ކުރަން ޖެހެނީ ބޮޑެތި އޮޕަރޭޝަންތަކެއް، އަލްޔާނަށް އެހީތެރިކަމުގެ އަތެއް ދިއްކޮށްލައްވާ

އަލްޔާން ޒައުލް--- ފޮޓޯ/ އާއިލާ

އުފަންވިއިރު މި ތުއްތު މައުސޫމް ހަށިގަނޑުގައި އައިބުތަކެއް ހުއްޓެވެ. އާންމުކޮށް އުފަންވާ އާދައިގެ ކުއްޖަކަށްވުރެ ބޯ ވެސް ބޮޑެވެ. އަތްފައިގެ އިނގިލަތަށް ހުރީ ގުޅިފައެވެ. ބޮލުގެ ނާށިގަނޑު އިނީ އެތެރެއަށް ވަދެފައެވެ. މިއީ ހއ. އިހަވަންދޫ އުމުރުން އެއް އަހަރުގެ އަލްޔާން ޒައުލްގެ ހާލަތެވެ.

އަލްޔާންގެ ބަލިހާލަތާ ގުޅޭގޮތުން "ސަން ކުލުނު" އަށް މައުލޫމާތު ދެމުން އަލްޔާންގެ ބައްޕަ އަހްމަދު ހަމްދޫން ބުނީ އުފަންވުމުގައި ވެސް ދަރިފުޅަކީ ނުކުޅެދުންތެރިކަން ހުންނަ ކުއްޖެއް ކަމަށެވެ.

ހަމްދޫން ބުނީ ބޮލުގެ އޮޕަރޭޝަނެއް މިއަހަރު ތެރޭ ކުރިކަމަށާއި އެ އޮޕަރޭޝަން ﷲގެ އިރާދަފުޅުން ވަރަށް ކާމިޔާބު ކަމަށެވެ. އެ އޮޕަރޭޝަން ކާމިޔާބުވި ނަމަވެސް ދަރިފުޅު ބައިވަރު އޮޕަރޭޝަންތަކެއް އަދި ކުރަން ޖެހޭ ކަމަށެވެ.

"ކޮނޑުވެސް ނުވަދިހަ ޑިގްރީއަށްވުރެ މައްޗަކަށް ނުގެނެވޭ. ނޭފަތުގެ ކަށިގަނޑުވެސް އިންނަނީ އެތެރެއަށް ވަދެފައި،" ހަމްދޫން ކިޔައިދިނެވެ.

އަލްޔާން އަކީ "މަލްޓިޕުލް ކޮންޖެނިޓަލް އެނޯމަލީސް" ހުންނަ ކުއްޖެކެވެ. އެއީ އުފަންވުމުގައި ހުންނަ އައިބުތަކެވެ.

އާދައިގެ އާއިލާ އަކަށް ނިސްބަތްވާ އަލްޔާނަށް ފަރުވާކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވެއެވެ. އަލްޔާންގެ މައިންބަފައިން ކެނޑިނޭޅި ދަރިފުޅަށް ފަރުވާ ދިނުމަށް މަސައްކަތްތަކެއް ކުރެއެވެ. އެތައް ބައެއްގެ ދީލަތި އެހީތެރިކަމާއި އާސަންދަ ލިބުނު ނަމަވެސް އަތުން އެތައް ހޭދައެއް ކުރަންޖެހޭ ކަމަށް ހަމްދޫން ބުންޏެވެ.

ހަމްދޫން ބުނީ އަލްޔާންގެ ބޮޑު އޮޕަރޭޝަނެއް ކަމުގައިވާ އަތްފައިގެ އިނގިލަތައް ދުރުކުރުމަށް ކުރަންޖެހޭ އޮޕަރޭޝަނަށް އަންނަ މަހު އިންޑިއާއަށް ފުރުމަށް ޑަކްޓަރުން ލަފާދީފައިވާ ކަމަށެވެ.

"ކޮންމެ އޮޕަރޭޝަނެއްކޮށްފައި އެބަޖެހޭ ބޭރުގައި މަސްދުވަހަށްވުރެ ގިނަ ދުވަސްވަންދެން މަޑުކުރަން. އަތާ ފައިގެ އޮޕަރޭޝަނަށް ދެ އަހަރު ނަގާ. އެއީ އެކި ސްޓޭޖްތަކަށް ބަހާލައިގެން މި އޮޕަރޭޝަން ކުރެވެން އޮތީ،" އަލްޔާންގެ ބައްޕަ ސަން ކުލުނަށް ބުންޏެވެ.

ކޮނޑުގެ އޮޕަރޭޝަން ވެސް އަތްފައި އޮޕަރޭޝަނަށް ފަހު ކުރުމަށް ހަމަޖެހިފައިވާ ކަމަށާއި ދަރިފުޅުގެ "ޓެސްޓިސް" އެތެރޭގައި އިންނާތީ އެ އޮޕަރޭޝަން ވެސް ކުރަންޖެހޭ ކަމަށް ހަމްދޫން ބުންޏެވެ.

