މާލޭގެ ގެސްޓްހައުސްއެއްގައި ޒުވާނަކު މަރުވެފައި އޮއްވާ ފެނިއްޖެ

ސ. ހިތަދޫ ނަޝީދީ މަންޒިލް، އަލީ ޝިޔާޒް: މާލޭގެ ގެސްޓު ހައުސްއެއްގެ ތެރޭގައި އޭނާ މަރުވެފައި އޮއްވައި ވަނީ ފެނިފައި ---

މާލޭގެ ގެސްޓްހައުސްއެއްގައި ޒުވާނަކު މަރުވެފައި އޮއްވާ ފެނިއްޖެ އެވެ.

އެނގިފައިވާ ގޮތުގައި މިއަދު މެންދުރު، މަރުވެފައި އޮއްވާ ފެނުނީ ސ. ހިތަދޫ ނަޝީދީ މަންޒިލް، އަލީ ޝިޔާޒް އެވެ. އުމުރުން 25 އަހަރުގެ ޝިޔާޒް މައުވެފައި އޮއްވާ ފެނުނީ، އޭނާ ޗެކް އައުޓް ނުވުމުން ގެސްޓްހައުސް މީހުން ކޮޓަރި އަށް ވަދެގެން ބެލުމުންނެވެ.

ޝިޔާޒަކީ ވިލާ ގްރޫޕްގެ ފަން އައިލެންޑް ރިސޯޓުގައި ރިސެޕްޝަނިސްޓެއްގެ ވަޒީފާ އަދާކުރަމުން ދިޔަ މީހެކެވެ.

ފަން އައިލެންޑްގެ ރިސޯޓް މެނޭޖަރު އިސްމާއިލް ނަސީރު "ސަން" އަށް ވިދާޅުވީ، އޭނާ މާލެ އައީ އިއްޔެ، އެއް ދުވަހުގެ ޗުއްޓީއަކަށް ކަމަށެވެ. އަދި އޭނާ އަކީ އެ ރިސޯޓުގައި ވަރަށް ރަނގަޅަށް މަސައްކަތް ކުރަމުން ދިޔަ މީހެއް ކަމަށް ވެސް އިސްމާއިލް ވިދާޅުވި އެވެ.

"އިއްޔެ ދިޔައީ އެއް ދުވަހުގެ އޮފަކަށް. އެއީ ވަރަށް އިޚްލާސްތެރިކަމާ އެކު ވަރަށް ރަނގަޅަށް މިކޮޅުގަ މަސައްކަތް ކުރަމުން ދިޔަ ކުއްޖެއް،" އިސްމާއިލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޝިޔާޒަކީ ވަރަށް "ފިޓުކޮށް" ހުންނަ ކުއްޖެއް ކަމަށެވެ. އަދި އޭނާ މާލެ އައީ ސިއްހީ މައްސަލައެއް ދިމާވެގެން ނޫން ކަމަށް އިސްމާއިލް ވިދާޅުވި އެވެ.

"ވަރަށް ފިޓުކޮށް ހުންނަ ކުއްޖެއް އެއީ. ކުޅެން ވެސް ދާނެ. މާލެ ދިޔައީ ވެސް ބަލިވެގެނެއް ނޫން،" އިސްމާއިލް ވިދާޅުވި އެވެ.

މިކަމާ ގުޅޭގޮތުން ފުލުހުންގެ ބަހެއް ވަނީ ލިބޭގޮތް ނުވެފަ އެވެ.

comment ކޮމެންޓް