީ. އޭޑީކޭގެ ޑޮކްޓަރުންނާއި އިސްބޭފުޅުންވެސް މަސައްކަތް ކޮށްދެއްވައިގެން އާސަންދަ ވަރަށް އަވަހަށް ހަމަޖެހި ޖެހިގެން އައި ދުވަހު އިންޑިއާގެ ކިމްސް އަށް އަޅުގަނޑުމެން ދިޔައީ،" ނަޝްފާ ސަން ކުލުނު އަށް މައުލޫމާތު ދެމުން ބުންޏެވެ.

ކިމްސް ހޮސްޕިޓަލުން ސީޓީ ސްކޭން ހެދުމަށްފަހު ޑަކްޓަރުން ބުނީ ކިޑްނީ ވަނީ އަލުން ރަނގަޅުނުކުރެވޭ ވަރަށް ހަލާކުވެފައިވާ ކަމަށް އޭނާ ބުންޏެވެ.

"ބޭބީ ދެން ދިރިއުޅެން ޖެހޭނީ ޑައިލަސިސް ހަދައިގެން،" ޑަކްޓަރުން ބުނި ކަމަށް ނަޝްފާ ބުންޏެވެ.

ނަޝްފާ ބުނީ މަދުން ނޫނީ ނުފެންނަ ޖެނެޓިކް ބައްޔެއް އުދައްޔުއަށް ޖެހިފައިވާ ކަމަށް ޑޮކްޓަރުންނަށް ޝައްކުކުރެވި ބަލި ކަށަވަރު ކުރުމަށް ޖެނެޓިކް ޓެސްޓްތަކެއް ހެދުމަށްޓަކައި ސާމްޕަލްތައް ޖަރުމަނަށް ފޮނުވިކަމަށެވެ.

ފެބްރުއަރީ މަހުގެ 17 ވަނަ ދުވަހު، ޑައިލެސިސް ހެދުމަށްޓަކައި އުދައްޔުގެ ބަނޑަށް އެކަމަށް ހާއްސަ ހޮޅިކޮޅެއް ލައްވާ ޑައިލެސިސް ހަދަން ފެށުނެވެ.

"އައިސީޔޫގައި ކޮންމެ ދުވަހަކު ވެސް 15 ގަޑިއިރާއި 17 ގަޑިއިރާ ދެމެދުގެ ވަގުތަކަށް ޑައިލަސިސް ހަދަމުން ދިޔަ. އަދި ވަރަށް ބައިވަރު ބޭސްތަކެއް ވެސް ބޭބީއަށް ދެމުން ދިޔައީ. ދެން ބޭބީގެ ހާލު ކުޑަކޮށް ރަނގަޅު ވުމުން އައިސޮލޭޝަން ކޮޓަރިއަކަށް ބަދަލު ކުރެވުނު،" ނަޝްފާ ބުންޏެވެ.

އަދި ޑައިލިސިސް ހަދާނެ ގޮތް ނަޝްފާގެ ދެމަފިރިންނަށް ކިޔައިދިނުމަށް ފަހު، ޓްރެއިނާސް ހިތްހަމަޖެހޭ ވަރަށް ދަސްވުމުން ބޭބީ ދުވަސްކޮޅެއް ފަހުން ގެއަށް ދޫކޮށްލިކަމަށް އުދައްޔުގެ މަންމަ ބުންޏެވެ.

"އަމިއްލައަށް ޑައިލެސިސް، ހަފުތާއެއް ވަންދެން ހެދިން. އެއަށް ފަހު ދަރިފުޅުގެ ޓެސްޓްތައް ހެދުމަށް ޑޮކްޓަރަށް ބުނި. އަދި ދަރިފުޅުގެ ޓެސްޓް ހެދުމަށްފަހު ރިޕޯޓްތަށް ބެލުމަށް ފަހު ހިތްހަމަ ޖެހޭ ކަމަށް ބުނެ ދަރިފުޅު ގޮވައިގެން ރާއްޖެ ދިޔުމަށް ހުއްދަދިން،" ނަޝްފާ ބުންޏެވެ.

ދަރިފުޅު ގޮވައިގެން ރާއްޖެ އައި ނަމަވެސް، އޭނާގެ ޑައިލިސިސްއަށް ބޭނުންވާ ފްލުއިޑް ރާއްޖޭން ލިބެން ނެތުމުން ޖެހުނީ އަވަށްޓެރި ސްރީ ލަންކާއަށް ބަދަލުވާށެވެ.

ހީމޯޑައިލިސިސް ފަރުވާ ދަރިފުޅަށް ކޮންމެ ވަގުތަކުވެސް ބޭނުންވެދާނެތީ ދިރިއުޅުން ލަންކާއަށް ބަދަލުކުރީ ކަމަށް ނަޝްފާ ބުންޏެވެ.

"ކިޑްނީ އާއި ލިވާ އެއްކޮށް ބަދަލުކުރަން ޖެހޭ ކަމަށް ޑަކްޓަރު ބުނި،"

ލަންކާ އަށް ދިރިއުޅުން ބަދަލުވެ ދަރިފުޅު ދައްކަމުން ގެންދިޔައީ ކިޑްނީގެ ޑޮކްޓަރަކަށް ކަމަށާއި ލަންކާއަށް ބަދަލުވީ ފަހުން އުދައްޔުގެ ހާލު ބޮޑުވެގެން ފަސް ފަހަރެއްގެ މަތިން އެޑްމިޓް ކުރެވުނު ކަމަށް ނަޝްފާ ސަން ކުލުނަށް ބުންޏެވެ.