ބޮލުގެ އޮޕަރޭޝަނެއް ކުރިނަމަވެސް އިތުރަށް ސިކުނޑިއަށް ނުރައްކާވާނަމަ ދެވަނަ އޮޕަރޭޝަނަކަށް ވެސް ދާން ޖެހިދާނެ ކަމުގެ ބިރު އަލްޔާނަށް އެބައޮތެވެ.

"ސިކުނޑީގައި ފެންހުރި ކަމަށްވެސް ޑަކްޓަރުން ބުނޭ،"

ހަމްދޫން ބުނީ އާދައިގެ ކުދިންނަށް ވުރެ ހަ މަސް ފަހަތުގައި ދަރިފުޅުގެ ހަރަކާތްތަށް ހުންނަ ކަމަށް ޑަކްޓަރުން ބުނެފައިވާ ކަމަށެވެ.

އަލްޔާންގެ ނޭފަތުގެ ކަށިގަނޑު ފިތިފައި ހުރުމުގެ ސަބަބުން އަބަދުވެސް ހުންނަނީ ރޯގާ ޖެހިފައި ކަމަށާއި އެކަމުގެ ސަބަބުން ދަރިފުޅަށް ރޭގަނޑު ނިދުމަށް ވަރަށް ބޮޑަށް ދަތިވާކަމަށް އޭނާ ބުންޏެވެ.

"ނޭފަތުގެ އޮޕަރޭޝަން ކުރަން ބުނެފައި އޮތީ ދަރިފުޅުގެ އުމުރުން ފަސް އަހަރުވީމަ،"

"އަސްލު ފައިސާގެ ދަތިކަން ކުރިމަތިވަނީ. އެކޮޅަށް ގޮސް ވެސް އެބަޖެހޭ އަތުން ގިނަ ރުފިޔާ ހަރަދުކުރަން. ހުރުމާއި ކެއުން ބުއިމަށް ވެސް ފުދޭ ވަރަކަށް ރުފިޔާ ހަރަދުވޭ. އެކަމަކުވެސް ދަރިފުޅު ރަނގަޅު ކުރަން ބޭނުންވާތީ ކުރިމަތިވާ ގޮންޖެހުމަކަށް ނުބަލައި ކުރިއަށް މިދަނީ،" ހަމްދޫން ބުންޏެވެ.

ބޮޑު ގުރުބާނީތަކެއް ވަމުން އަންނަ އެއާއިލާގެ ހިތްހަމަޖެހުމަކީ ތުއްތު ދަރިފުޅު އަލްޔާން އެވެ. އަވަހަށް އޮޕަރޭޝަންތައް ކުރެވިއްޖެ ނަމަ ރަނގަޅުވާނެ ކަމުގެ ޔަގީންކަން ޑޮކްޓަރުން ދިނުމަކީ އެ އާއިލާގެ ހިތްހަމަޖެހުމެވެ.

ހަމްދޫން އެދެނީ އޭނާ އަމިއްލަ ފުރާނައަށް ވުރެވެސް ލޯބިވާ ތުއްތު ދަރިފުޅު، އަލްޔާނަށް ތިބޭފުޅުން ކުޑަ ނަމަވެސް މާލީ އެހީތެރިކަމެއް ދިނުމަށެވެ. އަދި ހެޔޮ ދުޢާކޮށްދިނުމަށެވެ.

އަލްޔާން ޒައުލް އަށް އެހީތެރިވުމަށް

ފޯނު ނަންބަރު: 7915801 (އަހްމަދު ހަމްދޫން/ އަލްޔާންގެ ބައްޕަ)

ބީއެމްއެލް އެކައުންޓް ނަންބަރު: 7704239070101 (ހަމްދޫން އާ ގުޅިފައިވާ އެކައުންޓް ނަންބަރު)

ޑޮލަރު އެކައުންޓް ނަންބަރު: 7703239070101 (ހަމްދޫން އާ ގުޅިފައިވާ ޑޮލަރު އެކައުންޓް ނަންބަރު)

ނޯޓް: ސަންގެ މި ސެގްމެންޓްގެ ދަށުން ގެނެސްދޭ ފަރާތްތަކަށް އެހީތެރިވުމުގެ ކަންކަން އެ އާއިލާއާ ގުޅިގެން ކުރިއަށް ގެންދިއުން އެދެމެވެ. ފައިސާގެ އެއްވެސް ކަމެއްގައި ސަން އިން ބައިވެރިއެއް ނުވާނެއެވެ. ސީދާ އާއިލާއަށް އެހީތެރިވެ ދެއްވާށެވެ.

އެހީތެރިކަމަށް އެދޭ ފަރާތްތަކުން ސަން ކުލުނުގައި ބައިވެރިވުމަށް ‎9992747 ނުވަތަ ‎9982747 އަށް ގުޅައިގެން ކުރިއަށް ގެންދެވުން އެދެމެވެ.

comment ކޮމެންޓް