ރިލްވާންގެ މައްސަލައިގައި ކުރި ހުކުމް އިސްތިއުނާފު ކުރަނީ

ގެއްލިފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހްމަދު ރިޟްވާން އަބްދުﷲ

ނޫސްވެރިޔާ ރިލްވާން އަހުމަދު ގެއްލުނު މައްސަލާގައި ގ. ހިލްޓަން، އާލިފް ރައޫފާއި ގދ. ވާދޫ، ކަރަންކާގޭ، މުހައްމަދު ނޫރައްދީންގެ މައްޗަށް ކޮށްފައިވާ ޓެރަރިޒަމްގެ ދައުވާ ސާބިތު ނުވާ ކަމަށް މިއަދު ކްރިމިނަލް ކޯޓުން ކުރި ހުކުމް ހައިކޯޓުގައި އިސްތިއުނާފު ކުރަން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ނިންމައިފި އެވެ.

ޕީޖީގެ އޮފިޝަލަކު "ސަން" އަށް ވިދާޅުވީ ދައުލަތުން ބޭނުންވާ ލިޔުންތައް ހޯދުމަށް ކްރިމިނަލް ކޯޓަށް ހުށަހަޅައިފައި ވާނެ ކަމަށެވެ. އަދި އެ ލިޔުންތައް ލިބުނުހާ އަވަހަކަށް ހުކުމް އިސްތިއުނާފު ކުރުމަށް ހުށަހަޅާނެ ކަމަށް ވިދާޅުވި އެވެ.

ރިލްވާނު ގެއްލުނު ރޭ އޭނާ ގަދަކަމުން އެރުވި ކަމަށް ބުނާ ރަތް ކާރުގައި ތިބީ އާލިފް އާއި ނޫރައްދީން ކަމެއް ދައުލަތަށް ވަނީ ޝަރީއަތުގައި ސާބިތުކޮށް ނުދެވިފައެވެ. އަދި ކުށުގެ ވެށިން އެ ދެމީހުން ފެނުނު ކަމަށް އެއްވެސް ހެކިވެރިއަކު ބުނެފައި ނުވާ އިރު ފުލުހުން އާލިފްގެ ކާރުގެ ތެރެއިން ހޯދި އިސްތައްޓަކީ ރިލްވާންގެ އިސްތަށި ކަމެއް ވެސް ދައުލަތަށް ސާބިތުކޮށް ނުދެވުނެވެ.

މިއަދު ކްރިމިނަލް ކޯޓުން ކުރި ހުކުމުގައި ބުނެފައި ވަނީ ރިލްވާން ގެއްލުނު މައްސަލަ ތަހުގީގު ކުރުމުގައި ތަހުގީގީ އިދާރާއިން ދޫކޮލައިގެން ނުވާނެ މުހިންމު އިޖުރާއަތްތަކެއް ދޫކޮށްލައިފައިވާ ކަމަށެވެ.

އެގޮތުން ރިލްވާން އެރުވި ކަމަށް ބުނާ ރަތް ކާރު އޮތީ އެހެން ތަނެއްގައި ކަން ސާބިތުވެދާނެ ސީސީޓީވީ ފޫޓޭޖު ނަގަން ފުލުހުންގެ ކިބައިން އެދުނު ނަމަވެސް އެ ފޫޓޭޖު ނަގާފައި ނުވާކަމާއި، ރިލްވާން ވަގަށް ނެގި ކަމަށް ބުނާ ހާދިސާ ހިނގި ސަރަހައްދުން ފެނުނު ކަމަށް ހެކިވެރިން ބުނާ ވަޅީގެ ފޮރެންސިކް އެނަލިސިސް ފުލުހުން ހަދާފައި ނުވާކަން ހުކުމުގައި ފާހަގަކޮށްފައިވެ އެވެ. އާލިފްގެ މިލްކުގައިވާ ރަތް ކާރުގެ ތެރެއިން ފެނުނު ކަމަށް ފުލުހުން ބުނާ އިސްތިށީގެ ޗެއިން އޮފް ކަސްޓަޑީ ވެސް ހަދާފައި ނުވާތީ އެއީ ކޮންތަނަކުން ކޮން ވަގުތެއްގައި ނެތި އިސްތަށިތަކެއްތޯ އެނގެން ނެތްކަން ވެސް ހުކުމުގައި ފާހަގަކޮށްފައިވެ އެވެ.

އާލިފް އާއި ނޫރުއްދީންގެ މައްޗަށް ދައުވާ ސާބިތު ކުރުމަށް ދައުލަތުން 29 ހެއްކެއް ހުށަހެޅި އެވެ. އޭގެ ތެރޭގައި ހަތް ސިއްރު ހެކިވެރިން ހިމެނުނެވެ.

comment ކޮމެންޓް