އަނަސްގެ މަރުގެ ދައުވާ ލިބޭ އެންމެންވެސް ދައުވާއަށް އިންކާރުކޮށްފި

ޒަހަމްވި ޒުވާނާ: މެޔަށާއި ކަރަށް ވަޅި ހަރާފައިވޭ-- ސަން ފޮޓޯ/ ކިޔުންތެރިއެއް

މިދިޔަ އަހަރުގެ ޖުލައި މަހުގެ 31 ވަނަ ދުވަހުގެ ރޭ ލިޓަސް ސާވިސް ސެންޓަރުގެ ތެރޭގައި ރ. މީދޫ ފެންފިޔާޒުގޭ މުހައްމަދު އަނަސް މަރާލި މައްސަލާގައި ދައުވާ ކޮށްފައިވާ ހަތް މީހުންގެ ތެރެއިން ފަސް މީހަކު މިއަދު ދައުވާއަށް އިންކާރު ކޮށްފި އެވެ. މީގެ ކުރިން ބޭއްވި އެ މައްސަލައިގެ އަޑުއެހުމުުގައި ދައުވާ ލިބޭ ދެ މީހަކު ވަނީ ދައުވާއަށް އިންކާރުކޮށްފައެވެ.

އަނަސް މަރާލި މައްސަލައިގައި ދައުވާކޮށްފައި ވަނީ ލ. ގަން، ނަންނާރިގެ ޖުނައިދު އަބްދުﷲ އާއި ސ. ފޭދޫ ވެސްޓަންވިލާ ހަސަން މަހްފޫޒް އާއި ދަފްތަރު ނަމްބަރު 1746 ސިމާހު މޫސާ އާއި ޅ. ކުރެންދޫ އަސަރުމާގެ އަހުމަދު ޒަޔާނާއި މ. ދިމިޝްގު އުސްމާން ޝަރީފާއި މ. ލޮނުމިދިލިގެ އަފްރާހު އަބްދުލްރަހްމާން އަދި ތ. ކިނބިދޫ ގުލްފާމްގެ މުހައްމަދު ސާޒްގެ މައްޗަށެވެ.

މި މީހުންގެ ތެރެއިން، މުހައްމަދު ސާޒު އާއި ޖުނައިދު އަބްދުﷲ އާއި ހަސަން މަހްފޫޒު އަދި ސިމާހު މޫސާގެ މައްޗަށް ކޮށްފައި ވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގައި ބައިވެރިވުމުގެ ދައުވާ އެވެ. އަހުމަދު ޒަހާނާއި އަފްރާހު އަބްދުއްރައްޒާގާއި އުސްމާން ޝަރީފުގެ މައްޗަށް ކޮށްފައި ވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާ އެވެ.

މިއަދު ކްރިމިނަލް ކޯޓުގައި ތާވަލުކޮށްގެން ކުރިއަށް ގެންގޮސްފައި ވަނީ އެ ހަތް މީހުންގެ މައްސަލައިގެ އިބްތިދާއީ މަރުހަލާގެ އަޑުއެހުމެކެވެ. އެ އަޑުއެހުމަކީ ދިފާއަށް ލިބެން ޖެހޭ ލިޔެކިޔުންތައް ފުރިހަމަވެފައިވޭތޯ ބެލުމަށް ފަހު ދައުވާއަށް ޖަވާބުދާރީވާން ބޭއްވި އަޑުއެހުމެކެވެ.

މިއަދު މި މައްސަލައިގައި ބޭއްވި އަޑުއެހުމުގައި ދައުވާއަށް އިންކާރުކޮށްފައި ވަނީ ޖުނައިދު އަބްދުﷲ އާއި ހަސަން މަހްފޫޒް އާއި ސިމާހު މޫސާ އާއި އަހުމަދު ޒަޔާން އަދި އުސްމާން ޝަރީފު އެވެ. މީގެ ކުރިން ބޭއްވި މި މައްސަލައިގެ އަޑުއެހުމެއްގައި މުހައްމަދު ސާޒު އާއި އަފްރާހު އަބްދުލްރަހްމާން ވަނީ ދައުވާއަށް އިންކާރު ކޮށްފައެވެ. ދައުވާއަށް އިންކާރު ކުރަމުން ޖުނައިދާއި ސިމާހު އަދި މަހްފޫޒުގެ ވަކީލުން ބުނެފައި ވަނީ އެ ތިން މީހުން ވެސް އަނަސް މަރާލި އިރު ހުރީ އެ ހާދިސާ ހިނގި ސަރަހައްދުގައި ނޫން ކަމަށެވެ.

ދައުވާ ލިބޭ ހަތް މީހުންނާ ދެކޮޅަށް ދައުލަތުން ހުށަހަޅާ ހެކި މިއަދު ވަނީ ހާމަކޮށްފައެވެ. އެގޮތުން ހަތް މީހުންނާ ދެކޮޅަށް ހުށަހެޅި ހެކީގެ ތެރޭގައި ވީޑިއޯ އެނަލިސިސް ރިޕޯޓެއް، ސީޓީވީ ފޫޓޭޖް، މަރު ސާބިތުވި ކަމުގެ ލިޔުން، ޑެތް ރިޕޯޓު، ސީން އޮފް ކްރައިމް ރިޕޯޓު، ފުލުހުންގެ ތަހުގީގު ރިޕޯޓު، އަދި ފުލުހުންގެ އިންޓެލިޖެންސް ރިޕޯޓު ހިމެނެއެވެ. މީގެ އިތުރުން ހަތް މީހުންނާ ދެކޮޅަށް ސިއްރު ހެކިވެރިންވެސް ހުށަހަޅައިފައިވެ އެވެ.

އެ ހަތް މީހުންގެ ދިފާއުގައި ވަކީލުން ހުށަހެޅުމަށް ފަސް ދުވަހުގެ މުއްދަތެއް މިއަދު ގާޒީ ވަނީ ދެއްވައިފައެވެ. މީގެ އިތުރުން ޝަރީއަތުގެ ހުށަހަޅާ ހުށަހެޅުންތައް ހުށަހަޅަން ދިހަ ދުވަހުގެ މުއްދަތެއް ވަނީި ދެއްވައިފައެވެ.

އަފްރާހު އާއި މަހްފޫޒުގެ ވަކީލުން މިއަދު ވަނީ އެ ދެމީހުން ގޭބަންދަށް ދޫކޮށްލުމަށް އެދިވަޑައިގެންފައެވެ. ނަމަވެސް ގާޒީ ވަނީ ބަންދުން ދޫކޮށްލެވެން ނެތް ކަމަށް ނިންމާފައެވެ.

comment ކޮމެންޓް