"ލަންކާގައި ތިއްބާ އިންޑިއާއިން ހެދި ޖެނެޓިކް ޓެސްޓުތަކުގެ ނަތީޖާ ލިބުނު. ބޭބީގެ ބައްޔަކީ ޕްރައިމަރީ ހައިޕައޮގްޒަލުރިއާ ޓައިޕް 1 އެއް ކިޔާ ވަރަށް މަދުން ނޫނީ ނުފެންނަ ބައްޔެއް. އަދި މިބަލީގައި ކިޑްނީ އެހާ އަވަހަށް ފެއިލް ކޮށްލުން ނުވަތަ ދަރިފުޅު ކުޑައިރު ބަލި އެޑްވާންސްވުން އެއީ މީގެ ކުރިން ފެނިފައިނެތް ކަމެއް ކަމަށް އެތައް ޑޮކްޓަރުންނެއް ބުނި."

އުދައްޔުއަށް ޖެހިފައިވާ ބަލި ކަށަވަރުވުމުން ޑަކްޓަރުން ލަފާ ދެއްވީ ވީ އެންމެ އަވަހަކަށް ކިޑްނީ އަދި ލިވާ ޓްރަންސްޕްލާންޓް ހެދުމަށް ކަމަށް ނަޝްފާ ބުންޏެވެ.

"ފުރަތަމަ ނިންމީ ބޭބީގެ އުމުރުން ދެ އަހަރުވީމަ ޓްރާންސްޕްލާންޓް ހަދަން. އެކަމަކު ޑައިލިސިސްގެ އަސަރު ކުޑަވެ، އެހެން ގުނަވަންތައް ފެއިލްވަމުންދާތީ ޑޮކްޓަރުން ބުނީ ޓްރާންސްޕްލާންޓް އަވަސްކުރަން ޖެހޭ ކަމަށް،" ނަޝްފާ ބުންޏެވެ.

އޭނާ ބުނީ ދަރިފުޅު މިހާރު ދިރިހުންނަކީ ކޮންމެ ދުވަހަކު 19 ގަޑިއިރު ޑައިލަސިސް ހަދައިގެން ކަމަށެވެ.

އުދައްޔުގެ ކަންކަން ބެލެހެއްޓުމަށް މަހެއްގެ މަށްޗަށް 11000 ރުފިޔާ ވަރު ހަރަދުވާ ކަމަށް ނަޝްފާ ބުންޏެވެ.

ޓްރާންސްޕްލާންޓް އޮޕަރޭޝަން ކުރުމަށް ހަމަޖެހިފައިވަނީ ޗެންނާއީގެ ގެލެނީގަލްސް ގްލޯބަލް ހެލްތު ސިޓީ ގައެވެ. ޓްރާންސްޕްލާންޓް އޮޕަރޭޝަންގެ ހަރަދުތައް އާސަންދައިން ހަމަޖައްސައިދީފައި ވީނަމަވެސް ގިނަ ދުވަސްތަކެއް ވަންދެން ރާއްޖެއިން ބޭރުގައި ހޭދަ ކުރަން ޖެހެއެވެ.

"މާދަމާ ޗެންނާއީ އަށް މިފުރަނީ،" އަސަރާއެކު ނަޝްފާ ބުންޏެވެ.

ނަޝްފާ އެދެނީ އޭނާގެ ލޯބިވާ ތުއްތު ދަރިފުޅަށް ތިބޭފުޅުންގެ ދީލަތި އެހީއެއް ދިނުމަށެވެ.

އުދައްޔު ދާވޫދު ބިން އަހްމަދު ސުޖާއު އަށް އެހީތެރިވުމަށް

ފޯނު ނަންބަރު: 7866418 (މުހައްމަދު ސުޖާއު/ އުދައްޔު ބައްޕަ، ސުޖާއުގެ ވައިބާ ނަންބަރު)

ބީއެމްއެލް އެކައުންޓް ނަންބަރު: 7704140918001 (ސުޖާއު އާ ގުޅިފައިވާ އެކައުންޓް ނަންބަރު)

ޑޮލަރު އެކައުންޓް ނަންބަރު: 7704140918002 (ސުޖާއު އާ ގުޅިފައިވާ އެކައުންޓް ނަންބަރު)

ނޯޓް: ސަންގެ މި ސެގްމެންޓްގެ ދަށުން ގެނެސްދޭ ފަރާތްތަކަށް އެހީތެރިވުމުގެ ކަންކަން އެ އާއިލާއާ ގުޅިގެން ކުރިއަށް ގެންދިއުން އެދެމެވެ. ފައިސާގެ އެއްވެސް ކަމެއްގައި ސަން އިން ބައިވެރިއެއް ނުވާނެއެވެ. ސީދާ އާއިލާއަށް އެހީތެރިވެ ދެއްވާށެވެ.

އެހީތެރިކަމަށް އެދޭ ފަރާތްތަކުން ސަން ކުލުނުގައި ބައިވެރިވުމަށް ‎9992747 ނުވަތަ ‎9982747 އަށް ގުޅައިގެން ކުރިއަށް ގެންދެވުން އެދެމެވެ.

comment ކޮމެންޓް