ރައީސް ޔާމީނަށް ތާއީދު އިތުރުކުރެއްވުމަށް ޑރ. ޝަހީމް މެލޭޝިއާއަށް

މެލޭޝިއާއަށް ފުރާވަޑައިގަތުމަށް ހުޅުލެއަށް ދިއުމަށް ޝަހީމް ލޯންޗަށް އަރައިވަޑައިގަންނަވަނީ -- ސަން ފޮޓޯ: މުހައްމަދު އަފްރާހް

މެލޭޝިއާގައި ދިރިއުޅޭ ދިވެހިންނާ ބައްދަލުކޮށް ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމަށް ތާއީދު އިތުރުކުރެއްވުމަށް އެމަނިކުފާނުގެ ރަނިން މޭޓް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މެލޭޝިއާއަށް ފުރާވަޑައިގެންފިއެވެ.

މެލޭޝިއާއަށް ފުރުމަށް ހުޅުލެއަށް ވަޑައިގަތުމުގެ ކުރިން ހަތަރު ނަންބަރު ޖެޓީ ސަރަހައްދުގައި ހުންނަވައި މީޑިއާއަށް މައުލޫމާތު ދެއްވަމުން ޝަހީމް ވިދާޅުވީ އެ ދަތުރަކީ ރައީސް ޔާމީންގެ ފަރާތްޕުޅުން މެލޭޝިއާގައި ދިރިއުޅުއްވާ ދިވެހި ރައްޔިތުންނާ ބައްދަލުކުރައްވައި ހާލު ބަލާލުމަށް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ.

ޝަހީމް ނޫސްވެރިންނަށް މައުލޫމާތު ދެނީ---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

"ޚާއްސަކޮށް ކިޔަވާ ކުދިންނާ ބައްދަލުކޮށް އެކުދިންގެ ކަންތައްތައް ބަލައި އަދި މީގެ އިތުރުން ރީ ރަޖިސްޓްރޭޝަންގެ ކަންތައްތައް ކުރިއަށްދާ ގޮތް ބަލައި އެއާއެކު ރައީސް ޔާމީނަށް ތާއީދު އިތުރުކުރުމަށް ކުރިއަށް ގެންދަން ޖެހޭ ކަންތައްތައް ކުރިއަށް ގެންދިއުމަށްޓަކައި ކުރާ ދަތުރެއް،" ރައީސް ޔާމީންގެ ރަނިން މޭޓަކަށް ހަމަޖެއްސުމަށްފަހު ރާއްޖެއިން ބޭރަށް ކުރައްވާ ފުރަތަމަ ދަތުރުފުޅަށް ފުރާވަޑައިގަތުމުގެ ކުރިން ޝަހީމް ވިދާޅުވިއެވެ.

އަންނަ ހަފްތާގައި ޝަހީމް ހދ. އަތޮޅަށް ދިއުމަށް ކުރިން ހަމަޖެހިފައި އޮތް ނަމަވެސް އެ ދަތުރުފުޅު ފަސްކުރައްވައި މެލޭޝިއާ ދަތުރު އަވަސް ކުރަން ޖެހިވަޑައިގަތީ ޕީޕީއެމްގެ އިސްވެރިން ބުރަކޮށް މާލޭގައި މަސައްކަތް ކުރަމުންދާތީ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މެލޭޝިއާ ދަތުރުފުޅަށްފަހު ހދ. އަތޮޅަށް ދަތުރުކުރައްވާނެ ކަން ޝަހީމް ފާހަގަކުރެއްވިއެވެ.

މެލޭޝިއާއަށް ކުރައްވާ ހަތަރު ދުވަހުގެ ދަތުރުފުޅުގައި ވަކިވަކިން ދިވެހިންނާ ބައްދަލުކުރެއްވުމުގެ އިތުރުން ދިވެހި އާއިލާތަކާއި ބައްދަލުކުރުމަށް ވެސް ހަމަޖެހިފައިވާ ކަމަށް ޝަހީމް ވިދާޅުވިއެވެ.

comment ކޮމެންޓް